ޑްރަގު ޑީލަރު ފައިސަލް ހާން އަކީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މާލޭގައި އެތަކެތީގެ ވިޔަފާރި ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ. އުމުރުން 45 އަހަރުގެ ފައިސަލް ހާން ދައުލަތުން ސިފަކޮށްފަ ވަނީ ދިގު ތުބުޅިއެއްލާފައި ހުންނަ ބޮލުގައި ނުރަ ހުންނަ މީހެއްގެ ގޮތުގަ އެވެ.
ފައިސަލް ހާން އާއި ގުޅޭ މި މައްސަލަ އަކީ އޮޅުވާލައިގެން ދިވެއްސެއްގެ އަތަށް ބަންދުކޮށްފައި ހުރި ފޮށްޓެއްގައި 2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހު މަސްތުވާތަކެތި އެތެރެކުރި މައްސަލަ އެކެވެ.
މިމައްސަލައިގައި ދައުލަތުން ދައުވާކޮށް ތިން އަހަރުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައިވަނީ ލ.ގަން މުކުރިމަގު ސަނދުބަރަކާގޭ އަހުމަދު އިރުފާންގެ މައްޗަށެވެ. އިރުފާންގެ އަތުން ފެނިފައިވަނީ އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ. އެއީ 1،475.8 ގްރާމްގެ ޑައިފޯމިން އެވެ.
އިރުފާންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. އެދައުވާތަކަށް ކޯޓުގައި އިރުފާން ވަނީ އިންކާރު ކޮށްފަ އެވެ. އަދި އެކަމަކީ އިރުފާން އަށް ނޭނގޭ ކަމެއްކަމަށާއި، އިރުފާން ރާއްޖެ އައި އިރު ގެނައި ލަގެޖު ފޮށްޓަކީ އޭނާގެ ރަށްޓެއްސެއް ކަމަށްވާ މުހައްމަދު އަލީ މެދުވެރިވެގެން ފައިސަލް ހާން ހަވާލުކުރި ލަގެޖެއް ކަމަށް ބުނެފައިވެ އެވެ.
ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ފޮއްޓަކީ އެހެން މީހަކު އިރުފާނާ ހަވާލުކުރި ފޮއްޓެއް ކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި އެ ފޮށީގައި މަސްތުވާތަކެތި ހުރިކަން އިރުފާނަށް އެނގިހުރެގެން ކަމަށް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ތަހުގީގު މަރުހަލާގައި އަދި ޗެއިން އޮފް ކަސްޓަޑީގައި ވެސް ގޯސްތަކެއް ހުރިކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ޗެއިން އޮފް ކަސްޓަޑީ އާއި ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މަސްތުވާތަކެތީ ލާފައިވާ އެވިޑެންސް ބޭގްގައި ޗެއިން އޮފް ކަސްޓަޑީ އެޓޭޗުކޮށްފައި ނެތުމާއި، އެވިޑެންސް ބޭގް ވެސް ބަދަލުވެފައިވާ ކަމަށް ޝައްކު ކުރެވޭ ކަންކަން ހުރުމާއި، ޗެއިން އޮފް ކަސްޓަޑީގައި ނަން ނެތް މީހަކު އެވިޑެންސްތައް ގެންގުޅުނު ކަމަށް ސާފުކޮށް ބުނާ ބުނުން ހިމެނޭ ކަމަށެވެ.
ކޯޓުން ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ އިރުފާން ދޫކޮށްލުމާއި އިރުފާންގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް އިރުފާންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ.