ads
ޖޭއެސްސީގެ ރައީސް ހިސާން
ފަނޑިޔާރުންގެ މައްސަލާގައި ޖޭއެސްސީގެ ވަރުގަދަ ރައްދެއް ޖުޑިޝަރީ ކޮމެޓީއަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ފާސްކުރުމުން، އެކަމަށް ޖޭއެސްސީން ރައްދު ދީފި އެވެ.

ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައި ވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، ފަނޑިޔާރު އަބުދުއްރައޫފް އަދި ފަނޑިޔާރު އަބްދުﷲ އެ ފްލެޓުތަކާއި ހަވާލުވުމަކީ ޤާނޫނު އަސާސީއާ ހިލާފު އަމަލެއްކަމަށް ކަނޑައަޅާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅަން ނިންމާފައިވަނީ މިދިޔަ އެޕްރީލު މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވުނު، އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ. 

ޖޭއެސްސީން މަޖިލީހަށް ފޮނުވި އެ ހުށަހެޅުން ދިރާސާކުރުމަށް މިދިޔަ އެޕްރީލް މަހު އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، އެމައްސަލަ ދިރާސާ ކުރިއިރު ދެފަނޑިޔާރުންގެ ފަރާތުން ފޮނުވާފައިވާ ސިޓީއާއި، ޖޭއެސްސީގެ ރިޕޯޓުވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ފާހަގަވި ދެކަމެއް އެބައޮތް ކަމަށާއި އެކަން ސާފުކުރަން ބޭނުންވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

އެހެންކަމުން ހަތަރު ސުވާލެއް އުފައްދަވާ އެކަންކަން ސާފުކުރަން ޖޭއެސްސީއަށް ސިޓީއަކުން ދެންނެވުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން އެދުވަހުގެ ކޮމެޓީގެ އިއްތިފާގުން ފާސްވެފައިވާތީ، އެ ސުވާލުތަކަށް ޖަވާބުދާރީވެ، ޖޭއެސްސީން ކޮމެޓީއަށް ފޮނުވި ލިއުންތައް އިއްޔެއާއި މިއަދު ކޮމެޓީގައި ވަނީ ދިރާސާކޮށްފައެވެ.

އެ ލިއުންތައް ދިރާސާކުރުމަށްފަހު މިއަދު އެ ކޮމެޓީގެ އިއްތިފާގުން ނިންމީ ޖޭއެސްސީގެ ނިންމުން ގޯސް ކަމަަށާއި، ދެ ފަނޑިޔާރުންގެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށެވެ. އަދި އެމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ނިންމާ، އެމައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް މައްސަލަ އަނބުރާ ފޮނުވާލުމަށް ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. 

އެކަމަށް ރައްދުދީ ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އެއް ކަމަކީ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކަމަށެވެ.

އެ ކަމުގެ ރައްދުގައި ޖޭއެސްސީން ބުނީ، ފަނޑިޔާރު އަބްދުއްރައޫފް އަދި ފަނޑިޔާރު އަބްދުﷲ އާމެދު އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ޤާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށް ކަމަށެވެ. މައްސަލައިގެ މައިގަނޑު ނިންމުމަކީ 20000 ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަން ކަމަށާއި، މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވާ ކަމަށެވެ.

މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށް ކޮމެޓީން ބުނެފައިވާތީ އެކަމަށް ވެސް ޖޭއެސްސީން ވަނީ ރައްދުދީފަ އެވެ. 

ޖޭއެސްސީން  ބުނީ، މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއް ކަމަށެވެ. ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށް ކަމަށާއި، ދެ ފަނޑިޔާރާއި މެދު އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. 

"އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައި ވެސް ވެއެވެ. އަދި ހަމައެހެންމެ، މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވެއެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ކޮމެޓީން މިއަދު ފާހަގަކުރި ގޮތުގައި މިހާރު އޮންނަ ގޮތުން ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރެއް ވަކިކުރަން ނިންމުމުގެ ކުރިން ދޭންޖެހޭ ނަމަވެސް ޖޭއެސްސީން އެކަން ކޮށްފައި ނުވާކަން ޖޭއެސްސީން ކޮމެޓީއަށް ފޮނުވި ލިއުމުންވެސް އަދި ދެ ފަނޑިޔާރުންގެ ބަހުންވެސް އެނގޭ ކަމަށެވެ.

އެކަމުގެ ރައްދުގައި ޖޭއެސްސީން ބުނީ، އެ ކޮމިޝަންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނަކަމަށް ބަޔާންކޮށްފަ ނުވާ ކަމަށެވެ.

" އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ކޮމިޓީއާ ފާހަގަކުރާ އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ކަމެވެ. 

އެކަމުގެ ރައްދުގައި ޖޭއެސްސީން ބުނީ، ދެ ފަނޑިޔާރާއިމެދު އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނު ކަމަށާއި، އެކޮމިޓީއަށް އެކޮމިޝަނުން އެއްވެސް ބަދަލެއް ގެނެސްފައެއްނުވާނެ ކަމަށެވެ.

އެހެންކަމުން މައްސަލަ ތަހްގީގުކޮށް އެކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ކަމަށް ޖޭއެސްސީގެ ރައްދުގައި ބުނެފައިވެއެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް