ads
ޕީޖީ ހުސައިން ޝަމީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޖިނާއީ ބޮޑެތި މައްސަލަތައް ގިނަވެގެން ތިން ދުވަހުން ނިމެންވާނެ: ޕީޖީ
ޖިނާއީ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތައް ފަށާތާ ތިން ދުވަސް ތެރޭގައި ނިންމުމަށް ބޭނުންވާތީ ކޯޓުތަކާއި ކަމާ ގުޅޭ އިދާރާތަކުގައި އެގޮތަށް އަމަލުކޮށްދިނުމަށް އެދެމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޕީޖީ ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި އޮންނަނީ "ކޮންޓިނުއަސް ހިއަރިން" ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންކަމުން އެ މާއްދާ ޕީޖީ މާނަކުރައްވާ ގޮތް ޝަމީމް ވަނީ ވިދާޅުވެ ދެއްވާފަ އެވެ. 

"ކޮންޓިނުއަސް ހިއަރިން ކަމަށް އަޅުގަނޑުމެން މާނަކުރަން މި ބޭނުންވަނީ، އަޅުގަނޑުމެން ބޭނުންވާ ގޮތަކީ އެ މައްސަލަ ހެނދުނު 9:00 ޖަހާއިރު ފަށާ ގޮތަށް ހަވީރު 4:00 ޖަހަންދެން ގެންދަންވީއޭ ހަމަ އެއް މައްސަލައެއް. ގެންގޮސް އެ ދުވަހު އެ މައްސަލައިގައި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ދެފަރާތުން ދައްކަންޖެހޭ ވާހަކަތައް ދައްކާ އެއްކޮށް ނިންމަންވީއޭ. އެއް ދުވަސް ތެރޭ ނުވެއްޖިއްޔާ ދެވަނަ ދުވަހުވެސް ހަމަ އެމައްސަލައޭ ގެންދާނީ. ދެވަނަ ދުވަހު އެމައްސަލަ ކުރިއަށް ގެންގޮސް ތިންވަނަ ދުވަހު ހުކުމާ ހަމައަށް ދާންވީ." ޝަމީމް ވިދާޅުވި އެވެ. 

ޕީޖީ ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް އެކީއެކަށް އަވަހަށް ކުރިއަށް ގެންގޮސް ނިންމާލުމަކީ ޖިނާއީ އިޖުރައާތުގެ ގާނޫނު ވެސް ތަސައްވުރު ކުރާ ގޮތް ކަމަށެވެ. ނަމަވެސް ކޯޓުތަކުން މިހާރު އަމަލުކުރާ އާންމު އުސޫލަކީ ކޮންމެ މައްސަލައެއްގައި ވެސް ޝަރީއަތުގެ މަޖިލިސް އެއް ގަޑިއިރަށް ކުރިއަށް ގެންގޮސް އެ ދުވަހުގެ އަޑުއެހުން ނިންމާލުން ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެއީ އެއްވެސް އުސޫލެއްގައި ލިޔެވިފައި އޮވެގެން އަމަލުކުރާ އުސޫލެއް ނޫން ކަމަށާއި އެއީ އަމަލުކުރާ އާންމު ހަމައެއް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ބޮޑެތި މައްސަލަތަކުގައި މުޅި ދުވަހަށް ޝަރީއަތް ކުރިއަށް ގެންގޮސް ދެތިން ދުވަހުގެ ތެރޭގައި ހުކުމް ކުރަން ފަށާ އުސޫލަކަށް ދިއުމަށް ޕީޖީ ވަނީ އެދިވަޑައިގެންފަ އެވެ. 

"އަޅުގަނޑުމެންގެ ހުށަހެޅުމަކީ އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް ވެސް މާރަނގަޅު. ކޯޓުތަކަށްވެސް މާރަނގަޅު. ހެކިންގެ ހެކިބަސް ލިބުންވެސް މާފަސޭހަ. އަވަހަށް މައްސަލަ ނިމެންވެސް ނިމޭނެ. ދެން އަދި ދިފާއީ ވަކީލުންނަށްވެސް ރަނގަޅު. ދިފާއީ ވަކީލުންނަށް ވެސް އެއް މައްސަލަ ނަގައިގެން އެ މައްސަލައިގެ ތެރޭގައި ހަތަރު އަހަރު ފަސް އަހަރު އުޅެން ޖެހުނީމާ މަރަނގަޅު ނަތީޖާއެއް ނޫން ނިކުންނާނީ. އެއްފަހަރުން މައްސަލަ ނިމެންޏާ ހުރިހާ އެންމެންނަށްވެސް މާރަނގަޅު. އެހެންވީމާ އަޅުގަނޑުމެންގެ ހުށަހެޅުމަކީ އެގޮތަށް ކުރިއަށް ގެންދިއުން،" މައްސަލަތައް އަވަހަށް ނިންމުމުގެ މުހިއްމު ކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއަޅަމުންދާތީ ކޯޓުތަކުން ވެސް އެކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޕީޖީ އޮފީހާ ވާހަކަދައްކަމުންދާ ކަމަށެވެ. މައްސަލަތައް އަވަހަށް ނިންމަން ފެށުމުން ނިޒާމާ ދޭތެރޭގައި މީހުންގެ އިތުބާރު ބޮޑުވެ، ޔަގީންކަން އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ މައްސަލަތައް އަވަހަށް ނިންމަން ފެށުމަކީ ދައުވާ ލިބޭ މީހާއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭރުން ދައުވާ ލިބޭ މީހެއްގެ ބޯމަތީގައި މައްސަލައެއް ނުނިމި އޮންނަ އޮތުން ނިމުމަކަށް އައިސް އެ މައްސަލައެއްގައި ވާންވީ ގޮތެއް ސާފުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ދެކެނީ މިއޮފީހަށް މައްސަލައެއް ވަނީމާ ނުވަތަ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވަނީމާ އެއީ ދެން އަޅުގަނޑުމެންގެ ކަމެކޭ އެކަން ކުރިއަށް ގެންދިއުމަކީ. އަޅުގަނޑަކަށް ނުބުނެވޭ ފުލުހުން މިކަން ނުކުރަނީއޭ، ކޯޓުން މިހެން ނުހަދަނީއޭ. އަޅުގަނޑުމެން އެންމެން ޒިންމާވާންޖެހޭ ކަމެކޭ. އެހެންވީމާ މިކަމުގެ ޒިންމާ ނަގައިގެން އަޅުގަނޑުމެން އެންމެންގެ ކަމަކަށް ހަދައިގެން އެއީ ޕޮލިސް ކަމަށްވިޔަސް ޕީޖީ އޮފީސް ކަމަށްވިޔަސް އަދި ކޯޓުތައް ކަމަށްވިޔަސް. އަޅުގަނޑުމެންނަކަށް ނުބުނެވޭނެއޭ އާދައިގެ މީހާ ކައިރީގައެއް ކޯޓުން މައްސަލަ ނުހިނގައިގެން ލަސްވަނީއޭ. އެއީ ޒިންމާދާރު ޖަވާބެެއް ނޫނޭ. އަޅުގަނޑުމެން އެންމެން ކަމެކޭ އެއީ އެ މައްސަލައެއް ކުރިއަށް ގެންދިއުމަކީ،" ޝަމީމް ވިދާޅުވި އެވެ. 

ޕީޖީ ވިދާޅުވީ މައްސަލައިގެ ޝަރީއަތް އޮންނަ ދުވަސް ދުރާލައި އެންގުމަށްފަހު މައްސަލަތައް އަވަހަށް ނިންމުމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލު ކަމަށެވެ. އެހެންކަމުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޖިނާއީ ތަހުގީގުތައް ހިންގާ އިދާރާތަކުގައި އަމަލުކުރާ އުސޫލު ބަލައި ތަހުގީގު މަރުހަލާގައި ވެސް ޕީޖީ އޮފީހުން ދެވެން އޮތް އެހީތެރިކަމެއް ދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ. 

ޝަމީމް އިތުރަށް ވިދާޅުވީ މައްސަލަތައް އަވަހަށް ނިންމުމަކީ އެތައް ވަގުތެއް ސަމާލުވެ ދައުލަތުގެ ހަރަދުތައް ވެސް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް