ads
ފޮތް ކިޔާއިރު ވިސްނައި ސުވާލު އުފައްދަން ކުދީންނަށް ދަސްކޮށްދޭން ޖެހޭ: މެޑަމް
ހުރިހާ ކުދީންނަކީވެސް، ކިޔުންތެރިކަމަށް ލޯބިކުރާ އަދި ފޮތްކިޔުމުގައި ކަންކަމާއިމެދު ވިސްނުންތެރިކަމާއިއެކު ސުވާލު އުފައްދާ ނުވަތަ "ކްރިޓިކަލް ރީޑިން" އަށް އިސްކަންދޭ، އަދި ލިޔުންތެރީންނާއި އަދީބުންގެ ލިޔުންތަކުން ދޭހަކޮށްދޭން ބޭނުންވާ މާނައާއިމެދު ފުންކޮށް ވިސްނާ ފިކުރުކުރާ ކުދިބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވައިލައްވައިފި އެވެ.

އެކަމަނާ، މިކަމަށް ގޮވައިލެއްވީ އޭޝިއާ ފައުންޑޭޝަންގެ "ލެޓްސް ރީޑް" ޕްރޮގްރާމްގެ ދަށުން ހިންގާ ތަރުޖަމާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ. 

މެޑަމް ފަޒްނާ ވިދާޅުވި ގޮތުގައި، މުސައްނިފުންނާއި ލިޔުންތެރީންގެ ފޮތްތަކާއި ލިޔުންތަކުން އެމީހުން ދޭހަކޮށްދޭން މަސައްކަތްކުރާ މާނަ އެންމެ ފުރިހަމައަށް މޭރުންވާނީ، އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި ލިޔެފައިވާ އެއްޗަކާއިމެދު ފުންކޮށް ވިސްނާ ފިކުރުކޮށްގެންނެވެ. އަދި، ކަމަކާއިމެދު ދެބަސްވުމުގެ ކުރީން އެކި މީހުންގެ ހިޔާލާއި ވިސްނުން ތަފާތުވާނެކަން ދެނެހުރެ، އެފަދަ ހިޔާލުތަކަށް މަރުޙަބާ ކިޔައި ފުރުސަތު ދޭންވާނެކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

މެޑަން އިތުރަށް ވިދާޅުވީ، ހުރިހާ ކުދީންނަށް މިފަދަ ސިފަތައް ދަސްކޮށްދީ، އަށަގެންނެވުމަށް މުދައްރިސުންނާއި ބެލެނިވެރީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިނގިރޭސި ބަހާއި، އެހެނިހެން ބަސްތަކުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޒަރީއާއިން އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނާއި ކުދީންނަށް، އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށްވެސް، ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

މެޑަމް ފަޒްނާ އިފްތިތާހުކޮށްދެއްވާފައި މިވަނީ އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއް މެދުވެރިކޮށް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން މިއީ އޭޝިއާ ފައުންޑޭޝަނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ގައުމީ ކުތުބުހާނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް