މިކަމާ ގުޅޭގޮތުން ކަންބޮޑުވާ ދަރިވަރެއް ބުނީ ރައްޔިތުންގެ މަޖިލީހަށް ވިލިމާލެ ދާއިރާގެ މެންބަރު އުސާމް އިސްލާހެއް ހުށަހަޅުއްވާފައިވަނިކޮށް އެއިމްތިހާން ބޭއްވުމުގެ މަސައްކަތް އެ ކައުންސިލުން ގެންދިއުމަކީ ގާނީނީގޮތުން ރަނގަޅުކަމެއް ނޫންކަމަށެވެ.
މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިއީ ގާނޫނީ ވަކީލުންނަށް ދިވެހިރާއްޖޭގައި ހަދާ ފުރަތަމަ އިމްތިހާނަށް ވާއިރު، މީގެ ކުރިން ގާނޫނީ ވަކީލުކަން ކުރުމަށް ހުއްދަ ދޫކޮށްފައިވާ ވަކީލުންގެ ހުއްދަ ދޫކޮށްފައިވާ މީހުންނަށް މި އިމްތިހާނުގައި ބައިވެރިވާން ލާޒިމުނުވާގޮތަށް މިހާރު ގާނޫނުގައި އޮތުމުންނެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ބާ އިމްތިހާނުގެ ސިލަބަސް ވުޖޫދުގައި ނެތެވެ.
އިމްތިހާނުގައި ބައިވެރިވުމުގެ ފީއަކީ 10،000 ރުފިޔާއެވެ. މިހާ ބޮޑު ފީއެއް ނެގުމަކީ ވެސް ބައެއް ދަރިވަރުންގެ ކަންބޮޑުވުމެކެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު:
މިދިޔަ ހަފްތާގައި މެންބަރު އުޝާމް މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައިވަނީ، "ގާނޫނީ ފަންނުގެ ގާނޫނު" ގައިވާ ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ މީހުންނަށް ދޫކޮށްފައިވާ ހުއްދައަކީ ބާ ކައުންސިލް އިން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާން ގައި ބައިވެރިވުމަށް ޝަރުތުކޮށް ދީފައިވާ ހުއްދައެއްކަމަށް މާނަ ކުރުމަށެވެ.
މި ގާނޫނުގެ ސަބަބުން 25 ޖޫންއަށް ތާވަލުކުރެވިފައިވާ ބާ އިމްތިހާނުގައި ބައިވެރި ނުވެއްޖެނަމަ، 2020ވަނަ އަހަރު ބާ ކައުންސިލުން ވަކީލުކަމުގެ ހުއްދަ ދީފައިވާ ގިނަ އަދަދެއްގެ ވަކީލުންގެ އަތުން އެ ހުއްދަ ބާތިލުވެދާނެ ހާލަތެއް ކުރިމަތި ވެދާނެކަމަށް އުސާމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
އިމްތިހާން ފަސްކުރަން ބާ ކައުންސިލުން ދެކޮޅު:
ބާ ކައުންސިލުން ރޭ ވަނީ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ބާ އިމްތިހާން ތައްޔާރުކުރުމަށް ފާއިތުވި ތިން އަހަރު އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.
2020 ވަނަ އަހަރު އިމްތިހާން ބޭއްވުމަށް އެ ކައުންސިލުން ގެޒެޓުކުރިއެވެ. އެކިފަހަރު މަތިން އިމްތިހާން ލަސް ވެސް ކުރިއެވެ.
އެ ކައުންސިލުން ބުނަނީ އާ ސިލަބަސް ސާފުކޮށްދިނުމަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ފޯރަމްގައި 600 އަށްވުރެ މީހުން ބައިވެރިވިކަމަށެވެ.
ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެ ސިލަބަސް ގެޒެޓްކޮށް އެ ކައުންސިލްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.
ނަމަވެސް އިމްތިހާނުގައި ބައިވެރިވާ ބައެއް ދަރިވަރުން ބުނަނީ ނުކިޔަވާ ސިލަބަހަކަށް އިމްތިހާނުގައި ބައިވެރިވުން "ގާނޫނު އަސާސީއާ ހިލާފު" ކަމަށެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައި, އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ 90 ދުވަސް ކުރިން ބާ އިމްތިހާނު ބާއްވާނެ ތާރީހު އިއުލާނު ކުރަން ޖެހެއެވެ.