ads
މާލޭގެ މަގުމަތި: ފޮޓޯ ސަން
މާލޭގެ ބޮޑު ސަރަހައްދެއްގައި ތާރުއަޅަން އެބަ މަސައްކަތްކުރަން: އާރުޑީސީ
މާލޭ ސިޓީގެ ބޮޑު ސަރަހައްދެއްގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުވެފައިވާ ކަމަށާއި އެ މަސައްކަތް ފަށަން މިހާރުވެސް ތައްޔާރަށް އޮތްކަމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނެފި އެވެ.

މިއަދު ސީއެންއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މާލޭގެ މަގުތަކުގެ މައްސަލަ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ މައްސަލަ މިހާރުވެސް ލަސްވެފައިވާ ކަމަށެވެ. 

މޫކޭ ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގިކުރުމުގެ ވިސްނުން އާރުޑީސީން އަބަދުވެސް ގެންގުޅުއްވާ ކަމަށާއި ނަމަވެސް ބައެއްކަހަލަ ގޮންޖެހުންތައް ހުރުމުގެ ސަބަބުން މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށެވެ. 

މޫކޭ ވިދާޅުވީ މާލޭގެ 15 މަގެއް ޒަމާނާއި އެއްގޮތަށް ތަރައްގީކުރުމުގެ އެއްބަސްވުމެއް މާލޭ ސިޓީ ކައުންސިލާއެކު މީގެ ކުރިންވެސް ވެފައިވާ ކަމަށާއި، ނަމަވެސް ކައުންސިލް ބަދަލުވުމާއެކު ފައިސާގެ ބައެއް މައްސަލަތައް ދިމާވުމުން މަސައްކަތް އޭރު ހުއްޓާލެއްވީ ކަމަށެވެ.

" ކުރިންވެސް ހެދިން އެއްބަސްވުން އެކަމަކު އޭރުގެ ކައުންސިލް ބަދަލުވުމާއި، އަޅުގަނދުމެންގެ މަސައްކަތައް ފައިސާ ނުލިބުމާ މިކަހަލަ ދަތިތަކަކާއެކު އޭރު މަސައްކަތްވެސް ނުކޮށް ހުއްޓާލީ. އަޅުގަނޑުމެންނަށް އޭރު ހެދުނީ ހަމައެކަނި ރޯޝަނީމަގު އެކަނި. " މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވި މިހާރުގެ ސިޓީ ކައުްނސިލާއެކު އަލުން މާލޭގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ތަރައްގީ ގެނައުމަށް އެއްބަސްވެފައިވާ ކަމަށާއި، ސިޓީ ކައުްނސިލުން ނިންމަންޖެހޭ ކަންކަން ނިމިމާއެކު ލަސް ނުކޮށް މި މަސައްކަތް ފަށާނެ ކަމުގަ އެވެ. 

" ސިޓީ ކައުންސިލުގެ ކަމެއް އެއީ އަވަސްކުރުން. އެބޭފުޅުން ނިމުމާއެކު އަޅުގަނޑުމެން މަސައްކަތް ފަށާނަން. އެބަހުރި މިތާގަ ހުރިހާ ސާމާނެއްވެސް. ހަމަ އެކަނި ކައުންސިލުން އޯކޭ ޖަހަންވީ ދެން. " މޫކޭ ވިދާޅުވި އެވެ.

އާރުޑީސީން ވަނީ މާލޭގެ ޖުމްލަ 15 މަގެއްގައި ތާރު އެޅުމަށް ނިންމާފަ އެވެ. އެ މަގުތަކަކީ އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު ޢަލީ ހިނގުން، ޢިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް