ލޭގައި ހުންނަ ވިހަ ތަކާއި، ހަށިގަނޑަށް ބޭނުން ނުވާ ފެންތައް ބޭރުކުރުމުގައި ވެސް ކިޑްނީ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކިޑްނީ ދުޅަހެޔޮކަންމަތީ ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިޑްނީގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ.
ފެން
ފެނަކީ ކިޑްނީއަށް ވަރަށް މުހިންމު ފައިދާތަކެއް ކުރާ އެއްޗެކެވެ. ފިރިހެނުން ކޮންމެ ދުވަހަކު 10-13 ތަށީގެ ފެން ބޯން ޖެހެއެވެ. އަދި އަންހެނުން 8-10 ތަށީގެ ފެން ބޯން ޖެހެއެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް މިފަދަ ބަދަލުތައް ގެނައުމުގެ ކުރިން އަބަދުވެސް ސިއްހީ މާހިރަކާއި މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކެބެޖް
ހަށިގަނޑުގައި ފްރީ ރެޑިކަލްތައް ކޮންޓްރޯލްކޮށް ކިޑްނީއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭ ފައިޓޯކެމިކަލްތައް ގިނަ އަދަދަކަށް ކެބެޖް ގައި އެކުލެވިގެންވެއެވެ. އެހެންކަމުން ކެބެޖަކީ ވެސް ކިޑްނީގެ ދުޅަހެޔޮކަމަށް ބޭނުން ކޮށްލުން މުހިންމު އެއްޗެކެވެ.
ރަތް ބެލް ޕެޕާ
ރަތް ބެލް ޕެޕާ ގައި ވަރަށް މަދު މިންވަރަކަށް ޕޮޓޭސިއަމް އެކުލެވިގެންވާތީ އެއީ ކިޑްނީ އަށް ފައިދާ ހުރި ތަރުކާރީ އެކެވެ. އަދި އެއީ ބައެއް ވައްތަރުގެ ކެންސަރުން ރައްކާތެރިކޮށްދޭ ލައިކޯޕީން ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓެއް ވެސް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން މިއީ ކިޑްނީ ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުން ކޮށްލުން ރަނގަޅު އެއްޗެކެވެ.
ފިޔާ
ފިޔާއަކީ ފްލޭވޮނޮއިޑްސް އާއި ކުއާސެޓިން އެކުލެވިގެންވާ އެއްޗަކަށް ވާތީ، ފިޔާ އަކީ ކިޑްނީއަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި އެކުލެވިގެންވާ ކުއާސެޓިން ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓަކީ ކިޑްނީ ދުޅަހެޔޮކޮށް ބަހައްޓައިދޭ އެއްޗެކެވެ. މީގެ އިތުރުން ފިޔާ ގައި ޕޮޓޭސިއަމް މަދު އަދަދަކަށް އެކުލެވިގެން ވުމުގެ ސަބަބުން މިއީ ކިޑްނީ ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަރަށް މުހިންމު އެއްޗެކެވެ.
ކްރޭންބެރީ
ތަޖުރިބާކާރުންގެ ނަޒަރުގައި ކްރޭންބެރީ ޖޫހަކީ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަށް މަގުބޫލު ހޯމް ރެމެޑީއެކެވެ. ކްރޭންބެރީސް އަކީ ހަޖަމުކުރާ ނިޒާމް ނުވަތަ ކިޑްނީގައި ބެކްޓީރިއާ ހެދިބޮޑުވުމަށް ހުރަސްއަޅާ ގުދުރަތީ އެންޓިބަޔޮޓިކް އެއްގެ ގޮތުގައި ވެސް ބެލެވިފައިވާ އެއްޗެކެވެ. ކްރޭންބެރީސް އަކީ ކެލްސިއަމް އޮކްސަލޭޓް ކިޑްނީގައި ހިލަ އުފެދުމުން ސަލާމަތް ކުރުމަށް ފަރުވާ ކުރެވިދާނެ ކަމަށް ބެލެވޭ އެއްޗެއް ކަމަށް ވެސް ދިރާސާ އަކުން ދައްކާފައިވެއެވެ.
މަސް
މަހަކީ ޕްރޮޓީން އާއި ޕޮލިއަންސެޗުރޭޓެޑް ފެޓީ އެސިޑް އިން މުއްސަނދިވެފަިއވާ އެއްޗެކެވެ. މިއީ ކިޑްނީ އަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭ އައްޑަނައެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެކެވެ.
ބަރަބޯ އޮށް
ބަރަބޯ އޮށަކީ ފައިބަރު، ވިޓަމިން އީ، ޒިންކް، ޕްރޮޓީން، ކޮޕާ އަދި ދަގަނޑުގެ ބާވަތްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި އެއީ ބްލެޑާގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދީ، ބޭރުފުށުން ލިބޭ ކޮންމެ ގެއްލުމަކުން ކިޑްނީ ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ޗެރީ
ޗެރީ އަކީ ހިތާއި ކިޑްނީ ރައްކާތެރިކުރުމަށް އެހީތެރިވެދޭ ފައިޓޯކެމިކަލް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ޗެރީ ގަވާއިދުން ބޭނުންކުރުމަކީ ކިޑްނީގައި ހާއްސަކޮށް އިންފްލެމޭޝަން މަދުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ލުނބޯ
ލުނބޮލަކީ ވިޓަމިން ސީ އާއި ސިޓްރިކް އެސިޑް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ޕީއެޗް ލެވެލްތައް ހިފަހައްޓައިދީ ކިޑްނީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އަދި ކިޑްނީގެ މައްސަލަ ތަކަށް ފަރުވާ ކުރުމަށް ވެސް އެހީތެރިވެދެއެވެ.