ads
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދު
އިސްމެޖިސްޓްރޭޓް ސިޔާމާ އަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
Advertisement

ސިޔާމާ އާއި މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީއިން ނިންމީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމުގައި އަމަލު ކޮށްފައިވާ ގޮތުގެ ސަބަބުން ނެވެ. 

މިކަމާއި ގުޅިގެން ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައި ވަނީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުއްޓާކަމަށް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ފާހަގަ ކޮށްފައި ވާކަމަށެވެ. 

އެހެން ނަމަވެސް އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީއަތުގެ މަޖިލީހުގައި އިއުލާނު ކުރިއިރު އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިއާޔަތް ކުރިކަން ފާހަގަކޮށްފައި ނުވާ ކަމަށާއި، މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން އެ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައި ވާކަމަށެވެ. 

އެހެން ކަމުން އިސްމެޖިސްޓްރޭޓް ސިޔާމާގެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށްވާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާއަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 28 ވަނަ ޖަލްސާގައި ނިންމާފައި ވާކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް