ads
ސުކޫލް ޓީޗަރުން
ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން އެނބުރި ވަޒީފާއަށް އަންނަ ބޭނުންވޭ: އެޑިޔުކޭޝަން
ތައުލީމީ ދާއިރާގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ މުވައްޒަފުން އަލުން ތައުލީމީ ދާއިރާއަށް ގުޅެން ބޭނުންވެ އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން ވަނީ ދިވެހި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް އެ ފަރާތްތަކަށް ލިބެމުން އައި މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މިހާރު ދިވެހި ޓީޗަރަކަށް އެންމެ ދަށްވެގެން 13،266 ރުފިޔާ ލިބޭނެ އެވެ. އަދި ޕްރިންސިޕަލަކަށް އެންމެ ދަށްކޮށް 30،610 ރުފިޔާ ލިބޭނެ އެވެ. 

ސަރުކާރުން މި ގެނައި ބަދަލާއި އެކު ކުރިން ތައުލީމީ ދާއިރާއިން ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން އެހެން ދާއިރާތަކުން ވަޒީފާ ހޯދި ބައެއް މުވައްޒަފުން އަލުން ތައުލީމީ ދާއިރާއަށް ވަނުމަށް އެދި މިނިސްޓްރީއަށް ސިޓީ ފޮނުވަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ސީއެންއެމްއަށް ވިދާޅުވީ، އަލުން ވަޒީފާއަށް ވަނުމަށް އެދި ސިޓީ ނުފޮނުވިނަމަވެސް، މިނިސްޓްރީން ވަޒީފާއަށް އިއުލާން ކުރުމުން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

މީގެ އިތުރުން ސުކޫލްތަކުގެ ޕްރިންސިޕަލުންނަށް ވުމަށް ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ކުރިން ޕްރިންސިޕަލުން ނެތް ރަށްރަށަށް ރަށުގައި ތިބި ގާބިލް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ވަނީ ބުނެފަ އެވެ. 

ތައުލީމީ ދާއިރާއިން ލިބޭ މުސާރަ މީގެ ކުރިން ކުޑަވުމުގެ ސަބަބުން އެ ދާއިރާއިން ތައުލީމު ހޯދާ ފަރާތްތައް ވެސް މަދެވެ. އެހެން ނަމަވެސް މުސާރައަށް ގެނައި ބަދަލާއި އެކު ތައުލީމީ ދާއިރާއިން ކިޔަވާ ފަރާތްތަކުގެ އަދަދު އިތުރުވެގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް