
މި ތިން ކުޅުންތެރިންވަނީ މިއަދު ހެނދުނު އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވެ ފުރަތަމަ އެކުލަވާލި ސްކޮޑުން މި ތިން ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެއެވެ. އެހެންނަމަވެސް، މީޑިއާގެ ޕްރެޝަރާއި ހެދި މި ތިން ކުޅުންތެރިންނަށް ޓީމުން ފުރުސަތުދީ މިއަދު ހެނދުނު އޮތް ޕްރެކްޓިހުގައި އެ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.
ކޫޕްމަންގެ ފުރަތަމަ ސްކޮޑުން މި ތިން ކުޅުންތެރިންނަށް ފުރަތަމަ ފަހަރު ފުރުސަތު ނުދިންނަމަވެސް އެ ސްކޮޑުން މުހައްމަދު އާރިފް- ބަކާއަށްވަނީ ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ ފަހަރަށް ފުރުސަތު ދީފައެވެ. އުމެއިރު، އިޝާން އަދި އީސަ، މިއަދު އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވިޔަސް، މާދަމާ އޭއެފްސީ ކަޕް ކޮލިފައިންގ މެޗު ކުޅޭތީ ގައުމީ ޓީމުގައި ހިމެނޭ މާޒިޔާގެ އެއްވެސް ކުޅުންތެރިއެއް އަދި ޕްރެކްޓިހުގައި ބައިވެރިއެއް ނުވެއެވެ.
މި ކުޅުންތެރިން ގައުމި ޓީމާ ގުޅޭނީ އޭއެފްސީ ކަޕް ކޮލިފައިންގައި ބަންގާޅުގެ އަބަހާނީ ލިމިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ފަހުއެވެ.
އެފްއޭއެމުންވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް އަލީ ސުޒޭން އަދި ގޯލް ކީޕަރު ކޯޗުގެ މަގާމަށް އިމްރާން މުހައްމަދު ހަމަޖައްސާފައެވެ.
ސުޒޭންއާ އިމްރާންއާ އެކު، ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ.