ads
ވަކިކުރަން ނިންމާފައިވާ ދެފަނޑިރާރުން ކަމަށްވާ ފަނޑިޔާރު ހަމީދު އަދި ރައޫފް
2 ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް ނިންމައިފި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައި ވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، ފަނޑިޔާރު އަބުދުއްރައޫފް އަދި ފަނޑިޔާރު އަބްދުﷲ އެ ފްލެޓުތަކާއި ހަވާލުވުމަކީ ޤާނޫނު އަސާސީއާ ހިލާފު އަމަލެއްކަމަށް ކަނޑައަޅާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅަން ނިންމާފައިވަނީ މިދިޔަ އެޕްރީލު މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވުނު، އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ. 

ޖޭއެސްސީން މަޖިލީހަށް ފޮނުވި އެ ހުށަހެޅުން ދިރާސާކުރުމަށް މިދިޔަ އެޕްރީލް މަހު އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، އެމައްސަލަ ދިރާސާ ކުރިއިރު ދެފަނޑިޔާރުންގެ ފަރާތުން ފޮނުވާފައިވާ ސިޓީއާއި، ޖޭއެސްސީގެ ރިޕޯޓުވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ފާހަގަވި ދެކަމެއް އެބައޮތް ކަމަށާއި އެކަން ސާފުކުރަން ބޭނުންވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

އެހެންކަމުން ހަތަރު ސުވާލެއް އުފައްދަވާ އެކަންކަން ސާފުކުރަން ޖޭއެސްސީއަށް ސިޓީއަކުން ދެންނެވުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން އެދުވަހުގެ ކޮމެޓީގެ އިއްތިފާގުން ފާސްވެފައިވާތީ، އެ ސުވާލުތަކަށް ޖަވާބުދާރީވެ، ޖޭއެސްސީން ކޮމެޓީއަށް ފޮނުވި ލިއުންތައް އިއްޔެއާއި މިއަދު ކޮމެޓީގައި ވަނީ ދިރާސާކޮށްފައެވެ.

އެ ލިއުންތައް ދިރާސާކުރުމަށްފަހު މިއަދު އެ ކޮމެޓީގެ އިއްތިފާގުން ނިންމީ ޖޭއެސްސީގެ ނިންމުން ގޯސް ކަމަަށާއި، ދެ ފަނޑިޔާރުންގެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށެވެ. އެމައްސަލާގައި ދެފަނޑިޔާރުން ވަކިކުރުމުގައި އިޖްރާއީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ކަމަށް ނިންމާ ކޮމެޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބަލަންވީ ކަންކަން ނުބެލުމާއި، ފަނޑިޔާރުންނަށް ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އޮތްކަން ފާހަގަކުރިއެވެ.

"ޖޭއެސްސީގެ ލިއުންތަކަށް ރިއާޔަތްކުރާއިރު، ފަހުން އެހެން ކޮމެޓީއެއް އެކުލަވާލެވި، ނިންމުން ބަދަލުވެފައިވާކަން އަޅުގަނޑު ފާހަގަކުރަން. ދެވަނަ ކަމަކަށް ފަނޑިޔާރުން ވަކިކުރުމުގެ ކުރިން އެންމެ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެބެޖެހޭ މިހާރު ގާނޫނު އޮތްގޮތުން. އެހެވީމަ މިކަންކަމަށް ބެލީމަ ޖިނާއީ އަދަލުވެރިކަން މައްސަލާގައި ގާއިމު ވެފައި ނުވާތީ މިމައްސަަލަ އަލުން ބެލުމަށް ޖޭއެސްސީއަށް ފިނުވުމަށް ހުށަހަޅަން" އަލީ ހުސެއިން ވިދާޅުވިއެވެ.

ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ޖޭއެސްސީ ގޯސްތައް ހަދާފައިވާ ކަމަށް ބުނެ، ދެ ފަނޑިޔާރުންގެ ފަރާތުން ކޮމެޓީއަށް ފޮނުވި ސިޓީއަށް ރިއާޔަތްކޮށް ސުވާލު އުފެދޭ ކަންކަން ހުރުމުން ކޮމެޓީން ސާފުކުރަން ބޭނުންވެގެން ޖޭއެސްސީގައި ހަތަރު ސުވާލެއް ކޮށްފައިވެއެވެ. މިއަދާއި އިއްޔެ ކޮމެޓީން ދިރާސާކުރީ އެކަމަށް ލިއުމުން އެ ކޮމިޝަނުން ފޮނުވި ޖަވާބުތަކެވެ.

ކޮމެޓީން ޖޭއެސްސީއާއި ކުރިމަތިކޮށްފައިވާ ސުވާލުތައް

  • މިމައްސަލަ ދިރާސާކުރިއިރު، ފަނޑިޔާރުން ކޮމެޓީއަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ކޮމެޓީން ސާފުކުރަން ބޭނުންވެގެން ޖޭއެސްސީއަށް ހަތަރު ސުވާލެއް ހުށަހަޅާފައިވެއެވެ. 
  • ސްލޫކީ މައްސަލަ ތަހުގީގުކުރުމަށް އުފެއްދި ތަހުގީގު ކޮމެޓީގެ އިއްތިފާގުން މައްސަލަ ސާބިތުނުވާ ކަމަށް ނިންމި މައްސަލައެއް، ފަހުން އެ ކޮމެޓީއަށް ބަދަލުގެނެވި މުޅި ނިންމުން ބަދަލުވެފައިވަނީ ކީއްވެތޯ؟ 

ސިރާޖް ވިދާޅުވީ، ސްލޫކީ މައްސަލަ ތަހުގީގުކުރުމަށް ފުރަތަމަ އެކުލަވާލި ތިން މެމްބަރެއްގެ މައްޗަށް އެކުލެވޭ ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެއްވެސް ސްލޫކީ މައްސަލައެއްް ނެތްކަމާއި، އެއްވެސް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް ކަމަށެވެ.

އެގޮތަށް ނިންމާފައިވަނިކޮށް ކޮމެޓީގެ މެމްބަރަކު އިސްތިއުފާދިނުމުން ފަހުން އެކުލަވާލެވުނު ކޮމެޓީގެ ރިޕޯޓުގައި މުޅި ނިންމުން ބަދަލުވެފައިވާކަން ސިރާޖް ފާހަގަކުރެއްވިއެވެ. އެ ރިޕޯޓުގައި ނިންމާފައި ވަނީ ސްލޫކީ މައްސަލައެއް އޮތްކަމަށެވެ. އަދި ފިޔަވަޅު އަޅަން ނިންމާފައި އޮތްނަމަވެސް ވަކިކުރަން ނިންމާފައި ނުވާކަމަށް ސިރާޖް ވިދާޅުވިއެވެ. 

" މިކަން އަޅުގަނޑަށް ފެނޭ ޖޭއެސްސީ ފަރާތުން ސާފުކޮށްލަން. ފުރަތަމަ ސްލޫކީ ކޮމެޓީން އިއްތިފާގުން އެއްވެސް ސްލޫކީ މައްސަލައެއް ނެތްކަމަށް ނިންމަވާފަ، ފަހުން ކޮމެޓީއަށް ކުޑަ ބަދަލެއް އައިސް، އިއްތިފާގުން ނިންމަވާފައި އޮތް ނިންމުމެއް އެއްކޮށް އެ ބަދަލުވީ ކީއްވެތޯ އަޅުގަނޑު ބޭނުންވޭ" ސިރާޖް ވިދާޅުވިއެވެ.
  • ފަހުން އެކުލަވާލެވުނު ތަހުގީގު ކޮމެޓީގެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދެވިފައިވޭތޯ؟ ދެވިފައިވާނަމަ އެކަމުގެ ތަފްސީލެއް ކޮމެޓީއާއި ހިއްސާކުރަން

ދެވަނަ ކަމަކަށް ސިރާޖް ވިދާޅުވީ، ފަހުން އެކުލަވާލި ސްލޫކީ ކޮމެޓީގެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭކަމަށް ދެފަނޑިޔާރުން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ ޖޭއެސްސީގެ ގަވާއިދާ ހިލާފު ކަމެއްކަން ފާހަގަކޮށް ސިރާޖް ވިދާޅުވީ، ފަނޑިޔާރަކާއިމެދު އަޅާ ފިޔަވަޅެއް ނިންމަންވާނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުސަތުދީފައި ކަމަށް ގާނޫނުގައި ބަޔާން ކުރާ ކަމަށެވެ. 

"ނަމަވެސް އެ ފުރުސަތު [ދެވަނަ ސްލޫކީ ކޮމެޓީން] ދީފައި ނުވާކަމަށް، ފަނޑިޔާރުން އެބަ ފާހަގަކުރޭ. މިގޮތަށް ފާހަގަކުރާކަމަށްވަންޏާ އަޅުގަނޑަށް ފެންނަނީ މިކަންކަން ސާފުކޮށްލުން ރަނގަޅުހެން. އަޅުގަނޑުމެން މި ދައްކަނީ ހައި ކޯޓުގެ ފަނޑިޔާރަކު ވަކިކުރާ ވާހަކަ. ދެން އަޅުގަނޑުމެން މި ކޮމިޓީގެ މަސްއޫލިއްޔަތަކީ ވެސް މި ގޮތަށް ފޮނުވާ މައްސަލަތަކުގައި އިޖުރާއީ ގޮތުން ކަންކަން ގޮސްފައި ހުރީ ރަނގަޅަށްތޯ ބަލައި އެކަންކަން ސާފު ކުރުން. އަޅުގަނޑަށް ފެންނަގޮތުގައި މިއީ ހަމަ އިޖުރާއީ ގޮތުން ބަލާ ސާފުކޮށްލަން ރަނގަޅު ކަމެއް" ސިރާޖް ވިދާޅުވިއެވެ.
  • މިގޮތަށް ފްލެޓް ލިބިފައިވާ އެއްވެސް މީހަކު މީގެ ކުރިން ޝަރަފުވެރިކަމާއިއެކު ރިޓަޔަކުރަން ފުރުސަތު ދެއްވާފައިވާނެތޯ؟ ދެވިފައިވާނަމަ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި އެކަމަށް ރިއާޔަތް ނުކުރީ ކީއްވެތޯ؟

ތިންވަނަ ކަމެއްގެ ގޮތުގައި ސިރާޖް ފާހަގަކުރެއްވީ، މީގެ ކުރިން ހަމަ އެގޮތަށް ފްލެޓު ލިބިފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއިއެކު ރިޓަޔަކުރުމުގެ ފުރުސަތު ޖޭއެސްސީން ދީފައިވާކަމަށްވެސް ފަނޑިޔާރުން ފާހަގަކުރާ ކަމަށެވެ. އެހެންކަމުން އެއްމަސަލައެއްގައި ދެގޮތަކަށް ނިންމަންޖެހުނު ސަބަބެއް ސާފުކުރުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.

" މި ފްލެޓް މައްސަލާގައި މި ވަކިކުރަނީ. އަދި އެބަ ފާހަގަކުރޭ[ފަނޑިޔާރުން]، މީގެ ކުރިން މިގޮތަށް ފްލެޓު ލިބިފައި ހުރި ފަނޑިޔާރުން ޝަރަފުވެރިކަމާއިއެކު ރިޓަޔަކުރައްވަން ޖޭއެސްސީން ފުރުސަތު ދީފައިވާކަމަށް. އެހެންވީމަ މިކަންވެސް ޖޭއެސްސީގެ ފަރާތުން ސާފުކޮށްލަން އަޅުގަނޑު ބޭނުން" ސިރާޖް ވިދާޅުވިއެވެ.
  • މިހާރު އޮތް ޖޭއެސްސީން ވެސް ފަނޑިޔާރުންނަށް ފްލެޓުދިނުމަށް މަޝްވަރާތަކެއް ކުރިކަމަށް މައުލޫމާތު ލިބޭތީ އެކަން ހިނގައިދިޔަތޯ އެކަން ހިނގައިދިޔައީ ކިހިނެތްތޯ؟

އެންމެ ފަހު ކަމެއްގެ ގޮތުގައި ސިރާޖް ފާހަގަކުރައްވާފައިވަނީ މިހާރު އޮތް ޖޭއެސްސީންވެސް ފަނޑިޔާރުންނަށް ފްލެޓުދޭން ވާހަކަތަކެއް ދައްކާފައިވާކަމުގެ ޝަކުވާތަކެއް ކޮމެޓީއަށް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫން މިއީ ފަނޑިޔާރަކަށްވީތީ ފްލެޓު ދޭންޖެހޭނެ ކަމަށް. އެއީ ރަނގަޅު ކަމެއްވެސް ނޫން. މި ޝަކުވާ ފޮނުވާފައިވާ ފަރާތްތަކުންވެސް އެބަ ފާހަގަކުރޭ، މިހާރުގެ ޖޭއެސްސީންވެސް، ފްލެޓު ފަނޑިޔާރުންނަށް ދިނުމަށް، އެކަން ވާނެ ގޮތަކަށް މަސައްކަތްތަކެއް ރާވަމުންދިޔަަކަމުގެ މައުލޫމާތު ލިބޭކަމަށް. އަޅުގަނޑު އެދެން އެކަން ހިނގާފައިވަނީ ކިހިނެތްތޯ؟ އަދި އެމަޝްވަރާތައް ކޮށްފައިވަނީ ކޮންކޮން ތަންތަނެއްގަތޯ ސާފުކުރަން" ސިރާޖް ވިދާޅުވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް