އޭސީ މިލާނަށް އެގާރަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒްލަޓާންއާ އެ ކްލަބާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. އަންނަ އޮކްޓޫބަރު މަހު ސާޅީސް އެއް އަހަރު ފުރޭ ޒްލަޓާން މި ވަގުތު އަންނަނީ ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި އަހަރު އަލުން އޭނާއަށް ކުޅެން ނުކުމެވުމަކީ ނާދިރު ކަމެކެވެ. އެކަމަކު އޭނާ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް މަލްޑިނީ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ އޭސީ މިލާނާއެކު އާ ކޮންޓްރެކްޓެއް ހެދުމަކީ ގާތް ކަމެކެވެ. މި ދިޔަ ހަފްތާގައި ލީގު ކާމިޔާބު ކުރިއިރު، ވޭތުވެދިޔަ ހަ މަސްދުވަހު ކުޅުނީ ސީރިއަސް އަނިޔާތަކަކާ އެކު ކަމަށް ޒްލަޓާންވަނީ ބުނެފައެވެ. ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް އަށް މަސް ދުވަހެއްހާ ދުވަހަށް އޭނާ ކުޅުމާ ދުރަށްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ އަންނަނީ ފްރާންސްގެ ހޮސްޕިޓަލެއްގައި ސާޖަރީ ހެދުމަށް ފަހު ފަރުވާ ހޯދަމުންނެވެ.