ads
ފޮޓޯ: އެމްޑީޕީ
ރަސްމީކޮށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމާއި ފައްޔާޒް ހަވާލުވެވަޑައިގެންފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމުގެ މަގާމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒް އިންތިހާބުވެ ވަޑައިގަތީ، މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޮޑުތަފާތަކުން ކާމިޔާބު ކުރައްވައިގެނެވެ. ފައްޔާޒް އަށް 27،470 ވޯޓު ލިބިފައި ވާއިރު، ދެން ޗެއާޕާސަން ކަމަށް ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަށް ލިބިވަޑައިގަތީ، 20،051 ވޯޓެވެ. 

އެމްޑީޕީއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރަސްމީކޮށް މިއަދު ޗެއާޕާސަން ކަމުގެ މަގާމާއި ފައްޔާޒް ހަވާލުވެވަޑައިގެންފައި ވާކަމަށާއި، މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެ ޕާޓީގެ އިސް ގުނަންތަކުގެ ވެރިންނާއިއެކު ބައްދަލުކުރައްވާފައި ވާކަމަށެވެ. 

މި ބައްލަދުވުމުގައި އެ ޕާޓީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް އާއި، ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު އާއި، ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ޗެއާޕާސަންގެ ދެ ނައިބުން ކަމަށްވާ އަހުމަދު އަބްދުﷲގެ އިތުރުން އަލީ ނިޔާޒް އާއި، އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމްގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ ރައީސް އައިމިނަތު ރިފްގާ ވެސް ވަނީ ބައިވެރިވެފަ އެވެ. 

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ލަންކާގައި ހުންނެވުމުގެ ސަބަބުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. 

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އެ ޕާޓީގައި ހުރި މައްސަލަތައް ދެނަގަނެ އެކަން ކަން ހައްލު ކުރާނެ ގޮއްތަކާއި މެދު ވަނީ މަޝްވަރާ ކޮށްފަ އެވެ. 

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކެމްޕޭނުގައި ވައުދިވީގޮތަށް ޕާޓީގެ ހުރިހާ މެމްބަރުންނާއި އެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް