ads
ވިލިމާލޭގެ މަގުމަތި
ވިލިމާލޭގައި މީހުން ރަހީނުކޮށް، ކޮޓަރިއެއްތެރޭ އަނިޔާކޮށް ފޭރުނު މީހަކު ޖަލަށް
ވިލި މާލޭގެ ގެއެއްްގެ ކޮޓަރިއަކަށް އެކި ދުވަސްތަކުގައި ގަދަކަމުން މީހުން ވެއްދުމަށްފަހު އަނިޔާކޮށް ބިރުދައްކާ ފައިސާ ފޭރުނު މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހުކުމް ކޮށްފައިވަނީ ހދ.ނޭކުރެންދޫ ވިނަރެސް އާދަމް ވިޝާން ކިޔާމީހެއްގެ މައްޗަށެވެ.

ވިޝާންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވަނީ ވިލި މާލޭގެ ވެމެއިލާކިޔާ ގެއްގެ 303 ނަމްބަރު ކޮޓަރިއަށް ދެ ދުވަހަކު ގަދަކަމުން މީހުން ވައްދައި އަނިޔާދީ ބިރުދެއްކުމަށްފަހު ފައިސާތަކެއް ފޭރުނު މައްސަލަ އަކާއި ގުޅިގެން ނެވެ. 

މި ދެ ދައުވާއަށްވެސް ވިޝާން ވަނީ ކްރިމިނަލް ކޯޓުގައި އަމިއްލަ އަށް އިއުތިރާފްވެފަ އެވެ. 

ފުރަތަމަ ދައުވާ އަކީ ވެލެއިމާ ގޭގައި ހުންނަ 303 ނަމްބަރު ކޮޓަރިއަށް 2021 ވަނަ އަހަރުގެ ނޮވެމްބްރު މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ވިޝާން އާއި އިތުރު ބަޔަކު ވެގެން ހއ. ހޯރަފުށީ ވާރޭވިލާ ޝަރަފުއްދީން ކިޔާ މީހަކު ގަދަކަމުން ވައްދައި އަނިޔާދީ ބިރުދެއްކުމަށްފަހު ފައިސާތަކެއް ފޭރުނު މައްސަލަ އެކެވެ. އެދުވަހު ފޭރިގަނެފައިވަނީ 9800 ރުފިޔާ އެވެ.

ދެވަނަ ދައުވާ އަކީ ހަމަ އެކޮޓަރިއަށް އެ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ވިޝާން އާއި އިތުރު ބަޔަކު ވެގެން ހއ.ބާރަށް ފަރިވާވިލާ އަލީ އަޒްވާން ކިޔާ މީހަކު ގަދަކަމުން ވެއްދުމަށްފަހު އަނިޔާކޮށް ބިރުދެއްކުމަށްފަހު ފައިސާ ފޭރުމަށް މަސައްކަތް ކޮށްފައިވާ މައްސަލައެކެވެ. 

ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ މި ދެކުށަށްވެސް ވިޝާމް އެއްބަސްވެފައިވާތީ އަދަބު ލުއިކޮށްދިނުމުގެ ގޮތުން ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އޭނާ 9000 އަށްވުރެ ގިނަ ރުފިޔާ އެގޮތަށް ހޯދާފަވީނަމަވެސް ފޭރުނު މައްސަލާގައި އޭނާ ޖޫރިމަނާ ކުރީ އެންމެ 3600 ރުފިޔާއިން ނެވެ.

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް