
ފަހަކަށް އައިސް އޮޅުވާލައިގެން ބައެއް ފަރާތްތައް ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
މިކަމާއި ގުޅިގެން ގިނަބައެއްގެ ޝަކުވާ އީސީއަށް ހުށަހަޅާފައި ވާއިރު، އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ސައްހަ ނޫން ފޯމެއް އީސީއަށް ހުށަހަޅައިފިނަމަ ކޮންމެ ފޯމެއް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަދި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ އެ ޕާޓީއެއްގެ ރަޖިސްޓްރާވެސް ޖޫރިމަނާ ކުރާނެ ކަމަށާއި، އެގޮތުން ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ރަޖިސްޓްރާވެސް ޖޫރިމަނާ ކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި މިގޮތަށް އަމަލު ކުރަން ފަށާނީ، މިދިޔަ އޭޕްރީލް މަހު ސިޔާސީ ޕާޓީ ތަކުން ހުށަހެޅި ފޯމުތަކުން ފެށިގެން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އޮޅުވައިލައިގެން މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައި ވާއިރު، ދާދި ފަހުން އެމްޑީޕީގެ ރައްޔިތުންގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާވެސް ވަނީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރެއްގެ ގޮތުގަ އީސީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފަ އެވެ.