ads
ރިޔާސީ ކެނޑިޑޭޓަކީ ރައީސް ކަަމަށް ބުނެ ދަމާފައިވާ ބެނާއެއް---ފޮޓޯ:ސީއެންއެމް
ހޫނު މަރުހަބާއަކަށް ތައްޔާރުވެފަ ވަނިކޮށް ކެމްޕެއިން ބެނާ ދެމުމުން ރަތައް!
ބެނާ ދެމުމުގެ އަޑީގަ ހުރީ އެމްޕީކަމަށް ތުހުމަތުކުރޭ
ބެނާތައް ނުނަގައިފިނަ ރައީސް އަށް މަރުހަބާ ނުކިޔާނެ ކަމަށް ކައުންސިލުން ބުނޭ
ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ފުނަދޫއަށް ވަޑައިގަންނަވާތީ ހޫނު މަރުހަބާއެއް ކިއުމަށް ތައްޔާރުވެފައި ވަނިކޮށް، އެމްޑީޕީން ބެނާ ދަމާ އެ ދަތުރު ސިޔާސީ ކުރާ ކަމަށް ބުނެ ފުނަދޫ ކައުންސިލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ޕީޕީއެމްގެ މެޖޯރަޓީއެއް އޮންނަ ފުނަދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެ ރަށު ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަަގަކުރުމުގެ ގޮތުން ނެވެ. 

ފުނަދޫ ކައުންސިލުގެ ރައީސް އަހްމަދު މުހައްމަދުފުޅު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، ކައުންސިލުން ރައީސްގެ ރަސްމީ ހާއްސަ އެ ދަތުރުފުޅަށް ތައްޔާރުވެ، ހޫނު މަރުހަބާއެއް ކިއުމަށް ރަށުތެރެ ޒީނަތްތެރިކުރަމުންދާތާ ދެ ދުވަސް ވެއްޖެ ކަމަށެވެ. 

އެކަމަށްޓަކައި ބަނދަރާއި ރަށުތެރޭގައި ގައުމީ ދިދަ ދަމާ މަރުހަބާ ކިއުމަށް ތައްޔާރުވެފަ ވަނިކޮށް މިއަދު އިރުއެރިއިރު، އެމްޑީޕީގެ ކެމްޕެއިން ޓީމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށް ބުނެ، މަރުހަބާ ކިޔާ، ބެނާ ދަމާފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. 

your imageރައީސް އަށް މަރުހަބާ ކިއުމަށް ރަށުތެރެ ޒީނަތްތެރިކޮށްފަ------ފޮޓޯ: ސީއެންއެމް

އެކަމާއި ގުޅިގެން ރަށުތެރޭގައި ހިތްހަމަ ނުޖެހުންތައް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުން އެ ރަސްމިޔާތައް ތައްޔާރުވަމުން ދިޔައީ ސިޔާސީ ކަންކަން އެކަހެރިކޮށްފަ ކަމަށް އަހްމަދު ވިދާޅުވި އެވެ. 

" އަޅުގަނޑުމެން ކައުންސިލަކީ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލެއް. އަދި މި ރަށަކީ 80 އިންސައްތަ ޕީޕީއެމް ރަށެއް. އެކަމަކު މި އިވެންޓަށް އަޅުގަނޑުމެން ތައްޔާރުވަމުން މިދިޔައީ އެއްވެސް ސިޔާސީ ވިސްނުމެއްގައެއް ނޫން. ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރިން ސިޔާސީ ކަންކަން މީގެ ތެރެއަށް ނުވައްދާ ހަމައެކަނި ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން. އެހެންވެ، ޕީޕީއެމް އިންވެސް އެއްވެސް ސިޔާސީ ބެނާއެއް ނުދަމާގޮތަށް މިއަދު އޮތީ. އެކަމަކު އެމްޑީޕީން މިއަދު އިރުއެެރިއިރު މިއޮތީ ބެނާ ދަމާފައި. މިއީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. އަޅުގަނޑުމެން މިއަދު މަރުހަބާ ކިޔަން ތައްޔާރުވެފައި މިތިބީ އެމްޑީޕީ ކެނޑިޑޭޓަަކަށް ނޫން. ހަމަ އެކަނި ރާއްޖޭގެ ރައީސް އަށް" އަހްމަދު ވިދާޅުވި އެވެ.

your imageރިޔާސީ ކެނޑިޑޭޓަކީ ރައީސް ކަަމަށް ބުނެ ދަމާފައިވާ ބެނާއެއް---ފޮޓޯ:ސީއެންއެމް

އަހްމަދު ވިދާޅުވީ، އެކަން ކޮށްފައިވަނީ، ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދުގެ އެންގެވުމަށް ކަމަށެވެ. އެގޮތުން އެކަމާއި ގުޅިގެން ރަށުތެރޭގައި މަޝްރަހު ހޫނުވެފައި ވާތީ، ސްކޫލު ޕީޓީއޭ އިން އެމްޑީޕީގެ ކެމްޕެއިން ޓީމާއި، ޕީޕީއެމްގެ ޓީމާއި ވެސް ބައްދަލު ކުރުމުން، ދަމާފައިވާ ބެނާތަކަކީ ސީދާ ރައީސް އޮފީހުން ފޮނުވި ބެނާތަކެއް ކަމަށް އެބައްދަލުވުމުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުން ބުނެފައިވާ ކަމަށް، ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. 

މިކަމާއި ބެހޭގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

" އެބައްދަލުވުމުގައި އެމްޑީޕީން ބުނީ ބެނާތަކެއް ނުނެގޭނެއޭ އެއީ ސީދާ ރައީސް އޮފީހުން ފޮނުވި ބެނާ އޭ. އެކަމަކު ދިދަތައް ނަގާފާނަމޭ. އަޅުގަނޑުމެން މި އިވެންޓު ސިޔާސީ ކުރާކަށް ބޭނުމެއް ނޫން. މިއީ ސިޔާސީ ދަތުރެއް ނޫން. މިއީ ރައްޔިތުންނަށް ހާއްސަ، ސްކޫލު އިވެންޓެއް. އެމްޑީޕީން މި ދަތުރު 2023 ގެ ކެމްޕެއިން ދަތުރަކަށް ހަދާނަމަ އަޅުގަނޑުމެން ރައީސް އަށް ކިޔަން ތައްޔާރުވި ހޫނު މަރުހަބާއެއްް ނުކިޔާނަން. މިއަދު 15:00 ގެކުރިން އެ ބެނާތައް ނުނަގައިފިނަމަ އަޅުގަނޑުމެން ގައުމީ ދިދަތަކާއިއެކު ރައީސް އަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެ ދެމި އެ ދިދަތައް ވެސް ނަގާނަން." އަހްމަދު ވިދާޅުވި އެވެ.

your imageގައުމީ ދިދަތައް ކައުންސިލުން ޖަހާފަވަނިކޮށް އެއިން ކޮންމެ ދިދައެއްގެ ދޭތެރޭ ވަނީ އެމްޑީޕީން އެޕާޓީގެ ދިދަވެސް ޖަހާފަ---ފޮޓޯ: ސީއެންއެމް

ނަމަވެސް އެމްޑީޕީން ކެމްޕެއިން ބެނާ ދެމީ މެމްބަރު ޝާހިދު އަންގައިގެން ކަމަށް ކުރާ ތުހުމަތު އެނާ ދޮގުކުރެ އެެވެ. 

ޝާހިދު "ސީއެންއެމް" އަށް ވިދާޅުވީ އެފަދަ އެންގުމެއް އަންގާފަ ނުވާނެ ކަމަށާއި، ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު ފުނަދުއަށް ވަޑައިގަންނަވާއިރު، މަރުހަބާ ކިއުމަކީ، ޕީޕީއެމް އިން އެމީހުންގެ ލީޑަރަށް މަރުހަބާ ކިޔާހެން، އެމްޑީޕީ މެމްބަރުންނަށްވެސް އޮތް ފުރުސަތެއް ކަމަށެވެ. 

"އަޅުގަނޑު އެންގުމެއް ކަމަށް ބުނާ ބުނުމަކީ ދޮގެއް. އެކަމަކު އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުނަދުއަށް ވަޑައިގަންނަވާތީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހަރަކާތް ހިންގުމަކީ، ޕީޕީއެމްގެ އިސްވެރިން ފުނަދުއަށް ވަޑައިގަންނަވާއިރު ޕީޕީއެމްގެ މެމްބަރުންނަށް ވެސް އެ ފުރުސަތު އޮންނަ ފަދައިން އެމްޑީޕީގެ މެމްބަރުންނަށްވެސް އޮތް ފުރުސަތެއް" ޝާހިދު ވިދާޅުވި އެވެ.

your imageރިޔާސީ ކެނޑިޑޭޓަކީ ރައީސް ކަަމަށް ބުނެ ދަމާފައިވާ ބެނާއެއް---ފޮޓޯ:ސީއެންއެމް

ރައީސް ސޯލިހު މިއަދު ފުނަދޫއަށް ވަޑައިގަންނަވާގޮތަށް އޮތީ ހަވީރު 16:00 ގައެވެ. އަދި އެ ރަށު ސްކޫލަށް 50 އަހަރު ފުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވާނެ އެވެ. ކައުންސިލުން ވަނީ އެ ހާއްސަ ރަސްމިއްޔާތައް ވަރަށް ބޮޑަށް ރަށުތެރެ ޒީނަތްތެރި ކޮށްފަ އެވެ. 

ނަމަވެސް މިއަދު އިރުއެރިއިރު، އެމްޑީޕީން ދަމާފައިވާ ބެނާގައި ވަނީ "2023ގެ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ސޯލިހަށް މަރުހަބާ" ޖަހާފައިވާ ބޭނާތަކަކާއި، "ފުނަދޫއަށް ބޭނުން ވަނީ ތިޔަ ފަދަ ރައީސް އެއް" ފަދަ އިބާރާތް ޖަހާފައިވާ ބެނާތަކެއް ދަމާފަ އެވެ. 

މިހެންވެ، ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ އެ ރަށުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ކައުންސިލުން މިހާރު ވަނީ މިއަދު ތިނެއް ޖެހުމުގެ ކުރިން އެ ބެނާތައް ނުނަގާފިނަމަ ރައީސް އަށް ހޫނު މަރުހަބާއެއް ކިއުމަށް ދަމާފައިވާ ގައުމީ ދިދަފަތިތައް ނަގާނެ ކަމަށް އަންގާފަ އެވެ. 

ރައީސް މިރޭ 08:30 ގައި އޮންނަ ސްކޫލުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ފަހު ފުނަދޫއިން ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނެވެ. ދެން ވަޑައިގަންނަވާނީ ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވުމަށް އެ ރަށަށެވެ.

79%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް