ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާ ލުމުގެ ވާހަކަ އަކީ މާކުރިންވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. ރާއްޖޭގެ ރަށްތަކުގެ ތަރައްގީ އޮތީ ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލައިގެންކަން އެއީ އެންމެންހެން ގަބޫލު ކުރާ ކަމެކެވެ. އެހެން ނަމަވެސް ކަން ކުރުމުގައި ލަސްވަމުން ދިއުމުގެ ސަބަބުން އެއީވެސް ކުރެވިދާނެ އަދިން ހިންގިދާނެ ކަމެއްކަމާ މެދު އަބަދުވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިނިސްޓްރު އަސްލަމް ވިދާޅުވީ ހދ.އަތޮޅުގައި ސްޕީޑް ފެރީގެ ހިދްމަތް ފެށިފަހުން 3،000 ދަތުރުވެރިން ދަތުރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ދަތުރު ކޮށްފައިވަނީ ސިއްހީ ފަރުވާއަށެވެ. ދެން އެންމެ ގިނަ މީހުން ދަތުރު ކޮށްފައިވަނީ ވިޔަފާރި ބޭނުން ތަކުގައެވެ. އަދި ބައެއްމީހުން ދަތުރު ކޮށްފައިވަނީ ޗުއްޓީ ހޭދަ ކޮށްލުމަށެވެ. ކުޅުދުއްފުށީ މީހުން ޗުއްޓީ ހޭދަ ކޮށްލައި މޫދަށް އެރި ލުމަށް ދަތުރު ކޮށްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އަސްލަމް އިތުރަށް ފާހަގަ ކުރެއްވީ ރަށްރަށުގެ މެދުގައި އޮތް ގުޅުން ކުޑަކަމެވެ. އެހެން ކަމުން ކިތަންމެ ކުދި ރަށްރަށް ކަމުގައި ވިޔަސް އެއްރަށް އަނެއްރަށާ ގުޅުމެއް އުފެދެން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު އެގުޅުން ނެތް ކަމުގައި ވިޔަސް މި ނިޒާމު ކާމިޔާބު ކަމާއެކު މީހުންނަށް ތައާރަފް ކުރެވިއްޖެ ނަމަ އެގުޅުންތައް އޮންނަން ޖެހޭނެ ސަބަބުތައް އުފެދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ފެރީގެ ނިޒާމުން ނުވަތަ ދަތުރު ފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމަކީ އެތަކެއް ފަސޭހަތަކެއް ވެގެންދާނެ ކަމެކެވެ. އެހެންނަމަވެސް އޭގެ ސަބަބުން އުފެދިދާނެ އިޖްތިމާއީ މައްސަލަތަކެއްވެސް ހުރެދާނެއެވެ. އޭގެ އިތުރުން މޫސުން ގޯސް ދުވަސްތަކުގައި ދަތުރު ފަތުރު ކުރުމަކީ އުނދަގޫ ކަމެއކެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދީގެން މިކަމަށް ވިސްނުމަކީވެސް މުހިއްމު ކަމެކެވެ.
އަތޮޅުގައި 14 ރަށް ހިމެނޭ ށ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ދަތުރު ފަތުރުގެ ނިޒާމުގެ ސަބަބުން ގިނަ ފައިދާތަކެއް އަތޮޅުގެ ރައްޔިތުންނަށް ލިބެމުން ދާ ކަމަށެވެ. އޭނާ ވިދާޅުވީ އެއަތޮޅުގެ މުދާ ފެރީގެ ދަތުރުތައް ކުރުމުގައި ކުރިން ދިމާވި ދަތިތައް މިހާރު ހައްލު ކޮށްފައިވާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށެވެ.
ކުރިން ހިތްހަމަ ނުޖެހުން ތަކެއް ހުރި ކަމުގައި ވިޔަސް މިހާރު މުދާއުފުލާ ފެރީއާއި އަދި ޕެސެންޖަ ފެރީގެ ހިދްމަތްވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައި ވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ އެއްރަށުން ގެންނަ މުދާ ސީދާ އަނެއް ރަށްރަށަށް ނުފުނުވާތީ ވެރިރަށުން އެއްފެރީ އަނެއް ފެރީއަށް މުދާ ލެވޭ ގޮތްވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހެނީ އެމީހުން އަމިއްލަ އަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ފެރީގެ ހިދްމަތަކީ ރައީސް މައުމޫގެ ދައުރުން ފެށިގެންވެސް އޮންނަ ހިދްމަތެކެވެ. ހިދްމަތުގެ ފެންވަރު ރަނގަޅުވެ އަންނަ ބަދަލުތައްވެސް ލަހެވެ. އެހެންނަމަވެސް މިހާރު ހދ.އަތޮޅުގައި އެވަނީ އަވަސް ފެރީ ނުވަތަ ސްޕީޑް ފެރީގެ ހިދްމަތް ފަށާފައެވެ. މުހިންމީ ސްޕީޑް ފެރީގެ ހިދްމަތް ދޭނަމޭ ކިޔާލަ ކިޔާލަ ތިބުމެއް ނޫނެވެ. މުހިއްމީ ފެންވަރު ރަނގަޅު ފެރީގެ ހިދްމަތް މުޅި ގައުމަށް އަވަހަށް ލިބުމެވެ.