ads
އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހު
އުސޫލު ނުހަދާ 6 އަހަރު, މިއީ ޒިންމާ ނުނަގާ ސީއީއޯ އެއްތަ!؟
ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ވުޖޫދަށް އައިސްފައި ވަނީ 27 އޯގަސްޓް 2008 ގައެވެ. މި އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ގައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ.

ކަން މިހެން ހުރި ނަމަވެސް އެންސްޕާއިން ހަދަންޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް އުސޫލު ނަހަދާ އޮތުމުގެ ސަބަބުން ލިބެންޖެހޭ އެހީ އިން މަހުރޫމުވެ މިއަދު އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު ގެ ތިން ވަނަ މާއްދާގައި އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އެހީގެ ބާވަތްތަކުގެ ތެރޭ "ދަރިވަރުންނަށް ދޭ އެހީ" ދިނުމަށް ކަނޑައެޅިފައި ވީނަމަވެސް އެކަމަށް އުސޫލެއް ނެތްކަމަށް ބުނެ އެހީގެ ދޮރު ވަނީ ބަންދުވެފަ އެވެ. 

މިކަމާއި ގުޅިގެން އެންސްޕާއިން ބުނީ، މި އެހީ ދިނުމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް އެ އެހީ ދިނުމަށް ހަދަންޖެހޭ އުސޫލާއި ގަވައިދު ހަދާފައި ނުވުމުން އެ އެހީ ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ގާނޫނުގައި ވަރަށް ސާފުކޮށް މި އުސޫލު ހެދުން ލާޒިމް ކޮށްފައިވަނީ އެންސްޕާގެ މައްޗަށެވެ. 

މިކަމުގެ ޒިންމާ ނަގަން ޖެހޭނީ، އެންސްޕާގެ ސީއީއޯ ކަމާއި 2017 ވަނަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު ހަވާލުވި އިސްމާއިލް އައްޒާމް ވަޖީހު ނޫން ކޮން ބޭފުޅެއްތޯ އެވެ. ސަބަބަކީ ގާނޫނަށް އަމަލު ކުރަން ފެށިތާ ހަ އަހަރުވީ އިރު އެ އެޖެންސީ ހިންގަން ހަވާލުވެ ހުންނަވާތާ މިހާރުވަނީ ފަސް އަހަރުވެ ފަ އެވެ. އަދި ސަރުކާރު އިދާރާއަކުން ކުރަންޖެހޭ ކަންކަން ފުރިހަމައަށް ކުރަމުން ގެންދިއުމުގެ ގާނޫނީ ޒިންމާ އެޅިފައިވަނީ އެތަނުގެ އެންމެ އިސް ފަރާތުގެ ބޮލުގައި ކަމަށް ވުމުންނެވެ. 

އެހެން ނަމަވެސް ފަސް އަހަރު ސީއީއޯ ކަމުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވާއިރު ގާނޫނަކުން ރައްޔިތު މީހާއަށް ދޭންޖެހޭ ހައްގެއް ނުދީ ހަދަން ޖެހޭ އުސޫލެއް ނަހަދާ އޮތުމީ އޭނާގެ ޒިންމާ އަދާ ކުރެވިގެން ނުވެ އޮތް ކަމެއްތޯ މިއީ ވެސް ސުވާލެކެވެ.

އިޖުތިމާއީ ރައްކާތެރިކަމާބެހޭ ގާނޫނުގައި ބުނާ ކަމަކަން އުސޫލު ނަހަދާ އޮތް އިރު، މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުން ލާޒިމް ކުރާ ބައެއް ކަންކަން ވެސް އައްޒާމު ހިންގަވާ އެންސްޕާއިން ކުރިކަމަކަން ނުފެނެ އެވެ. ގާނޫނު ހަދަނީ ކަރުދާހުގައި ބާއްވަން ކަމަށް ދެކުނު ނަމަވެސް އެތަނުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށް ދޭނެ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ. އަދި ވަކިން ހާއްސަކޮށް މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުން ލާޒިމް އިންފޮމޭޝަން އޮފިސަރު ނުވަތަ އެ ޒިންމާ ނަގާނެ މީހަކު ނުވަތަ ބަޔަކާ ގުޅޭނެގޮތް ރައްޔިތުންނަށް ވީހާ ވެސް ފުޅާދާއިރާއެއްގައި، އާންމުކޮށް ލިބޭނެމަގު ފަހިކޮށް ދޭން ޖެހެ އެވެ. އެކަން އެންސްޕާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަން ޖެހޭ ފަރާތަކީ އެ ތަން ހިންގަވަން ހުންނެވި ސީއީއޯ ނޫން ބޭފުޅަކަށް ނުވާނެތާ އެވެ.

އޭނާ އަށް އެ ޒިންމާ ހަވާލުކޮށްފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) އިންނެވެ. މައުލޫމާތު ހޯދާ ލިބިގަތުގެ ގާނޫނަކީ ވެސް އެންސްޕާގެ ސީއީއޯއަކަށް ހުންނަވާ ބޭފުޅަކު ބޭނުންވީމަ އަމަލުކުރަން އޮތް ގާނޫނެއްކަން އެނގޭނެ މާއްދާއެއް އެ ގާނޫނުގައި ނެތްކަމަށް ވެ އެވެ.

އެންސްޕާގެ އިންފޮމޭޝަން އޮފިސަރު ނުވަަތަ އޭނާގެ މަސްއޫލިއްޔަތު އަދާ ކުރާ މީހެއްގެ މައުލޫމާތު ދޭން އެންސްޕާއިން ފަސް ޖެހޭ ނަމަ އެ ކުރެވެނީ ވެސް ހަމަ މޮޅުކަމެއްތޯ ސުވާލުކޮށްލަން ޖެހެ އެވެ. އެ މަގާމުގެ ޒިންމާ އަދާ ކުރާ މީހާގެ މައުލޫމާތު ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންވާ މީހަކާ އެ ޒިންމާ ހަވާލު ކުރެވިފައިވާ ނަމަ އެ މީހާ އެ މަގާމުން ދުރުކުރުމަކީ ގާނޫނަށް ބޯލަބަން ބޭނުން ނަމަ ކުރަންޖެހޭނެކަމެއް ކަމަށް ފެނެ އެވެ. ނަމަވެސް ގާނޫނުން ލާޒިމް ކުރާ ކަމެއް ނުކޮށް ހަ އަހަރުވެގެން ދިޔަ އިރު ހުންނެވި ވެރިޔަކަށް އިންފޮމޭޝަން އޮފިސަރެއްގެ ކަންތައް މާ ބޮޑުވެގެން އުޅޭކަން ވެސް ނުޖެހޭނެތާ އެވެ.

ގާނޫނަށް ތަބާވުމުގެ އާދަ ވެރިންގެ ކިބައިގައި ވެސް ނެތް ކަމުގެ ވާހަކަ ދައްކާ އަޑު ގަދަވެގެންދާއިރު ވަކި އެންސްޕާ ހިންގަން ހުންނަވާ ވެރިއަކު ވެސް ގާނޫނަށް މާ ބޮޑަށް ބަލައިގެން އުޅުމަކީ ގޯހަކަށް ވެދާނެތީ އެންސްޕާގެ ސީއީއޯ ވެސް އެ މަގުން ވަޑައިގަންނަވަނީކަމަށް ވެދާނެ އެވެ. ނަމަވެސް ގަބޫލު ކުރަން ޖެހެނީ މިއީ ގާނޫނީ ދައުލަތެއްކަމަށް ބުނާ ވާހަކަ އެވެ. އެ ވާހަކަ ދޮގު ނުކުރެވޭނެ ކަމެވެ. ނަމަވެސް ބާރު އޮތް ދުވަހު އެ ވާހަކަ އާއި އެ ހަގީގަތާއެއް ގޮތަށް ކަން ނުކޮށް ތިބެވިދާނެ އެވެ. އަދި ފަހުން ވެސް އުޅެވިދާނެ އެވެ. ނަމަވެސް އެއީ ގާނޫނުން އޭނާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރެވުނީ ކަމަކަން ނުނިންމޭނެ އެވެ. އެހެން ކަމުން ތަނުން ހަދަންޖެހޭ އުސޫލާއި، ތަނުން ދޭންޖެހޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އުފުލިފައި ވާއިރު، މިއަދު އެކަމުގެ ފުރިހަމަ ޒިންމާ އެތަނުގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހު ނަގަން ޖެހޭނެތާ އެވެ.

21%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް