
ސްޓެލްކޯ އިން ރޭ ބުނީ، ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރޭ ނިންމާފައި ވާކަމަށެވެ.
އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިހެން ނިންމާފައި ވާއިރު، އެޗްޑީސީއިން އެ ފުލެޓް ތަކަށް ކަރަންޓު ދިނުން ލަސްވާތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެހެން ނަމަވެސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ މީގެ ކުރިން ދީފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެޗްޑީސީން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏެއް ކަމަށްވާ ބްރައުންސް-ސީއެމްއީސީއަށެވެ.
ސްޓެލްކޯގެ ފުލެޓުތަކަށް ކަރަންޓު ނުދެވި ލަސްވަމުން ދިއުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ވެސް މީގެ ކުރިން އެޗްޑީސީއިން ވަނީ ބުނެފަ އެވެ.