ads
ޕީޖީ ޝަމީމް މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި.. ފޮޓޯ: މަޖިލިސް
ވެންޓިލޭޓަރު މައްސަލަ ޕީޖީގެ މަޝްވަރާއަށް އަނެއްކާވެސް ފޮނުވައިފި
ކޮވިޑް-19 އިގެ ތެރޭ ހިނގި ވެންޓިލޭޓަރު ހިޔާނާތު މައްސަލާގައި ދައުވާކުރުމުގެ ކުރިން ޕްރޮސިކިއުޓަ ޖެނެރަލް(ޕީޖީ) އޮފީހުގެ މަޝްވަރާއަށް، އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އެ މަައްސަލަ އަނެއްކާވެސް ފޮނުވައިފި އެވެ.

އެމައްސަލާގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރެގެން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޕީޖީން ވަނީ އޭސީސީއަށް މައްސަލަ އަނބުރާ ފޮނުވާފަ އެވެ. އެންމެ ފަހުން ފޮނުވާލިފަހަރު، ޕީޖީން އެދުނީ، އިސްލާހުކުރަންޖެހޭ ކަންކަންކަމަށް އެ އޮފީހުން ފާހަގަކޮށްފަވާ ކަންކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށާއި، ދައުވާކުރުމާ ގުޅޭ މުހިއްމު ލިޔެކިއުންތައް ފޮނުވާދިނުމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު “ސީއެންއެމް” އަށް ވިދާޅުވީ، އިސްލާހުތަކާއިއެކު އޭސީސީން އަލުން މަޝްވަރާއަށް ހުށަަހަޅާފަވަނީ އާދިއްތަ ދުވަހު ކަމަށެވެ.

“ ދިރާސާކޮށްފަ ދައުވާކުރުމާމެދު އަންނަ ހަފްތާގަ ނިންމުމެއް ނިންމާނަން” ޝަފީއު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައިގައި ދައުވާ ނުކޮށް ލަސްވާ ސަބަބު ސާފުކުރަން ނޫސްވެރިއަކު ސުވާލުކުރުމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، އޭސީސީން މިފަހަކަށް އައިސް ވަރަށް ގިނަ މައްސަލަތައް ފޮނުވާފައިވާކަމަށާއި ފޮނުވާއިރަށް ވަރަށް އަވަހަށް އެކަންކަން ނިންމަން މަސައްކަތްވެސް ކުރައްވާ ކަމަށެވެ. 

ނަމަވެސް އޭސީސީއަކީ މިނިވަން މުއައްސަސާއަކަށް ވުމުން މައްސަލަތައް ފޮނުވާއިރު ޕީޖީ އޮފީހާއި އޭސީސީން މަޝްވަރާ ނުކުރާތީ މައްސަލަތައް އަވަހަށް ނިންމުމުގައި ދަތިވާކަމަށް ވިދާޅުވި އެވެ. 

އެދުވަހު ޕީޖީ ޝަމީމް ވިދާޅުވީ، އެމައްސަލާގައި ހަފްތާއެއްތެރޭ ގޮތެއް ނިންމަވާނެ ކަަމަށެވެ. ނަމަވެސް އޭގެ ތިން ހަފްތާ ފަހުން އަނެއްކާވެސް އެ މައްސަލާގައި ދައުވާ ނުކޮށް އަލުން އިސްލާހު ކުރަން ފޮނުވާލީ އެވެ. 

އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެފަ ވާއިރު، އެ މައްސަލައިގައި އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2020 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ. ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރި އެވެ. 

އެމައްސަލަ މުރާޖާކޮށް އަލުން ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީއަށް ފުރުސަތު ލިބުނީ ރައްޔިތުންގެ ޕްރެޝަރާއި ހެދި އެވެ. 

ދުބާއީގެ އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބައެއް އާލާތްތައް މަދެވެ. ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު އަދި ވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް