މި ގޮތަށް މި ވާހަކަ ދެކެވުނު ކަމުގައި ވީ ނަމަވެސް ދިވެހި ސަގާފަތް ކުރިއަރުވަން މަސައްކަތް ކުރަނީ މަދު ބައެކެވެ. އުފެދޭ ސުވާލަކީ ދިވެހިންގެ ދިވެހި ވަންތަ ސަގާފަތް އަހަރުމެން ދިވެހިންނަށް ކަމުނުދަނީ ބާ އެވެ.
މިހާރަކަށް އައިސް އެކި ކަހަލަ ރަސްމިއްޔާތު ތަކުގައި އެހެން ގައުމުގެ ސަގާފަތުގެ ކަންކަން ބޭނުން ކުރާ ކަމީ ފާހަގަ ވާނެ ކަމެކެވެ. މި ފަދަ އަމަލުގެ ސަބަބުން އަހަރުމެންގެ އަންނަން އޮތް ޖީލަށް ނޭދެވޭ އަސަރު ކުރާނެ ކަމާމެދު އެއްވެސް ވަރަކަށް ވިސްނާނުލަނީ ހެއްޔެވެ.
ސަގާފަތުގެ ވާހަކަ ދައްކާއިރު ކުރިއައް އޮތީ ބޮޑު އީދު ކަމުން ދިވެހިންގެ ކުޅިވަރުގެ ވާހަކަ ދައްކަމާ ހެއްޔެވެ. އަހަރުމެންގެ ކާބަފައިންގެ ޒަމާނުގައި ކުޅުނު އީދު ކުޅިވަރުތަށް މިހާރު އުވިގެން ގޮސްފިއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެ އެވެ. އަހަރުމެންގެ ކާބަފައިން އީދުގައި ކުޅުނު މާފަތި ޖެހުމާ، ތާރަޖެހުމާ، ފަތިގަނޑު ޖެހުމާ، ބަނޑިޔާ ޖެހުމާ، ފަން ކުޅުމާ، ބޮޑުމަސް ނެރުމާ، މާލި ނެށުން ފަދަ ކަންކަމީ މިހާރު ރާއްޖޭގެ މަދު ރަށެއްގައި ނޫނީ ނުފެންނާނެ ކަން ކަމެވެ.
މިހާރު އީދުގައި ކޮންމެވެސ ބޭރު “ފަރަންޖީ” އަކު ގެނެސްގެން ޝޯއެއް ނޫނީ ނަށާ ބައެއް ގެނެސްގެން ޝޯ ދިނުން ނޫން އެހެން ކަމެއް ނުފެނެ އެވެ.
ދެން އަހަރުމެންގެ ބަސް ދިވެހި ބަހަށް ނަޒަރު ހިންގާލަމާ ހެެއްޔެެވެ. އަހަރުމެން މިހާރު ދެބަސް ދޭތެރައް އިންގިރޭސި ބަހެއް ބޭނުންކޮށް ނުލާ ޖުމްލަ ފުރިހަމަ ކުރެވޭ ކަމަށް ނުވެ އެވެ. “ޔެސް” އޭ ބުނުމުގެ ބަދަލުގައި އާދެ، ލައްބަ ބުނުން ކިހާ ރީތި ހެއްޔެވެ. “ހައު އާ ޔޫ؟” ބުނުމުގެ ބަދަލުގައި ހާލު ކިހިނެތްހޭ އަހާލުން ކިހިނެތް ވާނެ ހެއްޔެވެ. އަހަރުމެންގެ މިހާ ރީތި އަމިއްލަ ބަހެއް އޮއްވާ އިތުރު ބައެއްގެ ބަސް ބޭނުން ކުރަނީ ކީއްކުރަން ހެއްޔެވެ.
ކުރިންވެސް ފާހަގަ ކުރިހެން އަހަރުމެންގެ ދިވެހި ސަގާފަތް ކުރިއަރުވަން މަސައްކަތް ކުރަނީ މަދުބައެކެވެ. އަހަރުމެންގެ ސަގާފީ ތަރިކަ ދިރުވާ، ދިވެހިބަހާއި، ސަގާފަތު ކުރިއަރުވާނެ އިތުރު ބަޔަކު އަންނާނެ ހެއްޔެވެ.
މި އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާ އެކެވެ. އަހަރުމެންގެ ދަރިންނަށް ދިވެހި ތާރީހު ކިޔާދޭން އެބަޖެހެ އެވެ. ލޯބި ޖައްސަން އެބަ ޖެހެ އެވެ.