ދީބަނާޒް އަކީ ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވި ފުރަތަމަ އަންހެން ފަނޑިޔާރެވެ. ބޮމުގެ ހަމަލާގެ ރިޔާސަތާއި އޭނާ ހަވާލުވެފަވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ރިސާތު ބެލެހެއްޓެވުމާއި ދީބަނާޒް ހަވާލުވެފަ މިވަނީ، ކޯޓުގައި ކުރިއަށްދާ އެ މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދު އެމައްސަލައިން ތަނާޒުލްވެ ވަޑައިގެންނެވުމުން ނެވެ.
ގާޒީ އާދަމް އެ މައްސަލައިން ތަނާޒުލްވެވަޑައިގަތީ އިންޒާރާއި ބިރުދެއްކުމުގެ އަމަލެއް އޭނާއާއިމެދު ހިންގާފައިވާތީ މަސްލަހަތު ފުށުއަރާނެ ކަމަށް ގަބޫލުކުރައްވާތީ އެވެ.
އެންމެފަހުން ބޭއްވި އެމައްސަލައިގެ އަޑުއެހުން ފަށަމުން އެދުވަހު ގާޒީ އާދަމް ވިދާޅުވީ ކްރިމިނަލް ކޯޓަށް ބޮމުގެ ހަމަލާގައި ތުހުމަތުކުރެވޭ ކ. މާލެ މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެ ސިޓީގައި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިޝްހާގުގެ ދަރިއެއް ކަމަށްވާ މުހައްމަދު އިއުފާފު އިސްހާގު، ގާޒީ އާދަމާއި އޭނާގެ އަނބިކަބަލުންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
ގާޒީ އާދަމް ވިދާޅުވި ގޮތުން މީގެ ކުރިން، އިންޒާރު ދިނީ އިސްހާގުގެ ދަރިއެއް ކަން އޭނާއަށް ނޭނގެއެވެ. ނަމަވެސް އެކަން އެގުމަށްފަހު އިސްހާގާއިމެދު ވަކިގޮތަކަށް އަމަލުކޮށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މައްސަލައިން ތަނާޒުލްވާން ނިންމީ ކަމަށް ވިދާޅުވެ، އެދުވަހުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.
އިސްހާގަކީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހާއެވެ. އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.