ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު
ސްޓެލްކޯއިން ގެއްލުންވި ކޭބަލް ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްފި
މާލެއިން ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އާ ކޭބަލް މިހާރު އަޅާފައި ވާކަމަށާއި، އެ ކޭބަލް މިއަދު ކަރަންޓު ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ އެކި ވަގުތުތަކުގައި މާލޭގެ އެކި ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަނިކޮށް މުޅި މާލެއިން ވަނީ އެ ދުވަހު ކަރަންޓު ކެނޑިފަ އެވެ. 

އެކަމާއި ގުޅިގެން ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެކުންފުނީގެ މެނީޖިން ޑިރެކްޓަރު ވިދާޅުވީ، މާލެއިން ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ދެނެގަނެވިފައި ވާކަމަށާއި، އެކަން ހައްލު ކުރުމަށް އާ ކޭބަލް އެއް އަޅަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ފަށާފައި ވާކަމަށް އެ ދުވަހު ޝަރީފް ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ޝަރީފް މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި ކޭބަލް އަޅާ ނިމިފައި ވާކަމަށާއި، މިއަދު ހަވީރު އެ ކޭބަލް އަށް ކަރަންޓު ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި މި ކޭބަލް އިން ކަރަންޓުގެ ހިދުމަތް ދޭނީ، 24 ގަޑިއިރު ބެލުމަށް ފަހު ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

"ރޭގެ ވަގުތެއްގައި ކޭބަލް އަޅާ ނިމިއްޖެ. އެހެން ނަމަވެސް މި ކޭބަލް އިން ކަރަންޓުގެ ހިދުމަތް ދޭން ފަށާނީ، އެނެޖައިޒް ކޮށް ނިމުމަށްފަހު. 24 ގަޑިއިރު ވަންދެން އަޅުގަނޑުމެން ބަލުމަށްފަހު ހިދުމަތް ދޭން ފަށާނީ." ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ކުރިން ހަލާކުވި ކޭބަލް މަރާމާތު ކޮށްގެން ބޭނުން ކުރުމުގައި ނުރައްކާތަކެއް ހުރުމުން އާ ކޭބަލް އަޅަން ނިންމީ ކަމަށެވެ. އަދި މަގުތައް ކޮންނަ ފަރާތްތަކުން ސްޓެލްކޯގެ ކޭބަލް އެއް ހަލާކުވެއްޖެނަމަ އެކަން ލަސްނުކޮށް އެންގުމަށްވެސް ޝަރީފް ވަނީ އެދިފައެވެ. 

"އަސްލު މި ކޭބަލް އަށް ގެއްލުންވި ވަގުތު އަޅުގަނޑުމެނަށް އެންގި ނަމަ އެކަން ކުޑަވަގުތު ކޮޅެއް ތެރޭ ހައްލު ކުރެވޭނެ. އެހެން ނަމަވެސް މިހާ ދުވަސްވުމުން އެ ކޭބަލް މަރާމާތު ކުރަން އުޅުމަކީ ރައްކާތެރި ކަމެއް ނޫން. އަޅުގަނޑު އެދެން މަގުތައް ކޮންނަ ފަރާތްތަކުންވެސް ސްޓެލްކޯގެ ކޭބަލް އަކަށް ގެއްލުމެއް ވެއްޖެނަމަ އެކަން ލަސްނުކޮށް އެންގުމަށް." ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، އަލަށް އެޅި ކޭބަލް އެނެޖައިޒް ކުރުމަށް ގާ ކޮށި ފުލެޓު ހިމެނޭ ސަރަހައްދުން މިއަދު ހަވީރު 16:00 އިން ފެށީގެން 15 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތަކަށް ކަރަންޓުގެ ހިދުމަތް މެދު ކެނޑިގެން ހިނގައި ދާނެ ކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް