ads
އިންސާފުގެ ދަތުރު ހަރަކާތުގައި ރައީސް ނަޝީދު
ފަނޑިޔާރުގެ އިސްލާހުކޮށް ނިމުނީ އެވެ!؟
އެމްޑީޕީން ވެރިކަމަށް އައީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މާތް ވައުދާއެކުއެވެ. މިހާރު ދެން ގާތްގަނޑަކަށް ފަނޑިޔާރުގެ އިސްލާހުކޮށް ނިމުނީއޭ ބުނާ ހިސާބަށް އެމްޑީޕީގެ ކަންތައް ދިޔައީއެވެ. އަމިއްލައަށް ހަދާ ގަވައިދާ، އަމިއްލަ ޕާޓީގެ ނިންމުންވެސް ހިތު ހުރި ގޮތަކަށް ބަދަލުކޮށްލަނީއެވެ.

އަޅުގަނޑުގެ ހިތަށް އަރަނީ، އެމްޑީޕީން ފަނޑިޔާރުގެ އިސްލާހު ކުރުމޭ ކިޔާ ތަންތާނގައިވާ ވާހަކަ ދައްކަން ލަދު ނުގަނޭ ބާވައެވެ؟ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު، އެމްޑީޕީން ވިޕް އަޅައިގެން ވަކިކުރިއިރު، އަމިއްލަ އިޚްތިޔާރާ އެއް ގޮތަށް ވޯޓް ދެވެން ނެތް ކަމަށް އެމްޑީޕީގެ މެންބަރުން އަމިއްލައަށް އިއުތިރާފްވިއެވެ. ޖޭއެސްސީން ފަނޑިޔާރު ވަކިކުރުމުގެ އިޖުރާއަތުތައް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް އެތައް މެންބަރުންނެއް ފާހަގަ ކުރިއެވެ.

އެހެންނަމަވެސް އަމިއްލަ ވިސްނުމާ އެއް ގޮތަށް ވޯޓް ދޭނެހާ ގަޓު އެމްޑީޕީގެ މެންބަރުންގެ ނެތެވެ. މި ހުރިހާ ކަމެއް ކުރީ، ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވައިގެން ހޭވި ހަޑި ސާފު ކުރަން ވެގެންނެވެ. އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ކެމްޕެއިން ކުރެއްވި އެމްޑީޕީގެ ތިލަފަތުގެ ރަމްޒުގެ ގޮތުގައި ޚުދު ރައީސް ނަޝީދު ސަޕޯޓް ކުރެއްވި އިމްތިޔާޒް ފަހުމީ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ރިޔާސަތު އިމްތިޔާޒް ފަހުމީއާ، މޫސާ ސިރާޖު، އަދި އެމްޑީޕިގެ ކުރީގެ ޗެއަރޕަރސަން ޙަސަން ލަތީފު ފަދަ ފުންނާބު އުސް ގާނޫނީ ވަކީލުން ތިއްބަވާ ކޮމިޓީއަކުން ގޯހުން ގޯހަށް ޖޭއެސްސީން އަމަލުކޮށްފައިވާކަން ފާހަގަ ކުރުމުންވެސް އެކަން ބޮލާލައި ޖެހީއެވެ.

ނާޖާއިޒު ގޮތުގައި ފްލެޓެއް ހޯއްދެވި ކަމަށް ތުހުމަތުކޮށް، ހައިކޯޓުގައި އެންމެ ގިނަ ދުވަސްވީ، އަދި ޖުޑިޝަރީގައި ވިއްސަކައަށް އަހަރުވީ ފަނޑިޔާރެއް މަގާމުން ވަކިކުރިއިރު، ހަމަ އެ ދުވަސްވަރު އެއަށް ވުރެ ބޮޑު ފްލެޓެއް ހޯއްދެވި ފަނޑިޔާރަކަށް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުސަތު ޖޭއެސްސީން ދިންކަން މަޖިލީހުގެ އެތައް މެންބަރުންނެއް ފާހަގަ ކުރިއެވެ. މިއީ ވަރަށް ބޮޑު ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެސީގެ ބައްޕަކަމަށް ދައުވާ ކުރާ މުހައްމަދު ނަޝީދު އިންނަވައިގެން އެ ފަދަ ނިންމުމެއް ނިންމަވައިފާނެ ކަމާމެދު ޝައްކު ކުރާނެ ބައިވަރު މީހުން ތިބޭނެއެވެ. އެކަމަކު މިއަދު ދެން އިތުރަށް ރައީސް ނަޝީދާ މެދު އެ އުއްމީދު ކުރުމުގެ މާނައެއް ނެތެވެ. މަސީހެކޭ ނަޝީދެކޭ ތަފާތެއް ނެތެވެ. މަޖިލިސް 19 އެއްވެސް އެޖެންޑާ 19 އެއްވެސް ތަފާތެއް ނޫނެވެ. ހަމަ އެއް ސަކަރާތެކެވެ.  

ޖުޑީޝަރީ ކޮމިޓީގެ ނިންމުން ބޮލާލައި ޖަހައި އެ ނިންމުން މަޖިލީހަށް ބަލައިވެސް ނުގަތީއެވެ. ޑިމޮކްރެސީއާ ގުޑްގަވަރނަންސް ފައްކާވާނީ މި ލެވެލްއަށެވެ. ޖަވާބުދާރީވުމުގެ ފުރުސަތަކީ ކިތައްމެ ބޮޑު މުޖުރިމަކަށްވެސް އޮންނާނެ ފުރުސަތެކެވެ. އެކަމަކު އެ ފުރުސަތު ފަނޑިޔާރަކަށް ނުދީ، މުޅިން ގޯހުން ނިންމާފައި އޮތް ނިންމުމެއް އެމްޑީޕީން އެންޑޯޒްކޮށް، މުޅި ފަނޑިޔާރުގެ ޚަރާބު ކުރީއެވެ. ރައީސް ނަޝީދަށް ވަރަށް ސަލާމެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް