ads
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު- ފޮޓޯ: ސީއެންއެމް
ގާނޫނު އަސާސީ މާނަކުރަމުގައި ކޯޓްތަކުން "ގޯސް" ހަދަނީ!؟
މި ލިޔުމުގައި އަޅުގަނޑު ފާހަގަކޮށްފައިމިވާ މައްސަލައިގެ ވާހަކަ ލިޔަން ފަށައިގަތީވެސް ދެފިކުރެއްގައި ހުރެގެންނެވެ. އަދި ލިޔެ ނިންމާލުމަށްފަހު، ލިޔުން ޝާއިއުކުރުމާމެދު ވެސް ހައެއްކަ ފަހަރު ވިސްނީމެވެ. ބަޔަކު ގާނޫނު އަސާސީއާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނުމަކީ ކުޑަކަމެއް ނޫން ކަން އަޅުގަނޑަށް އެނގޭތީއެވެ.

އަމުދުން ކޯޓުތަކުން ޤާނޫނުއަސާސީ އާ ހިލާފު ނިންމުންތަކެއް ނިންމާ ކަމުގައި ބުނާނީ މޮޔައެކޭވެސް ހިތަށް އެރިއެވެ. އެހެނީ ގާނޫނުއަސާސީގައި އޮތް އެއްޗަކާ މެދު ހިޔާލު ތަފާތު ވެއްޖެނަމަ، އެކަމުގައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިފައި މި އޮންނަނީ ހަމަ ކޯޓުތަކަށެވެ. ނަމަވެސް ކަމުގެ މުހިންމުކަމާ މެދު ވިސްނައިލުމުން، އަޅުގަނޑުގެ ހިޔާލު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ، މި ލިޔުން ޝާއިއުކުރާން ނިންމީ އެވެ.

ކޯޓުތަކުން ގޯސްކޮށް މާނަކުރާކަމަށް އަޅުގަނޑު މި ދަންނަވާ މާއްދާއަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އެވެ. އެމާއްދާގައި އޮންނަނީ "މަތީ މަރުހަލާގެ ކޯތުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ވާނެއެވެ." މިހެންނެވެ. އަޅުގަނޑުހިތުން ވެގެން އުޅޭގޮތް ފަސޭހައިން އެނގޭނީ ދަށު މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން، ހަވާލާދެވުނު މާއްދާ މާނަކޮށްފައިވާ މައްސަލައެއް ނިންމާފައިވަނީ ކިހިނެއްތޯ ބަލައިލީމައެވެ.   

މި ދެންނެވުނު ދުސްތޫރީ މައްސަލަ އަޅުގަނޑަށް ފާހަގަވީ، ދާދި މިދާކައްދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލައެއްގެ ރިޕޯޓު ކިޔަމުންދަނިކޮށެވެ. އެ މައްސަލައަކީ މީހަކު ވަޒީފާއިން ވަކިކޮށްގެން ޕްރައިވެޓް ކުންފުންޏަކާ ދެކޮޅަށް ހުށަހެޅުނު މައްސަލައެކެވެ. އެމައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅު ސަބަބެއް އޮވެގެން ކަމުގައެވެ. އެހެންނަމަވެސް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ކުންފުނިން ކުރަންޖެހޭ ކަންތައްތަކެއް ނުކުރާކަން އެނގެން އޮންނާތީ، ކުންފުނިން އެ މުވައްޒަފަށް އެއް މަސްދުވަހުގެ މުސާރަ ދިނުމަށް ވެސް، އެ ނިންމުމުގައި ޓްރައިބިއުނަލުން ވަނީ ކުންފުނީގެ މައްޗަށް އަމުރުކޮށްފައެވެ. ޓްރައިބިއުނަލުން މި ގޮތަށް ނިންމާފައިވަނީ ހައިކޯޓުގެ ޤަޟިއްޔާއަކާ ޙަވާލާދެއްވާފައެވެ. ހައިކޯޓުގެ އެ ޤަޟިއްޔާގައި ފަނޑިޔާރުން ވިދާޅުވެފައިވަނީ، ރިޑަންޑަންސީގެ އުސޫލުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރާނޭ ގޮތްތަކާއި އުސޫލުތައް ދުރާލައި މުވައްޒަފުންނަށް އަންގާފައި އޮންނަން ވާނެކަމުގައެވެ. ޓްރައިބިއުނަލުން ބެލި މައްސަލައިގައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން، ކުންފުނިން އެ މުވައްޒަފަށް ރިޑަންޑަންސީގެ އުސޫލުތައް އަންގާފައެއް ނުވެއެވެ.

