ads
މެމްބަރު އަލީ ހުސެއިން--
ސީޕްލޭން ޓާމިނަލަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ޖެހިދާނެ ތަނަކަށް ވެގެން ނުވާނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ރަންވޭ ހުޅުވައި، އެއާޕޯޓް ބާރަށް ހިންގަން ފެށުމަށް ސަރުކާރާއި ޓީއެމްއޭއާ ދެމެދު، އެއްބަސްވެފައިވާ ގޮތަށް ސީޕްލޭން ޓާމިނަލުގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިއްމު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށް މިއަދު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  އަސްލު އެއްބަސްވުމެއް ލިޔެ ދައުލަތުގެ ފަރާތުން ސޮއިކޮށްފައި ނެތި، އެއްބަސްވުމެއް ވުމަށް އެއްބަސްވެ ފޮނުވާ ސިޓީ އަކީ އޭގެ އަމިއްލަ ޒާތުގައި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށްބަލައިގެން ނުވާނެ ކަމަށެވެ. އެގޮތުން ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ސީ ޕްލޭން ޓާމިނަލާއި ގުޅޭގޮތުން މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތަކީ އެހެން ބަޔަކަށް އެކީގައި އެތަން ދިނުމަށްވުރެ މާރަނގަޅު ގޮތެއް ކަމަށެވެ. 

"ގައުމުގެ ކަންކަން ނިންމަން ޖެހޭނީ ވަރަށް ހިކުމަތްތެރި ކަމާއެކު ފަހުން މަޅި ނާރާ ގޮތައް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އެގޮތަށް އަލީ ހުސެއިން ވިދާޅުވިއިރު އެމްއޭސީއެލުން އާޓާމިނަލާ ގުޅިގެން ޓީއެމްއޭއަށް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކޮށް ޓީއެމްއޭއިން ބުނީ އެ ސިޓީގައި ވަނީ އާ ޓާމިނަލުން ޓީއެމްއޭއަށް 10.35 ޑޮލަރު އަކަފޫޓަކަށް ޖެހޭ ގޮތަށް 31،000 އަކަމީޓަރުގެ ޖާގަ ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން، ބިމުގެ ކުލީގެ އިތުރުން ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ވެސް ނަގަން ޖެހޭ ގޮތަށް ކަމަށް ސިޓީގައިވާ ކަމަށެވެ.

އަލަށް ހަދައި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމްއޭސީއެލުން ވަނީ އެގޮތަށް އެކަން ކުރަން ނޫޅޭ ކަމަށް ކުރިން ބުނެފަ އެވެ. އަދި އެކަމުގެ އޮޑިޓެއް ވެސް އޮޑިޓާ ޖެނަރަލްގެ އޮފީން ވަނީ ކޮށްފަ އެވެ.

އެ ރިޕޯޓް ބުނާ ގޮތުން އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. އެގޮތުން ކޮންމެ އަކަމީޓަރަކަށް 10.35 ޑޮލަރު ނަގަން ނިންމާފައިވާއިރު އެވަރަށް ޖާގަދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެ އެވެ.

އެ ނިންމުމާއެކު ފިނޭންސް މިނިސްޓްރީން ބުނީ އެމްއޭސީއެލުން ތަރައްގީ ކުރަމުންގެންދާ ސީޕްލޭން ޓާމިނަލަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށެވެ. އަދި ޓޫރިޒަމް ދެމެހެއްޓުމަށް ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ މުހިއްމު ބައެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައި ވަނީ އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ. 

40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތަކާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފެށިއިރު އެ ތަނުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ކުރިން އެމްއޭސީއެލުން ވަނީ ބުނެފައެވެ.

14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް