އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދު މީގެ ކުރިން ބުނީ، ސަދާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލައި އުޅޭތާ ދެތިން ދުވަސް ފަހުން ކަމަށާއި، އޭގެ ކުރިން ޑޮކްޓަރަށް ދައްކައިގެން ދިން ބޭހުން ރަނގަޅުނުވުމުން ކަމަށެވެ. އަދި ދަރިފުޅުގެ ހާލު ބޮޑުވެ އަލުން ހޮސްޕިޓަލަށް ދިޔަތަނާ ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ސަދާގެ ހަބަރު ހުސްވި ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައާއި ގުޅިގެން އެޗްއާރުސީއެމް ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އާއިލާއަށް ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ބަލަން ޖެހޭ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ބަލާފައި ނުވާ ކަމަށާއި، ކުއްޖާއަށް ފަރުވާ ދިނުމަށް އެމެޖެންސީ ރޫމަށް ޑޮކްޓަރުން ދިޔައީވެސް 30 މިނެޓު ފަހުން ކަމަށެވެ.
އަދި ކުއްޖާއަށް ފަރުވާ ދިނުމުގައި ކުއްޖާގެ މެޑިކަލް ހިސްޓްރީއަށްވެސް ޑޮކްޓަރުންނާއި ނަރުހުން ބަލާފައި ނުވާ ކަމަށާއި، ކުއްޖާއަށް ވަގުތުން ދޭންޖެހޭ ފަރުވާވެސް ދީފައި ނުވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި މި މައްސަލާގައި އިހުމާލުވެފައިވާ ދެ މެޑިކަލް އޮފިސަރުންގެ ލައިސެންސްވެސް ބާތިލް ކޮށްފައި ވާކަމަށާއި، އޭގެ ތެރެއިން އެކަކު އަނބުރާ ގައުމަށް ފޮނުވާލާފައި ވާކަމަށްވެސް އެޗްއާރުސީއެމް އިން ވަނީ ބުނެފަ އެވެ. އަދި މި ކަމާއި ގުޅިގެން އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވާކަން އެޗްއާރުސީއެމް އިން ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން އެޗްއާރުސީއެމް އިން ބުނީ، މި މައްސަލާގައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ހައްގު ގެއްލިފައިވާ ފަރާތެއް ލިބިފައި ވާކަމަށެވެ.
ސަދާގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.