މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ހިމަބިއްސަށް 173 މީހުން ޓެސްޓް ކުރެވުނުއިރު އޭގެ ތެރެއިން 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މި ހުރިހާ ކޭސްއެއް ވެސް ފެނިފައިވަނީ މާލެ ސަރަހައްދުންކަން ވެސް މިނިސްޓަރު ފާހަގަ ކުރައްވަ އެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ކޮންމެ ކޭސްއަކާއި ގުޅިގެން އެފަރާތެއްގެ ކޮންޓެކްޓްސްއަށާއި، ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ވަކި ހިސާބެއްގައި އުޅޭ ފަރާތްތަކަށް ވެކްސިން ދެވިފައިވާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 1384 ފަރާތަކަށް ވެކްސިން ދެވިފައިވާކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގަ އާއި އަތޮޅު ތެރޭގައި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް ވެކްސިން ދިނުމާއި، 6 މަހާއި 18 މަހާއި ދެމެދުގެ ކުދިންނަށް އިތުރު ޑޯޒެއް ދިނުން ވަނީ ފެށިގެން ކުރިއަށް ގެންދެވިފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާތަނަށް 1780 ކުދިންނަށް ދެވިފައިވާކަން މިނިސްޓްރީން ފާހަގަ ކުރެ އެވެ.
އަދި ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާއިރު މިހާތަނަށް ވަނީ 2647 މީހަކަށް ވެސް ވެކްސިން ދީފަ އެވެ. އެއާއެކު ޖުމްލަ 7961 ފަރާތަކަށް މިވަނީ ވެކްސިން ދީފަ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ މިއަދުގެ ދެއަކުން ފެށިގެން، މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި، އުމުރުން 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ނުކުރާ ފާރާތްތަކަށް ވެކްސިން ދިނުން ފެށޭނެ ކަމަށެވެ.
މިއީ އައުޓްބްރޭކް ރެސްޕޮންސްގެ ގޮތުގައި، އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.
އެގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ދަމަނަވެށި، އަދި ސޯޝަލް ސެންޓަރު، ހުޅުމާލޭގައި ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ވިލިމާލޭގައި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން މިނިސްޓްރީން ވަނީ މިމަހުގެ 23 އިން ފެށިގެން ވެކްސިން ކެމްޕެއިން މުޅިރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މާލެ އާއި އަތޮޅުތެރޭގައި ކަނޑައެޅިފައިވާ އުމުރުފުރާގެ ވެކްސިން ފުރިހަމަނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެ ވެސް ބުނެފަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ވެސް ވެކްސިން ދޭން ފެށޭނެ ކަމަށާއި އެގޮތުން މިއީ މިއީ ރާއްޖެއިން ހިމަބިހި ނައްތާލުމަށްފަހު ޕޯސްޓް-އެލިމިނޭޝަން ހާލަތުގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ވެސް ބުނެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ ސްކޫލްތަކަށް ގޮސް ވެކްސިން ފުރިހަމަ ނުވާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެކްސިން މި ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖެހޭނެ ކަމަށެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ރާއްޖެއިން ވެކްސިން ޑޯޒް ހަމަނުކުރާ އުމުރުން ތިން އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާއިރު މި ބަލި ރާއްޖެއިން ފެނިފައި މިވަނީ ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ހަވާލުކޮށްފައި ވަނިކޮށެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.
ހިމަބިއްސަކީ އެންމެ ފަސޭހައިން ގައިން ގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި ކެއްސުމާއި ލޯ ރަތްވުން އަދި ގައިން ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން ހިމަބިއްސަށް ވެކްސިން ދެމުން އަންނައިރު ރާއްޖޭގެ ސްކޫލުތަކަށް ކުދިން ވެއްދެނީ ވެސް ވެކްސިން ފުރިހަމަކޮށްގެން ނަމަވެސް ބައެއް ބެލެނިވެރިން ދަނީ ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންނެވެ. އަދި ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ސްކޫލުތަކަށް ކުދިން ވައްދާފައި ވެސް އެބަހުއްޓެވެ. ނަމަވެސް އަލުން ރާއްޖޭގައި ހިމަބިހި ފެތުރެން ފަށާފައިވާތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވެކްސިން ދޭން ދެކޮޅު ހެދި ނަމަވެސް ވެކްސިން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.