ads
މާރާމާރީގައި މަރުވި ޒަޔާން
އައްޑޫ: ޒުވާނާ މަރާލިތާ 3 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ
އައްޑޫ ސިޓީ ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ގުރޫޕް މާރާމާރީއެއްގައި، ޒުވާނަކު މަރުވެފައި ވާއިރު މި ކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ޒުވާނަކަށް ބޮޑެތި ހަމަލާތަކެއްދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވާއިރު، މި މައްސަލަ އާއި ގުޅިގެން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ވޭތޯ ފުލުހުންގެ ކިބައިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ، އަދި މިހާތަނަށް މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. 

އެހެން ނަމަވެސް މި މައްސަލަ އާއި ގުޅިގެން ފުލުހުން ފުޅާ ދާއިރާއެއްގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

މި މާރާމާރީ އަކީ އެ ރަށުގައި އޮންނަ ދެ "ގޭންގް" އެއްގެ ދެމެދުގައި މަސްތުވާތަކެއްޗާއި ގުޅިގެން އުފެދުނު މައްސަލައަކާއި ގުޅިގެން ހިނގި މާރާމާރީއެއް ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ގޭންގުގެ ދެމެދު މީގެ ކުރިންވެސް ވަނީ މާރާމާރީ ހިންގާފަ އެވެ. އަދި ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީއަކީ، އޭގެ ކުރީ ރޭ ހިނގި މާރާމާރީއަކާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހިންގި މާރާމާރީއެއް ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އެރަށުން "ސީއެންއެމް" އަށް މައުލޫމާތު ދިން މީހަކު ބުނީ، މިދިޔަ މަހުގެ ވަކި ހިސާބަކުން ފެށިގެން ފުލުހުން ރަށު ތެރޭ ހަރަކާތްތެރިވުން މަދު ވެފައި ވާކަމަށާއި، ސަބަބަކީ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލް ނޭޅުމުން ވެހިކަލްތައް ނުދުއްވޭތީ ކަމަށެވެ. އަދި ވެހިކަލް ތަކަށް ޕެޓްރޯލް ނޭޅެނީ ފުލުހުން ދައްކަންޖެހޭ ބިލު ތަކެއް ނުދައްކާ އޮތުމުގެ ސަބަބުން ކަމަށްވެސް އެފަރާތުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެ އެވެ. 

އައްޑޫގައި މާރާމާރީތައް އިތުރުވެ، ޒުވާނަކު މަރުވެފައި ވާއިރު، އެކަމާއި ގުޅިގެން އެރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މާރާމާރީތައް އިތުރުވެ ޒުވާނަކު ދުނިޔެ ދޫކޮށް ދިއުމަކީ މިކަމުގައި އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އައްޑޫ ސިޓީގެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް