
"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ހަމީދު މިއަދު ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާ މީހުންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އިސްމާއީލް ވިދާޅުވީ ހައްޖަަށް ފުރާ މީޙުންގެ ފުރަތަމަ ފްލައިޓް އިނީ މިމަހގުގެ 26 ވަނަ ދުވަހުގައި ކަމަށެވެ.
އިސްމާއީލް ވިދާޅުވީ ހައްދަށްދާ ފުރަތަމަ ގުރޫޕުގައި 157 މީހަކު ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިމަހުގެ 26 ގައި ފުރަތަމަ ގުރޫޕުގެ ފުރު އޮތީ. މި ދަތުރުގައި ޖުމްލަ 157 މީހަކު ބައިވެރިވާނެ" އިސްމާއީލް ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމަށް ދިއުމަށް މިފަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވަނީ ޖުމްލަ 452 ކޯޓާ އެވެ. ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ 352 ކޯޓާގެ ޖާގަ އެކެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވާލައިގެން މީހުން ހޮވުމަށް ވަނީ ނިންމައިފައެވެ.
2014 ވަނަ އަހަރުން ފެށިގެން ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދަނީ 69،965ރ. އަށެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު 76،960ރ އަށް ބޮޑުކޮށްފައެވެ. މިއީ 2014ގެ ފަހުން އެ ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދާ އަގު ބޮޑުކުރި ފުރަތަމަ ފަހަރެވެ.
އެހެންކަމުން މިހާރު އެ ކޯޕަރޭޝަނުން ވަނީ ހައްޖަށް ގެންދާ އަގު ކުރިއާ އަޅާކިޔާއިރު، 6،995ރ ބޮޑުކޮށްފައެވެ.