ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އިންޑިޔާގެ މަސްބޯޓުތަށް ރާއްޖޭގެ ކަނޑުގެ އެއްވެސް ސަރަހައްދެއްގައި އުޅޭކަން އެނގިފައި ނުވާ ކަމަށެވެ.
މެމްބަރު ސަލީމް ސުވާލުކުރެއްވީ އިންޑިއާގެ ބޯޓު ފަހަރަށް ރާއްޖޭގެ ގަވާއިދުގެ ބޭރުން ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ފުރުސަތު އެއްވެސް ވަރަކަށް ދީފައިވާނެތޯއާއި ގަވާއިދާއި ހިލާފަށް މަސްބާނާ އިންޑިއާގެ ބޯޓެއްވީމަ އެކަން ނުފެންނަ ކަމަކަށް ހަދައި ދޫކޮށްލާނެ ހާލަތެއް އަންނާނެތޯ އާއި ބެހޭގޮތުންނެވެ.
މިނިސްޓާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ސަރަހައްދަށް އިންޑިޔާގެ މަސް ބޯޓުތަކުން ވަންނަ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ސަރުކާރުން އެއްވެސް ވަރަކަށް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ.
ދިވެހި ރާއްޖެ އާއި އިންޑިޔާ އަކީ އެއް ބޯޑަރެއް ހިއްސާކުރާ ދެ ގައުމަށް ވާއިރު ރާއްޖެ އާއި އިންޑިޔާގެ ދުރުމިނުގައި 200 މޭލު ހުރެ އެވެ.
މިނިސްޓާ ވިދާޅުވީ މަސްވެރިކަމުގެ ގާނޫނަށް އަމަލުކުރަންފެށިފަހުން މިހާތަނަށް ގަވައިދާ ހިލާފަށް އަށް އުޅަނދު ހިފަހައްޓާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ތެރެއިން ފަސް އުޅަނދަކަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއް ކަމެއް މިނިސްޓާ ފާހަގައެއް ނުކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަނީ ކޯސްޓްގާޑް މެދުވެރިކޮށްކަން ފާހަގަކުރައްވަމުން މިނިސްޓާ ވިދާޅުވީ މި ފަހަކުން ރާއްޖޭގެ މަސްވެރިކަމުގެ ސަރަހައްދަށް ބޭރުގެ މަސް ބޯޓެއް ހަރަކާތްތެރިވާ ކަމުގެ އެއްވެސް މައުލޫމާތެއް ކޯސްޓްގާޑުން ދީފައި ނުވާ ކަމަށެވެ.