ads
އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މާލޭގެ މޭޔަރުކަން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރާނެ: އަދުރޭ
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ނެރޭ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ނެރޭ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު އެ އިންތިހާބު ކާމިޔާބު ކުރައްވާނީ 12،000 ވޯޓުން ކަމަށާއި ޕީޕީއެމަށް ލިބޭނީ 1500 ވޯޓު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. 

ޕީޕީއެމުން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމަށް ލިބޭނީ މަދު ވޯޓުތަކެއް ކަމަށް ދޭހަވާ ގޮތަށް ބަޔަކު ވާހަކަދައްކަނީ ޕީޕީއެމްގެ މެންބަރުން މާޔޫސްކޮށްލުމަށް ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ އެއްވެސް މެންބަރަކު ފަހަތަށް ޖެހިވަޑައިނުގަތުމަށް އިލްތިމާސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މާލޭގެ މޭޔަރު ކަން ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބޮޑުތަނުން ބަލިވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ނެރެން ނިންމާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް އަބްދުއްރަހީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. މުއިއްޒަކީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ އެކު ރައްޔިތުން ބޭނުންވާ ބަދަލުތަކާއި ނަތީޖާ ނެރެދެއްވާނެ ބޭފުޅެއް ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މުއިއްޒު މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީޕީއެމްގެ ޕްރައިމަރީގައި 1146 ކެންޑިޑޭޓުން ވާދަކުރިއިރު ޕްރައިމަރީ ބާއްވާފައިވަނީ 42 ރަށުގައި ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މި ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ މީހުން ވޯޓުލުމުން އެމްޑީޕީއަށް ހައިރާންކަމެއް ލިބިފައިވާ ކަމަށެވެ. އެމްޑީޕީން 100 އަށް ވުރެ ގިނަ ރަށުގައި ޕްރައިމަރީ ބާއްވައިގެން ވޯޓުލާފައިވަނީ 23،000 މީހުން ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. 

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް