
މާޒިޔާ އޮތީ އެންމެ ފުރިހަމައަށް މުބާރާތަށް ތައްޔާރުވެފައި ނަމަވެސް ފުރަތަމަ މެޗުގައި ބަޝަންދުރާ އަތުން ބަލިވުމާއެކު، އެންމެ ޓީމެއް ކޮލިފައިވާ ދެވަނަ ބުރަށް މާޒިޔާއަށް އޮތީ ދިގު، އަދި އެހާމެ އުނދަގޫ މަގެކެވެ. ފަހު ވަގުތާ ހަމައަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ ކަމަށް ކޯޗު ބުނެފައި އޮތް ނަމަވެސް މުބާރާތުގެ ގަވައިދު އޮންނަ ގޮތުން މާޒިޔާއަށް އޮތް ފުރުސަތުތަކީ މިއަދު ހަވީރު ކުޅޭ މެޗުގެ ނަތީޖާއާ ގުޅިފައިވާ ފުރުސަތެކެވެ.
ބަޝަންދުރާ ކިންގްސް – ގޯކުލާމް ކެރެލާ މެޗުގެ ނަތީޖާ މާޒިޔާއަށް މުހިއްމުވަނީ ކީއްވެ؟
މުބާރާތުގެ ގަވައިދު އޮތް ގޮތުން ހެޑްސް ޓު ހެޑް ފުރަތަމަ ބަލާތީ، މިއަދު ހަވީރު ކުޅޭ މެޗުން ބަޝަންދުރާ ކިންގްސް މޮޅުވެއްޖެ ނަމަ މާޒިޔާއަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެއެވެ. އެއީ މިރޭ ކުޅޭ މެޗުން މާޒިޔާ މޯހަން ބަގާން އަތުން މޮޅުވިނަމަވެސް މާޒިޔާއެކޭ އެއް ގޮތަށް ބަޝަންދުރާ ކިންގްސްއަށްވެސް ހަ ޕޮއިންޓް ލިބި، ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރު ވުމުން ދެން ބަލަން ޖެހޭނީ ބަޝަންދުރާ ކިންގްސްއާ މާޒިޔާ ކުޅުނު މެޗުގެ ނަތީޖާއަށް ކަމަށްވާތީ، އެ މެޗުން ބަޝަންދުރާ މޮޅުވެފައިވާތީ ދެވަނަ ބުރުގެ ފުރުސަތު އޭރުން ބަޝަންދުރާއަށް ލިބޭނެތީއެވެ.
މާޒިޔާއަށް ދެވަނަ ބުރަށް ދެވޭނެ ގޮތަކީ ކޮބާ؟
ދެވަނަ ބުރުގެ ފުރުސަތެއް މާޒިޔާއަށް ލިބޭނެ ގޮތަކީ ހަވީރު ކުޅޭ މެޗުން ބަޝަންދުރާއަށް މޮޅު ނުވެވި އަދި މިރޭ ކުޅޭ މެޗުން މާޒިޔާ- މޯހަން ބަގާން އަތުން މޮޅުވުމެވެ. ބަޝަންދުރާ- ގޯކުލާމް އަތުން މޮޅުވެއްޖެ ނަމަ މާޒިޔާއަށް ފުރުސަތެއް ނޯންނާއެވެ. އެއީ އަދި މޯހަން ބަގާން އަތުން މާޒިޔާ މޮޅުވިނަމަވެސް ހެޑް ޓު ހެޑްސްއިން މާޒިޔާ ބަލިވާނެތީއެވެ.
ގޯކުލާމް މޮޅުވެ، އަދި މާޒިޔާވެސް މޮޅުވެއްޖެނަމަ އަނެއް ބުރަށް ދާނީ މާޒިޔާއެވެ. އެއީ ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބި، އަދި ހެޑް ޓު ހެޑުން މާޒިޔާއަށް ކުރި ލިބޭތީއެވެ.