
މި ބައްޔާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުން ޑަބްލިއުއެޗްއޯއިން ބުނީ، ކުރިން މި ބަލު ފެތުރެމުން ދިޔައީ، މި ބަލި ޖެހިފައިހުރި، އެ ބަލި ފެތުރިފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ދިޔަ މީހުންގެ ތެރޭގައި ކަމަށާއި، އެހެން ނަމަވެސް މިހާރު ބަލި ފެތުރެމުން އަންނަނީ، ދުވަހަކުވެސް އެ ބަލި ހުރި ސަރަހައްދަކަށް ނުވަތަ ގައުމަކަށް ގޮސްފައިވާ ބައެއްގެ ތެރޭގައި ނޫން ކަމަށެވެ.
މީގެ އިތުރުން ޑަބްލިއުއެޗްއޯއިން ބުނީ، ބަލި ފެތުރޭ މިންވަރު މިހާރު ހަލުވިވެފައި ވާކަމަށާއި، ބަލި ބޮޑަށް ފެތުރެމުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގަމުން އަންނަ މީހުންގެ ތެރޭގައި ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ސްޓްރެޓީޖިކް އެންޑް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ރައީސް، ޑޭވިޑް ހޭމާން ވިދާޅުވީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މި ބަލި ޖެހިފައިވާ މީހުން ހިމެނޭގޮތަށް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މި މީހުންނަށް ބަލި ޖެހުނު ކަމަށް ލަފާ ކުރެވެނީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ކަމަށް މިހާތަނަށް ހޯދިފައި ވާކަމަށެވެ.
އަދި މިމީހުންގެ ގައިގައި މި ބަލި ހުރިކަން އެނގިފައިވަނީ، ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ބައްޔަކަށް ފަރުވާ ހޯދުމަށް ކްލިނިކް ތަކަށް ދެއްކުމުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މި ކްލިނިކް ތަކަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ދިމާވާ މައްސަލަތަކަށް ފަރުވާ ދޭ ކްލިނިކް ތަކެއް ކަމަށްވެސް ޑޭވިޑް ހޭމާން ވިދާޅުވި އެވެ.
މިހާތަނަށް ދުނިޔޭގެ 12 ގައުމަކުން މި ބަލި ފެތުރިފައި ވާއިރު، އިއްޔެއާއި ހަމައަށް 80 މީހުންނަށް މިބަލި ޖެހިފައި ވާކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.