ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕެންޝަންގެ ހައްގުވެރިންނަށް އެންމެ އެދެވޭގޮތެއްގައި ޕެންޝަން ލިބެމުން ނުދާކަމުގެ މައްސަލައަކީ މިއަހަރުގެ މެއި 16 ވަނަ ދުވަހު ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި މައްސަލައެކެވެ.
އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ހުށަހެޅުމުން މިމައްސަލައާ ދޭތެރޭ އިތުރަށް ބަހުސްކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަކަށް ހުށަހެޅުމުން ފެންނަކަމަށް 9 ވޯޓް އަދި ނުފެންނަ ކަމަށް 19 ވޯޓް ލިބިގެން މިމައްސަލަވަނީ މަޖިލީހުން ބޭރު ކޮށްލާފަ އެވެ.
އެމްއެންޕީން މިއަދު ރައީސް އަށް ސިޓީ ފޮނުވީ، ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް އެދިއެވެ.
އެމްއެންޕީން ބުނީ، އެމައްސަލަ މަޖިލީހަށް ހުށަހެޅީ ގާނޫނު އިސްލާހުކުރުމަށް ބިލެއްގެ ގޮތުގައެއް ނޫން ކަމަށާއި، ސަބަބަކީ ޕެންޝަނާ ގުޅޭ ކަންކަމަކީ އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ކަމެއްކަމަށްވާތީ އެފަދަ ބިލު ހުށަހެޅެނީ ސަރުކާރަށްކަމަށް ވާތީ ކަމަށެވެ. މަޖިލީހުގެ އެ ނިންމުމަށް މައިގަނޑު ގޮތެއްގައި ތާއީދު ކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެންބަރުން ކަމަށްވެސް އެޕާޓީން ބުންޏެވެ.
އެމްއެންޕީން މިއަދު ބުނީ، އެ ގާނޫނާގުޅޭގޮތުން އެ ޕާޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި އެ ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް ގާނޫނުގެ މަގްސަދުތަކާއި، ލާޒިމްކޮށްފައިވާ ޒިންމާތަކާއި އެ ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ހައްގުވެރިންނަށް ލިބިދެމުން ނުދޭ ކަމަށެވެ.
ޅައުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކޮށްފައިވާ މީހާއަށް ސަރުކާރުން އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ދޭ އަދަދާއި، މުޖުތަމައަށް ގެއްލުންވާހެން އުމުރުގެ ބޮޑުބައި ހޭދަކުރި މީހާއާ އެއްވެސް ތަފާތެއް ނެތްފަދައިން ޕެންޝަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް ނުދެކޭ ކަމަށެވެ.
ދައުލަތަށް ހިދުމަތް ކުރުމަށްފަހު "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު" ވުޖޫދަށް އައުމުގެ ކުރިން ހިދުމަތުން އެއްފަރާތަށް ވަޑައިގެންނެވި ބޭފުޅުންނަށް، އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުމަށް އޮތް ހުރަހަކީ އެކަމަށް ހިނގާނެ ބޮޑު ހޭދަކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވީނަމަވެސް އެއީ އަސްލެއްގެ މައްޗަށް ދެކެވޭ ވާހަކައެއްކަމަށް އެޕާޓީން ގަބޫލު ނުކުރާ ކަމަށްވެސް އެ ޕާޓީން މިއަދު ބުންޏެވެ.