ވެންޓިލޭޓަރުގެ މައްސަލަ އަކީ ކޮވިޑު19 އިގެ ހާލަތުގައި ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން ބާކީ 60 ވެންޓިލޭޓަރު ލިބިފައިނުވާތީ އެ ވެންޓިލޭޓަރުތައް ހޯދުމަށް ނުވަތަ މިކަމަށް ހަރަދުވި ފައިސާ ހޯދުމަށް ދައުވާކުރާ މައްސަލަ އެކެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބައެއް އާލާތްތައް ނުލިބެ އެވެ. ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު އަދި ވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ސީއެންއެމް"އަށް މިއަދު ވިދާޅުވީ ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ފަހު ފުރުސަތު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް އިޖާބަދީފައިނުވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސީއެންއެމް އަށް ވިދާޅުވީ ވެންޓިލޭޓަރު ތަކުގެ މައްސަލަ އާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާ އެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މުވައްޒަފެއްގެ މައްޗަށް ޕީޖީން ދައުވާ އުފުލާފައިނުވެ އެވެ.