
ގޯކުލާމްގެ ކޯޗު ވިންޗެންޒޯ ހަމްޕުއަށް ތައުރީފު ކުރީ އޭއެފްސީ ކަޕުގެ އެންމެ ފަހު ޕްރީ ކޮންފަރެންސްގައި މިއަދު ކޮލްކަތާގައި ވާހަކަ ދައްކަމުންނެވެ. ވިންޗެންޒޯ ބުނި ގޮތުގައި މާޒިޔާގެ ހަމްޒާއަކީ އާދަޔާ ޚިލާފު ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. މާޒިޔާ ޓީމުގައި އެންމެ ބޮޑު ތަފާތެއް ދެއްކި ދިވެހި ކުޅުންތެރިއަކީ ހަމްޒާ ކަމަށްވެސް ކޯޗު ބުންޏެވެ.
ދިވެހި ގައުމީ ޓީމުގައިވެސް ހިމެނޭ ހަމްޒާވަނީ އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ދެވަނަ މެޗުގައިވެސް ހަމްޒާވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ކުޅެފައެވެ. އަދި ބޭރުގެ މީޑިއާތަކުގެ ސަމާލުކަންވެސް ހަމްޒާއަށްވަނީ އަމާޒުވެފައެވެ.
ހަމްޒާގެ އިތުރުން، ގޯކުލާމާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސަމޫހް އަލީ- ސަމުއްޓޭ އަދި ނާއިޒް ހަސަން- ދާދުއަކީވެސް އާދަޔާ ޚިލާފު މޮޅު ކުޅުންތެރިން ކަމަށް ބުނެ ވިންޗެންޒޯ އެ ކުޅުންތެރިންނަށްވެސް ތައުރީފު ކުރިއެވެ.