ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލާފައިވާކަން ރަސްމީކޮށް ހާމަކުރުމަށް މިހާރު ރައީސް އޮފީހުގަައި ހިނގަމުން އަންނަ ނޫސްވެރިން ބައްދަލުވުމުގައި ގައްސާން ވިދާޅުވީ ލިބިފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ތިލަފަޅުގައި އެެއްވެސް އަސްކަރީ މީހަކު ނެތް ކަމަށެވެ.
އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހެދުމަށް އިންޑިއާގެ ކުންފުންޏަކާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރިއިރު، އެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ މަސައްކަތް ރެއިލް ވިކާސް ނިގަމް އާ ހަވާލުކޮށްފައި ވަނީ 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް ކުރުމަށް ޑިފެންސް މިނިސްޓްރީން އިންޑިއާ އާއެކު އެއްބަސްވުމުގައި ސޮއިކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ އެތަނަކީ އިންޑިއާގެ ގްރާންޓް އެއިޑްގެ ދަށުން މިހާރު ވެސް ހިނގަމުން އަންނަ ޕްރޮޖެކްޓެއް ކަމަށެވެ. އެ ޕްރޮޖެކްޓާ މެދު އަމަލު ކުރާނީ ގްރާންޓް އެއިޑްގެ ދަށުން ޕްރޮޖެކްޓްތަކާ މެދު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައި ވަނީ އުތުރު ތިލަފަޅުގައި "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށެވެ. އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމުކުރަން، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ.
ގައްސާން ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެެގެން ތިބީ ތިން ޕްލެޓްފޯމެއްގައި ކަމުގަ އެވެ. އެގޮތުން ހދ. ހަނިމާދޫ އާއި ލ. ކައްދޫ އަދި ސ. ގަމުގައި ޖުމްލަ 76 ސިފައިން ތިބި ކަމަށް ގައްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރުން ކަނޑައެޅި ސުންގަޑި ކަމަށްވާ މެއި 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވިފައިވާ ކަމަށެވެ. މި ގައުމުގައި ތިބި ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލެވުނީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.