
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ އެއްވެސް މައްސަލައެއްގެ ތަހްގީގު ކޮމިޓީއެއްގައި ނުވަތަ އެ ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިޓީއެއްގައި ނުވަތަ ކޮމިޝަނުގައި ނިންމާ ނިންމުމެއްގައި މެންބަރެއްގެ ހައިސިއްޔަތުން އެ ފަނޑިޔާރަކު ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.
ޖޭއެސްސީން މިގޮތަށް ބަަޔާން ނެރެފައިމިވަނީ، ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި ފަންބޮނޑި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މަސްއޫދު ހިލްމީއަށް މީހަކު ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުކަން ވެސް ކުރައްވާ އަލީ ޝަރީފް ފާޅުކަން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ޖޭއެސްސީން މައްސަލަ ބަލަމުންދާ ކޮމެޓީގައި ޝަރީފު އިންނަވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.
ޝަރީފުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒް މުހުސިނުގެ އެޑަވަކަސީ ޗެމްބަރުނެވެ.
ޖޭއެސްސީއަށް އެ ޗެމްބަރުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާފައިވާ ނިންމުން އެއްވެސް ފަރާތަކުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފައި ނުވާއިރު، އެނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމުގެ ބާރު އެމަރުހަލާގެ ކޯޓަކަށް ލިބިގެން ނުވާ ކަމަށް ގާނޫނުން ސާފަކޮށް އިގޭ ކަމަށެވެ.
އަލީ ޝަރީފް ވަނީ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާފައިވާ ނިންމުމެއް، މައްސަލައިގެ ފަހު މަރުހަލާގައި އެހެން ގޮތަކަށް ބަދަލުކޮށް މައްސަލަ ސާބިތު ނުވާކަމަށް ހުކުމްކޮށްފަ އެވެ.
ދިޓީވީ މަސްއޫދަށް ހަމަލާދިން މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އެގޮތުން ދައުލަތުން ހުށަހެޅި މައި ހެކިތަކުގެ ތެރޭގައި މަންޒަރު ދުށް ދެ މީހެއްގެ ހެކިބަހާއި ވީޑިއޯ އާއި ވީޑިއޯ އެންޑް އިމޭޖް ތަހްލީލު ރިޕޯޓާއި ވީޑިއޯ ތަހްލީލު ކުރި ފުލުހުސް އޮފިސަރުގެ ހެކިބަހުގެ އިތުރުން މަސްއޫދަށް ފަރުވާ ދިން ޑޮކްޓަރުގެ އިތުރުން މޯބައިލް ފޮރެންސިކް ރިޕޯޓް ވެސް ހިމެނެއެވެ.
މި ވީޑިއޯ އެނަލައިޒް ކުރި ފުލުހުސް އޮފިސަރު ޝަރީއަތުގައި ވެސް ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާ އާއި ވީޑިއޯއިން ފެންނަ މީހާ އާއި ސާމްޕަލް ފޮޓޯ އަޅާ ކިޔާ އިރުވެސް އެއްގޮތް ހަތަރު ސިފަ ފާހަގަ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް މެޖިސްޓްރޭޓް އަލީ ޝަރީފް ނިންމަވާފައި ވަނީ ދައުލަތުން ހުށަހެޅި އެއްވެސް ހެކެއް ބަލައިނުގަތުމަށެވެ.