
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ސަރުކާރުން މިއަހަރު ދީފައިވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ. ސަރުކާރުން އެހެން ނިންމީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި އިވެލުއޭޓު ކުރުމަށް ވަގުތު ނެތުމުންނެވެ. ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ރާއްޖެއަށް ދިން 453 ކޯޓާގެތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލުމަށް އެކޯޕަރޭޝަނުން ވަނީ ނިންމާފަ އެވެ.
ހައްޖަށް މީހުން ގެންދިއުމާއި ބެހޭ ކަންކަމުގެ މައުލޫމާތު "ސީއެންއެމް" އާއި ހިއްސާ ކުރަމުން އިސްމާއިލް ވިދާޅުވީ، މި އަހަރު ހައްޖަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރުމަށް ލިބުނު ވަގުތަކީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު މަދު ވަގުތެއް ކަމަށާއި. އެހެން ނަމަވެސް ކުރިން އަހަރުތަކެކޭވެސް އެއްގޮތަށް އެ ހިދުމަށް ފުރިހަމަ ކަމާއި އެކު ދިވެހި ހައްޖުވެރިންނަށް އެ ކޯޕަރޭޝަނުން ދޭނެ ކަމަށެވެ.
މީގެ އިތުރުން އިސްމާއިލް ވިދާޅުވީ، މި އަހަރު ލިބުނު ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ދިނުމަށް ހުޅުވާލިއިރު، އެ ކޯޓާ ތަކަށް އެދުމަށް ދެ ކެޓެގަރީއެއް ކަނޑައެޅިފައި ވާކަމަށާއި އެއް ބޭފުޅުންގެ ކެޓަގަރީއާއި ދެ ބޭފުޅުންގެ ކެޓަގަރީ ކަމަށެވެ. ދެބޭފުޅުންގެ ކެޓެގަރީ އަކީ، އުމުރުން 45 އަހަރު ނުފުރޭ އަންހެން ބޭފުޅުންނާއި، ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ހައްޖުގެ އަޅުކަން އަދާ ނުކުރެވޭ ފަރާތްތަކެވެ.
އިތުރަށް ވާހަކަދައްކަމުން އިސްމާއިލް ވިދާޅުވީ، މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ލިބުނު އެންމެހާ ފަރާތްތަކަށް ހާއްސަ މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރުސަތު ލިބުނު ފަރާތްތަކުން އެ ކޯޕަރޭޝަނުން ދެއްވާ އިރުޝާދު ތަކަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ،
ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ރާއްޖެއަށް މި އަހަރު ލިބުނީ 453 ކޯޓާ އެވެ. އެހެން ނަމަވެސް އިސްމާއިލް ވިދާޅުވީ، ސަރުކާރުން ގެންދަނީ ސައުދީ ސަރުކާރާއި އެކު ކޯޓާ އިތުރު ކުރުމުގެ މަޝްވަރާތައް ކުރަމުން ކަމަށާއި، ކޯޓާ އިތުރުވެ، އިތުރު ބަޔަކަށް ހައްޖަށް ދެވޭނެ ގޮތް މެދުވެރިވެއްޖެނަމަ އެ ފަރާތްތަކަށްވެސް ފުރިހަމަ ހިދުމަތެއް އެ ކޯޕަރޭޝަނުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހުރިހާ ގައުމަކަށް ހައްޖަށް މީހުން ފޮނުވުމުގެ ފުރުސަތު ލިބުނީ މަދުންނެވެ.