މައްސަލަ މައްސަލައަކަށް ވާ ގޮތް

ހައިކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވަނީ ކުންފުނީގެ މާލީ ޙާލަތު ދަށްވުމުގެ ސަބަބުން ނުވަތަ އެނޫންވެސް މަޤުބޫލު ސަބަބަކާހެދި، ރިޑަންޑަންސީގެ އުސޫލުން މުވައްފަޒުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތަކެކެވެ. މިއީ އެއްވެސް ޤާނޫނަކުން ވަޒީފާދޭ ފަރާތްތަކުން ތަންފީޛުކުރުން ލާޒިމްކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ވާނެ ކަމުގައި ބުނެފައިވާތީ، ޓްރައިބިއުނަލްގެ މެންބަރުންނަށް ފެނިވަޑައިގަތީ ހައިކޯޓުގެ ޙަވާލާދެވު ޤަޟިއްޔާ ކަނޑައަޅާފައިވާ އުސޫލުތައް އެބޭފުޅުން ބެއްލެވި މައްސަލައަށް ތަޠުބީޤުކުރަން (އެޕްލައިކުރަން) ޖެހޭނެކަމުގައެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި މާއްދާގައި އޮތީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރައްޔިތުން ތަބާވާން ޖެހޭނެ ވާހަކައެއް ނޫނެވެ. އެ ނިންމުންތަކަށް ތަބާވާން ޖެހެނީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުންކަމުގައެވެ. މި މާއްދާ މާނަކުރުމުގައި އޮޅުން އަރާގޮތް ވަނީ މާއްދާ ޢިބާރާތްކޮށްފައިވާ ގޮތުން ކަމުގައި ހީވެއެވެ. އެހެން މި ދަންނަވަނީ އެ މާއްދާގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކޭ އޮތުމުން، އޭގެތެރޭގައި، އެ ނިންމުމުގެ އެއްވެސް ބައެއް އިސްތިސްނާ ނުކޮށް އޭގައިވާ ހުރިހައި ކަމެއް ހިމެނޭ ގޮތަށް މާނަކުރުމުގެ ޖާގަ އޮންނާތީއެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ނަޒަރުގައި ޓްރައިބިއުނަލްގެ މި ނިންމުމަކީ ޤާނޫނުއަސާސީ އާ ޚިލާފު ނިންމުމެކެވެ. ސަބަބަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ކަނޑައަޅާފައި ވަނީ މުޅިން އެހެން މަފްހޫމެކެވެ. އެމާއްދާގައި ބުނެފައި އެވަނީ، މަތީ މަރުހަލާގެ ކޯޓުތަކުން ބަލައި ނިންމާފައިވާ މައްސަލަތަކުގައި، ފަނޑިޔާރުން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ މާއްދާތައް، މާނަކުރައްވައި، އެ ބައްލަވާ މައްސަލައެއްގައި، ކަންހިގާފައިވާ ގޮތުގެ މައްޗަށް ޤާނޫނު ތަޠުބީޤް ކުރައްވާފައިވާ ގޮތުގެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ، މަތީމަރުޙަލާގެ ކޯޓުތަކުން ޤާނޫނުއަސާސީ އާއި ޤާނޫނުތައް މާނަކުރުމާ ބެހޭގޮތުން ނިންމާފައި ހުންނަ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ވާހަކައެވެ. އެހެންކަމުން މަތީ މަރުޙަލާގެ ކޯޓަކުން ބަލާފައިވާ މައްސަލައެއްގައި ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ކުރަންޖެހޭ ކަމުގައި ކަނޑައަޅުއްވައި ނިންމަވާފައި ހުންނަ ނިންމެވުންތައް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ މަފްހޫމުގެ ތެރެއަކު ނުހިމެނޭނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ މައުޞޫޢަށާއި، އަކުރުތައް ތަރުތީބުކުރެވިފައިވާ ގޮތާމެދު ވިސްނައިލުމުން، މި މާއްދާގެ (ރ) ގެ މަފްހޫމުގެ ތެރޭގައި ޤާނޫނުތައް މާނަކުރުމާ ގުޅޭ ނިންމުންގެ އިތުރުން، އެހެން ކަމެއް ނުހިމެނޭ ކަން އެނެގެއެވެ. މާއްދާ ގެ ފެށޭ ދެ އަކުރުގައި ބަޔާންކޮށްފައި ވަނީ ޤާނޫނު މާނަކުރުމާ ގުޅޭ ނިންމުންތަކުގެ ވާހަކައެވެ. އެއާ ވިދިގެން ދެން އޮތީ، އެނިންމުންތައް ބަދަލުކުރެވޭނެ ގޮތެވެ. އެހެންކަމުން އެ މާއްދާގެ އެންމެ ފަހު އަކުރުގައި، އެހެން ކަމެއްގެ ވާހަކަ އޮވެދާނެ ކަމަށް ބަލާންޖެހޭ ސަބަބެއް ނެތެވެ. މަތީގައި ޙަވާލާދީފައިވާ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނުއަސާސީ އާ ޚިލާފު ކަމުގައި ނިންމަންޖެހެނީ މި ސަބަބާހެދިއެވެ. 

ޓްރައިބިއުނަލްގެ އިތުރުން، ސުޕީރިޔާ ކޯޓުތަކުން ވެސް އެކި މައްސަލަތަކުގައި، 143 ވަނަ މާއްދާ މާނަކުރަމުންދަނީ ރަނގަޅަށް ނޫންކަން އެ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ރިޕޯޓުތަކުން ފާހަގަކުރެވިފައި ވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ޤާނޫނުތަކަކަށްވެ ނިމިއްޖެއެވެ. ފަނޑިޔާރުން އެވިދާޅުވަނީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަކީ، ރައްޔިތުންގެ މަޖްލިހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ޤާނޫނުތަކާ އެއް ހަމައެއްގައި ހިމެނޭ، ހުރިހައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމް ނިންމުންތަކެއް ކަމުގައެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ޤާނޫނުހެދުމުގެ ބާރަކީ ކޯޓުތަކަށް ޤާނޫނުއަސާސީން ދީފައިވާ ބާރެއް ނޫނެވެ. ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ." މިހެންނެވެ.   

ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާ ހުރިހައި މައްސަލަތަކެއް އާންމު ރައްޔިތުން ބަލާކަށް ނުޖެހޭނެއެވެ. އެއީ ރައްޔިތުންނަށް ކުރެވޭނެވެސް ކަމެއް ނޫނެވެ. ރައްޔިތުން ބަލަން ޖެހޭނީ، އަދި ޢަމަލުކުރުން ލާޒިމްވާނީ ވެސް ހަމައެކަނި ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ލިސްޓްކޮށްފައި އެވާ ތަކެތީގެތެރެއިން އެމާއްދާގައި ބުނެފައިވާގޮތަށް އާންމުކޮށް ޝާއިޢުކޮށްފައި ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކާއި، ރައްޔިތުން ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކަށެވެ. އޭގެތެރެޔަކު މަތީ މަރުޙަލާގެ ކޯޓުތަކުން ކުރާ ޙުކުމްތަކެއް ނުހިމެނެއެވެ. ޙަވާލާދެވުނު މާއްދާގެ ޢިބާރާތް ނަކަލުކޮށްލާނަމެވެ. އޭގައި އޮންނަނީ "ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެމައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބޭންހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ޝާއިޢުކުރާންވާނެއެވެ." މިހެންނެވެ.

ވަކި ބާވަތެއްގެ މުޢާމަލާތެއް ކުރާއިރު ވަކި ކަންތައްތަކެއް ކުރަންޖެހޭނެ ކަމުގައި މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައަޅައިފި ނަމަ، އެ ކަންކަމަކީ ރައްޔިތުން ޢަމަލުކުރުން ލާޒިމްކުރަންޖެހޭ ކަންތައްތަކެއް ކަމުގައި ރައްޔިތުންގެ މަޖްލީހަށް ފެނިއްޖެ ނަމަ، ކަމާ ގުޅޭ ޤާނޫނެއްގައި އެކަންކަން ހިމަނައި، ޤާނޫނަށް އިޞްލާޙު ގެންނާނީއެވެ. ނުވަތަ އެކަމަކާ ގުޅޭ ގަވައިދުތައް ހެދުމުގެ ޛިންމާ އޮންނަ އިދާރާއަކުން އެކަންކަން ގަވައިދެއްގައި ހިމަނާނީއެވެ.  

މިކަން މިގޮތަށް ނުކުރާހައި ހިނދަކު، ކޯޓެއްގެ ޙުކުމެއް، ހުރިހައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމް ޤާނޫނަކަށް ވެގެނެއް ނުދާނެއެވެ. އަދި ދަށުމަރުޙަލާގެ ކޯޓުތަކުން ބަލާ މައްސަލަތަކުގައި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެ ޤާނޫނުތަކުން ބާރުލިބިގެން ހަދާ ގަވައިދުތަކާ އެއްފަދަ ޤާނޫނީ ބާރުވެރިކަން ލިބިގެންވާކަމަށް ފަނޑިޔާރުން ބަލަވަންޖެހޭ ޤާނޫނީ ސަބަބެއް ނުވަތަ އެއްވެސް ޙުއްޖަތެއް އޮވެދާނެކަމަކަށް އަޅުގަނޑުގެ ބުއްދިއަކަށް ނުފެނުނެވެ. މިހާރު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަކުރައްވާ ގޮތަކީ ރަނގަޅުގޮތެއް ކަމުގައިވާނަމަ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގެ ބާރު ކެޑުނީއެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި މި ދެމާއްދާ ކިޔަންވާނީ އެކުއެކީގައެވެ. އޭރުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއިން ދޭހަވާނީ، އަޅުގަނޑަށް މިކުރެވުނު މާނައެވެ. މި ދަންނަވާލީ އަޅުގަނޑުގެ ރައުޔެވެ. ޤާނޫނުއަސާސީ މާނަކުރަންޖެހޭ މައްސަލަތަކުގައި ފަހުބަސްބުނާނީ ސުޕްރީމް ކޯޓުންނެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް