ads
އާންމު ސިޓީ: އިންޑިއާ އައުޓް ހުއްޓުވޭނެ!
އާންމު ސިޓީ: އިންޑިއާ އައުޓް ހުއްޓުވޭނެ!
ހޯމް މިނިސްޓަރު އިމްރާނު އަބުދުﷲ އަށް، ވެދުން ސަލާމަށް ފަހު ދަންވަމެވެ.
Advertisement

އިންޑިޔާ އައުޓް ކެމްޕޭން ހުއްޓުވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ގާނޫނު އަސާސީއާ ހިލާފުކަމުގައި ވަރަށް ގިނަ ގާނޫނީ ވަކީލުން ބުނަމުން ދާތީ އެކަމުގައި އަޅުގަނޑު ދެކޭ ގޮތް މަނިކުފާނާ ހިއްސާކޮށްލާނަމެވެ.

މި ގަރާރު ނެރުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ބުނާ ގާނޫނީ ވަކީލުންގެ މައިގަނޑު ނުކުތާއަކީ، މި ގަރާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާތީ، އެއީ ގާނޫނަކުން މެނުވީ ކުރެވޭނެކަމެއް ނޫން ކަމުގައި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމެވެ.

ތެދެކެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއްގެ އެއްވެސް މިންވަރެއް ހަނިކުރުމުގެ ބާރު ދައުލަތުގެ ތަންފީޒީ ބާރަށް ގާނޫނު އަސާސީން ދީފައެއް ނުވެއެވެ. އެބާރު އޮންނަނީ ހަމައެކަނި ގާނޫނު ހަދާ މަޖލީހަށެވެ. ނަމަވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވަނީ އެހެނިހެން ހައްގުތަކާ ހިލާފަށް، މުތުލަގު ހައްގެއްގެ ގޮތުގައެއް ނޫނެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ނަކަލުކޮށްލާނަމެވެ. 

"މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ."

މި މާއްދާގެ ކުރު ޝަރަޙައެއް ކޮށްލެވޭތޯ ބަލާނަމެވެ. މިނިވަންކަމާ އެކު، ކޮންމެ ފަދަ ކަމަކާ މެދު ވެސް ފިކުރު ކުރުމަކީ ހަމަ ކޮންމެ މީހަކަށް ވެސް އޮތް ހައްގެކެވެ. ނަމަވެސް އެމީހެއްގެ ބުއްދިއަށް ފެންނަ ކޮންމެ ވާހަކައެއް ދައްކައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް މި މާއްދާއަކުން އެއްވެސް މީހަކަށް ލިބިދީފައެއް ނުވެ އެވެ. މި މާއްދާގައި އެކަން މިވަނީ ގައިދުކޮށްފަ އެވެ. އެ ގައިދަކީ ފާޅުކުރާ އެއްވެސް ހިޔާލެއް އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވުމެވެ. އިސްލާމް ދީނުގެ އަސްލު ގާނޫނު އަސާސީގައި މާނަކޮށްދީފައިވަނީ އަންނަނި ގޮތަށެވެ. "ކީރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުއްނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ސއްހަކަމާމެދު ހިލާފުއުފެދިފައިނުވާ ޝަރުޢީ އުސޫލުތަކާއި، މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތަކަށެވެ."

އިންޑިޔާ އައުޓް ކެމްޕޭން ގައި ދައްކާ ވާހަކަތައް އިސްލާމްދީނުގެ އަސްލަކާ ހިލާފުވޭތޯ ބަލާއިރު އަންނަނިވި ނުކުތާތައް ފާހަގަކުރެވެ އެވެ.

1. އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާނެ ކަމުގައި ބުނާއިރު، ސިޔާދަތަށް ބުރޫ އަރަނީ ކިހިނެއް ކަމެއް ބުނެދީފައިނުވާކަން.

2. މި ކެމްޕޭންގައި މީގެ އިތުރުން ޖުމްލަކޮށް ދައްކާވައިވާ ވާހަކަތަކަކީ ހީއެއް ނުވަތަ (އެސަމްޝަނެއް) ގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ކަން.

3. އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނެކަމުގައި، ސިޔާސީ ނުފޫޒުން އެއްކިބާވެ، މި ދައުލަތުގެ ސިޔާދަތު ރައްކާތެރި ކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ސިފައިން ބުނެފައިވާކަން. މި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ކޮންމެ ފަހަރަކު އެބައެއްގެ ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބޭ ބަޔަކު، ހަގީގަތާ ހިލާފަށް މިފަދަ ވާހަކައެއް ދައްކާފާނެކަމަށް، ސަލާމްތް ބުއްދި ގަބޫލުނުކުރާކަން.

4. ރައްޔިތުންގެ ތަބާވުން ލާޒިމްވާ ގާނޫނުތައް ހެދުމުގެ ދުސްތޫރީ ބާރު ރައްޔިތުން ދީފައިވާ ރައްޔިތުންގެ މަޖްލީހުން މި އެއްބަސްވުން ދިރާސާ ކުރުމަށް ފަހު، މި އެއްބަސްވުމަކީ، މި ގައުމަށް ގެއްލުން ހުރި އެއްބަސްވުމެއް ނޫން ކަމުގައި ނިންމާފައިވާ ކަން.

5. އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ރައީސް ވަހީދުގެ ސަރުކާރުގައި ފެށިގެން އައި އެއްބަސްވުމަކަށްވެފައި، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް މި އެއްބަސްވުމާ ގުޅޭ ބައެއް މުއާމަލާތްތައް ރާއްޖެއިން އިންޑިއާ އާ އެކު ކޮށްފައިވާކަން.

މި ކަންކަން މި ބުނެވުނު ގޮތަށް ހުރިއިރު، ތިމާމެންނަށް ހީވާ ހީވުމެއްގެ މައްޗަށް ބުރަވެ، ދައްކާ ވާހަކަތަކަކީ، ފިތުނައިގެ ވާހަކަތަކަށް މެނުވީ ނުވާނެ އެވެ. އަދި ރައްޔިތުންނާ ހަމައަށް ތިލަވެފައި ނުވި ނަމަވެސް މިއީ އަވައްޓެރި މި ދެގައުމުގެ ދެމެދުގައި މިހާރު ފިތުނައަކަށް ވެފައިވާ ކަމެއްކަން މިނިކުފާނަށް ފެނިވަޑައިގެންފައިވާ ލިޔުކިޔުންތަކުން ކަށަވަރުވެވަޑައިގަންނަވާނެ ކަމުގައި އަޅުގަނޑު ދެކެމެވެ. މީގެއިތުރުން އަޅުގަނޑުމެން ދިވެހީންގެ މެދުގައިވެސް، މިކަން ފިސާރި ވަރުގަދަ ފިތުނައަކަށް މިހާރު މިވަނީ ބަދަލުވެފަ އެވެ.

އިހު މިބުނެވުނު ކަންކަން މަނާކޮށްފައިވާ ކީރިތި ގުރުއާނުގެ ޞަރީޙަ ނައްޞުތައް 

"وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ

يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ 

މި އާޔަތްތަކުގެ މާނައާއި، މި އާޔަތްތައް ބުނެވިދިޔަ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤުކުރަންވީ ގޮތް މަނިކުފާނަށް ކިޔައިދިނުމަށް އަޅުގަނޑު ލަދުވެތިވަމެވެ. ފަހަރުގައި، ތަފްސީރު އިލްމުވެރީން މިއާޔަތްތައް ތަފްސީރު ކުރައްވާފައިވަނީ، އަޅުގަނޑު މަތީގައި ފާގަކޮށްފައިވާ ނުކުތާތަކާ ސީދާގޮތެއްގައި ގުޅުވައިލެވޭ ގޮތަށް ނޫން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، ﷲ ތަޢާލާގެ ކަލާމްފުޅުގައި އޮންނާނީ އެންމެ މާނައެއް ނުވަތަ އެންމެ ތަފްސީރެއް ކަމުގައި ބެލުމަކީ އެކަލާނގެ ޢަޟަމަތުވަންތަކަމާއި ޤުދްސިއްޔަވަންތަކަމާ ތަޢާރުޞްވާ ކަމެކެވެ.

މިކަންކަން މިހެން ހުރިޔަތީ، ގާނޫނު އަސާސީ އާ ހިލާފުވަނީ ރައީސްލްޖުމްހޫރިއްޔާގެ ގަރާރެއް ނޫނެވެ. ގާނޫނު އަސާސީ އާ ހިލާފުވަނީ، އިންޑިޔާ އައުޓް ކެމްޕޭނެވެ. އަދި ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ ހައްގުދީފައިވަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ކަމަށްވާތީ، މިފަދަ ހިޔާލުތައް ފެތުރުން މަނާ ކުރުމަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަކަށެއް ނުވާނެއެވެ. އަދި ކިއެއްތަ! އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމެވެ.

ޤާނޫނުއަސާސީގެ އެތަކެއް މާއްދާތަކަކުން ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ގާނޫނު އަސާސީ ނެގެހެއްޓުމުގެ ބުރަ މަސްއޫލިއްޔާއި، ޒިންމާ ރައީސުލްޖުމްހޫރިއްޔާ އާ ވަނީ މަތިކޮށްފައެވެ. މީގެތެރެއިން ބައެއް މާއްދާތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

106 ވަނަ މާއްދާގެ (ނ) ދައުލަތް ހިންގުމުގެ އެންމެހައި އުސޫލުތައް ކަނޑައަޅާނީ މި ގާނޫނުއަސާސީން ކަމަށް ވީހިނދު، މި ޤާނޫނުއަސާސީ ދަމަހައްޓައި، ދިފާއުކޮށް، ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނާންވާނެއެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރާންވާނެއެވެ.

115 ވަނަ މާއްދާގެ (ހ) މި ގާނޫނު އަސާސީ އާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ބާރުއެޅުން

115 ވަނަ މާއްދާގެ (ބ) ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުން.

115 ވަނަ މާއްދާގެ (މ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުން.

މި މާއްދާތަކަށް ރިއާޔަތްކޮށް ބަލާއިރު، އިސްވެ ދެންނެވުނު ގަރާރު ނެރުއްވުމުގެ ފުރިހަމަ ދުސްތޫރީ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދެ އެވެ.

މީގެއިތުރުން މި ސަރަޙައްދުގެ ޖިއޯ ޕޮލިޓިކްސް އަށް ވިސްނާއިރު، ރާއްޖެއިން ގާތްގުޅުމެއް ބާއްވަންޖެހޭނީ ކޮން ގައުމުތަކަކާކަން މިވަގުތު ކަނޑަ އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަން މަނިކުފާނަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. 

ސައުތް ޗައިނާސީ ގެ މައްސަލަ އާއި، ޖަޕާންގެ ރަށްތަކުގެ މައްސަލަ ފަދަ ހޫނުވަމުން އަންނަ މައްސަލަތަކާއެކު، މިސަރަޙައްދުގައި ހަގުރާމައެއް ފެށުމުކީ ދުރު ނޫން މުސްތަގްބަލެއްގައި ވެދާނޭ ކަމެއް ކަމަށް ބެލުމަކީ ނުރަނގަޅު ވިސްނުމަކަށް ނުވާނެ އެވެ. މިހިރަ ކަހަލަ ކަންކަމުގައި މި ދައުލަތާއި ރައްޔިތުންނަށް އެންމެ ރައްކާތެރި ގޮތްތައް ކަނޑައެޅުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އެ ނިންމެވި މުހިންމު އަދި ހުތޫރަތްތެރި ނިންމެވުމަށް ކެނޑިނޭޅި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، އެމަނިކުފާނުގެ ދިފާއުގައި ދައްކާ ވާހަކަތަކުގެ އަޑު ތަންކޮޅެއް މަޑުކަމަށް އަޅުގަނޑަށް ފެންނާތީ، މި ކަމުގައި އަޅުގަނޑުގެ ހިޔާލު ވެސް ހިއްސާކޮށްލީ އެވެ.

އިހްތިރާމް

އަބަދުވެސް ހެއެދޭ

އަޙުމަދު ޢަފީފް ހުސައިން

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް