ހަމައެކަނި މޭޔަރަށް ދައުވަތު ދެއްވި އިރު މޭޔަރު ޑރ. މުހައްމަދު މުއިއްޒު އުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް އެ ކައުންސިލުން ބުނެއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް ބާއްވަނީ އއ. އުކުޅަހުގަ އެވެ.
މި ކޮންފަރެންސް އަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއޫޑީސި) ތަކަށް ދިމާވާ ކަންކަމުގައި އެންމެ ފަސޭހަ ހައްލު ހޯދައިދިނުމަށް ސީދާ ރައީސުލް ޖުމްހޫރިއްޔާގެ އިސްނެގުމަކާއިއެކު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް ބައިވެރިވެގެން ކުރިއަށްގެންދާ ކޮންފަރެންސް އެކެވެ.
މި ކޮންފަރެންސް އަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސް އެކެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ އެލްޖީއޭއިން ކަމަށާއި، ދައުވަތު ދީފައި ވަނީ ހަމައެކަނި މާލޭ ސިޓީ ކައުންސިލްގެ މޭޔަރަށް އެކަނި ކަމަށެވެ.
ނަރީޝް ވިދާޅުވީ މި ކަމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރި ކަމެއް ކަމަށާއި، މާލޭ ސިޓީ ކައުންސިލަށް ލިބޭ މިފަދަ ހުރިހައި ދައުވަތެއްގައިވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.
ނަރީޝް ވިދާޅުވީ ރައީސްގެ ކޮންފަރެންސްގެ ދައުވަތު ލިބުމުގެ ކުރީގައި ކައުންސިލްގެ މޭޔަރު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނަން ޖެހުމުން އެ ދައުވަތަށް މޭޔަރަށްވެސް ހާޒިރު ނުވެވުނީ ކަމަށެވެ.
މިމަހުގެ 28-29 ގައި ކުރިޔަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައްހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.
ހަމަ އެހެންމެ މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންނާ އ.ތ.މ ކޮމެޓީތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަކީ ވެސް ކޮންފަރެންސްގެ މުހިންމު އެއް ބޭނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.