ads
މިނިސްޓަރު އަސްލަމް މިއަދުގެ ޖަލްސާގައި---
މާލޭ މީހުންނަށް ގޯތި ދިނުން ނަމަކަން!؟
ރައީސުލްޖުމްހޫރިއްޔާ 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މާލޭ ރަށްވެހިންނަށް ގޯތި ދޭނެ ވާހަކަ ވިދާޅުވުމުން މާލޭ ރައްޔިތުންތިބީ މިކަމަށް ކުރިމަތިލެވޭނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ. މިކަމުގެ މަޝްވަރާ ނުވަތަ ޕަބްލިކް ކޮންސަލްޓޭޝަނެއްގެ އިންތިޒާރުގައެެވެ.

މިހެން ހުއްޓާ އަޑު އިވިގެން މިދިޔައީ ޖޫން 26 ގައި މާލޭ މީހުންނަށް ގޯތި ދޭ ވާހަކައާއި، މިކަމާ ގުޅިގެން ކެބިނެޓާ މެންބަރުންނާ މަޝްވަރާކުރިވާހަކައެވެ. ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިކަމުގައި ޕަބްލިކް ކޮންސަލްޓޭޝަން ނެތުމާއި، ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި 'އެއްމެ ބޭނުންޖެހިފައިވާ މީހާ' އަށް އިސްކަންދެވޭކަން ކަށަވަރުކުރެވޭނެ ގޮތެއް އުސޫލުގައި ނެތުމާއި، ޓްރާންސްޕޭރަންޓް ޕޮއިންޓް ސިސްޓަމެއް ނެތުމަކީ ބައެއް މައްސަލަތައް ގޮތުގައި ވަނީ ފާހަގަވެފައެވެ. ހަމަ މިއާއެކު އަޑުއިވޭ އަނެއް ވާހަކައަކީ ސަރުކާރުން މިފަހަރު ދޫކުރަނީ 1250 އަކަފޫޓުގެ 3000 ގޯއްޗާއި، ފްލެޓްކަމެވެ.

ޕަބްލިކް ކޮންސަލްޓޭޝަން ނެތުން

މާލޭގެ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިހުރި މިވަރުގެ ބޮޑު ނިންމުމެއް ނިންމުމުގައި ސަރުކާރުން އަދި މިޖިލީހުން ވެސް އަދި ކައުންސިލަކުން ވެސް، ރައްޔިތުންގެ މަޝްވަރާ އާ ބައިވެރިވުން މިކަމުގައި ބާއްވަން ބޭނުން ނުވުމަކީ އެތައް ރައްޔިތުންގެ ސުވާލު މިކަމުގައި އުފެދޭނެކަމެކެވެ. މަޝްވަރާގެ މަތިން ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަކީ މުހިއްމު ކަމެއްކަމަށް ސަރުކާރުން ބަޔާންކޮށް، އުސޫލުގައި ނުގެނައިނަމަވެސް، ރައްޔިތުން ބޭނުންވާ ކަމެއް އަދި ގޮތެއް އޮޅުންފިލުވާލުމުގެ މިންވަރު ވެސް ސަރުކާރުން މި މަޝްރޫއުގައި ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ޝަރުތުތަކާގުޅޭ

އުމުރުން 18 އަހަރު ފުރިފައިވުމާއި، މާލޭ ސަރަހައްދުން 1000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައި ނެތުމާއި، ސަރުކާރުގެ ސްކީމަކުން ބޯހިޔާވަހިކަން ލިބިފައި ނެތުމާއި، ތިމާގެ އަމިއްލަ ނަމުގައި އޮންނަ ތަނެއް ދޫކޮށްލުމަކީ މާލޭ ރައްޔިތުންގެ ތެރެއިން އެކަށޭނަ ބޯހިޔާވަހިކަމެއް ބޭނުންވާ ފަރާތްތަކަށް މައްސަލައަކަށް ވާނެކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެން ނަމަވެސް، ބަންޑާރަ ގޯތި ދިނުމުގެ ޕްރޮގްރާމްގެ ޝަރުތުތަކުގެ ތެރޭގައި "މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން "ލިބެން އޮންނަ" ބޯހިޔާވަހިކަން މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއްކަމުގައިވުން" މިއީ ގާނޫނީގޮތުން ކުރެވިދާނެކަމެއްކަމާމެދު ސުވާލު އުފެދެއެވެ. ވުޖޫދުގައި ވެސް އެ މީހެއްގެ ނަމުގައި ނެތް ތަނެއް ދޫކޮށްލުމަށް އެ މީހަކަށް އިގުރާރު ވެވިދާނެކަމާ މެދު ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ނުދެކެ އެވެ. ވީމާ، މިކަމަށް އިގުރާރު ކުރުވުމަކީ ފަހުން މިކަމުގައި ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެކަމެއްކަމަށް ބެލެވެ އެވެ.

ދޫކޮށްލާ ބިމާއިމެދު އަމަލުކުރާނެގޮތް

ދޫކޮށްލާ ބިމާމެދު އަމަލުކުރާނެގޮތްކަމަށް މި އުސޫލުގައި ބަޔާން ކުރާގޮތަކީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ގޯއްޗެއް، އެ ބިމުގެ ދެން ތިބި ބެހެނިވެރިންނަށް ދިނުމެވެ. އަދި ބަހައިގެން "ލިބެން އޮންނަ" ބައި ލިބޭނީ އެހެން ބެހެނިވެރިންނަށްކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. މިހާލަތުގައި ވެސް މިލްކު ނުވާ ބިމެއް އެހެން ފަރާތަކަށް ދިނުމުގެ އިހްތިޔާރު އޮންނާނެކަމާ މެދު އުފެދޭ ގާނޫނީ ސުވާލުތައް އެބަހުއްޓެވެ. އުސޫލުގައި ދެން ބަޔާންކޮށްފައިވަނީ ތިމާގެ ނަމުގައި އެކަނި ރަޖިސްޓްރީކޮށްފައި އޮންނަ ބިން ދޫކޮށްލުމުން ލިބެނީ ޕްރޮގްރާމަށްކަމަށެވެ. ހަގީގީ ދިރިއުޅުމުގައި މިކަން ހިނގާގޮތަކީ ތިން ބެއިންނަށް ރަޖިސްޓްރީކޮށް ދީފައި އޮންނަ ވަކި ތިން ބިމުގެ ތެރެއިން، މެދުގައި އޮންނަ ބިން ދޫކޮށްލުމުން، އެތަން ބޭނުން ކުރަނީ މާލޭއަށް ހުސް ޖާގަ އިތުރު ކުރަންތޯ ނުވަތަ އެގެއެއްގެ އަސްލު ބެހެނިވެރިންގެ މެދުގައި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަންތޯ ޕްރޮގްރާމްގެ ޕްލޭނަކުން ސާފެއްނުވެ އެވެ. އެއްމެދު އިމާރާތްތައް ގިނަ މި މާލޭގައި، މިފަދަ ބިން ސަރުކާރުން ބެހެނިވެރިންނާ ގުޅުންނެތް ފަރާތަކަށް ވިއްކާލަނީތޯ މިއީ ވެސް އުފެދޭ ސުވާލުތަކެވެ.

ގޯތި ދޫކުރާނެ ގޮތް

ގޯތި ދޫކުރާނެ ކެޓެގަރީގެ ތަރުތީބުކަމަށް 9 ކެޓަގަރީއެއް ފާހަގަކޮށްފައިވެއެވެ.

ވާރުތައިން ލިބެން އޮންނަ ގޯތި

އަމިއްލަ ނަމުގައި އޮންނަ ގޯތި

600 އަކަ ފޫޓާއި 1000 އަކަ ފޫޓާއި ދެމެދު

600 އަކަފޫޓަށްވުރެ ކުޑަ

ނެތް

C3

C2

C1

ނެތް

C6

C5

C4

600 އަކަފޫޓަށްވުރެ ކުޑަ

C9

C8

C7

600 އަކަ ފޫޓާއި 1000 އަކަ ފޫޓާއި ދެމެދު

އަދި ހަމަމިއާ އެކު ކެޓެގަރީތަކުގެ ތެރެއިން އިސްކަންދޭނެ ތަރުތީބެއް ވެސް ކަނޑައަޅާފައި އެބައޮވެ އެވެ. އޭގެ ތެރެއިން އެންމެ އިސްކަން ދެނީ މުޅި އާއިލާއެއްކޮށް ޖޮއިންޓް އެޕްލިކޭޝަން ލުމަށާއި، އެއާ ޖެހިގެން އިސްކަން ދެނީ 1 މެންބަރުންނަށް ވުރެ ގިނަ މެންބަރުން އެއްކޮށް ފޯމުލުމަށާއި، ތިން ވަނައަަށް އިސްކަން ދެނީ އެކަނި ފޯމު ލުމަށްކަމަށެވެ. އަދި ޖޮއިންޓް އެޕްލިކޭޝަން ލާ ފަރާތަކަށް 625 އަކަފޫޓު ކޮންމެ މެންބަރަކަށް ޖެހޭގޮތަށް، 6 އަށް ވުރެ މެންބަރުން މަދު ނަމަ، ގުނަ ކުރެވެ އެވެ. 6 އަކަށް ވުރެ ގިނަ ނަަމަ، އެންމެ ގިނައިން ލިބެނީ 4000 އަކަފޫޓުގެ ބިމެކެވެ. ގޯތީގެ އެއްމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ.

ގޯތި ދޫކުރާނެ ގޮތާއި، ކެޓެގަރީތަކުން އިސްކަންދޭ ތަރުތީބަށް ބަލާއިރު، އެންމެ އިސްކަން ދެވެނީ ކެޓެގަރީ އެކެއްގައި ބަޔާން ކުރާ ވާރުތައިން ގޯތި ލިބެންނެތް އަދި އަމިއްލަ ނަމުގައި ވެސް ގޯއްޗެއް ނެތް ފަރާތްތަކަށެވެ. ހަމަމިއާއެކު، "މާލޭ ރައްޔިތުން" ކަމުގައި ބަލާނީ އެެއްވެސް އިރަކު މާލެ ފިޔަވާ އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނެތް ފަރާތް، ކަމުގައި ބަޔާންކޮށްފައިވެ އެވެ. މި މޭރުމުން ބަލާ ނަމަ، ހަގީގަތުގައި މިކަން ހިނގާނެ ގޮތަށް ބަލާއިރު، މާލޭގައި ރަޖިސްޓްރީވުމަށް އޮންނަނީ ތިން ގޮތެވެ. އެއީ މާލެގައި މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް އޮތުމުވެ. ނުވަތަ މާލޭގެ ދަފްތަރުގައި އޮތުމުވެ. ނުވަތަ މާލޭގެ ދަފްތަރުގައި އޮތް މީހެއްގެ ދަރިއަކު، އެ ކުއްޖާ ވިހޭ ދުވަހުން ފެށިގެން ވެސް މާލޭ ދަފްތަރުގައި އޮތުމެވެ. މިގޮތުން ބަލާއިރު، މި އުސޫލުގައި ބަޔާން ކުރާ "މާލޭ ރައްޔިތު" މީހާގެ މާނައިން ދެ ވަނަ ހާލަތް އުނިވާނެ އެވެ. 

އެއީ އެމީހާ، މާލޭގެ ދަފްތަރުގައި ޖެހިފައިވާނީ، ކުރިން ރާއްޖޭގެ ކޮންމެ ވެސް އެހެން ރަށެއްގެ ގެއެއްގައި ދަފްތަރުގައި އޮތުމަށް ފަހުގަ އެވެ. ވުމާއެކު، މި އުސޫލުގައި ބަޔާންކުރާ ހާލަތަށް ފެތެނީ މާލެގައި މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް އޮތުން ނުވަތަ މާލޭގެ ދަފްތަރުގައި އޮތް މީހެއްގެ ދަރިއަކު، އެ ކުއްޖާ ވިހޭ ދުވަހުން ފެށިގެން ވެސް މާލޭ ދަފްތަރުގައި އޮތުމެވެ. 

މި ދެ ހާލަތުން، ވާރުތައިން ގެއެއް ލިބެން ނެތުމުންނާ، އަމިއްލަ ނަމުގައި ގޯއްޗެއް ލިބެން ނެތުމުން، މި އިސްކަން ލިބިގެން ދަނީ މަންމަ ނުވަތަ ބައްޕަ މާލޭ މީހަކަށްވެ، މާލޭގެ ރަށްވެއްސަކަށް ވާ މީހާގެ ބަދަލުގައި މަންމަ ނުވަތަ ބައްޕަ މާލެ ދަފްތަރުގައި ޖެހިފައި އޮތުމުން، ދަފްތަރުގައި ޖެހިފައި އޮތް "މާލެ މީހާ" އަށެވެ. އެހެންކަމަށްވާ ނަމަ، ސަރުކާރުން ގޯތި އެދޫކުރެވެނީ އިހްތިޔާރެއް ނެތްގޮތުގައި މާލޭގައި މަންމަ ނުވަތަ ބައްޕަގެ ގެ ބަހައިގެން 10 ފޫޓް 10 ފޫޓުގެ ކޮޓަރިއެއްގައި އާއިލާ ގޮވައިގެން އުޅެންޖެހޭ، ރާއްޖޭގެ އެހެން ރަށަކުން ދުރުތާ ތިމާގެ މީހަކު ފުށުން ވެސް ބޯހިޔާވާނެ ތަނެއް ނެތް މީހުންނަންތޯ ނުވަތަ އެމީހެއްގެ އިހްތިޔާރުގައި މާލެ ނޫން އެހެން ރަށެއްގައި ދިރިއުޅެވޭނެ ގޮތް އޮވެމެ، އެތަން ދޫކޮށްލާފައި މާލޭގައި ދަފްތަރުގައި ޖެހުނު، އަދި ރަށުގައި ވެސް ވާރުތަވާނެ ގެ ހުރި ފަރާތްތަކުގެ އާއިލާއަށްތޯ މިއީ ސުވާލު އުފެދޭކަމެކެވެ.

އެހެންކަމަށްވާނަމަ، 'މާލެ މީހުންނަށް' ގޯތި ދޭނަމޭ ބުނުމަކީ ސަރުކާރުން ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި، ނުވަތަ ވަކި ބަޔަކަށް ގޯތި ދިނުމުގެ މަގްސަދުގައި ދެއްކި ވާހަކައެކެވެ. ހަމަމިއާއެކު، ކެޓެގަރީ ތިނަކުން، 600 އަކަފޫޓާއި 1000 އަކަފޫޓެއްގެ ބިމެއް ލިބެން އޮތް މީހާވެސް 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއްގައި އުޅޭ މީހަކަށްވުރެ އިސްވާ ސަބަބު ސާފެއްނުވެއެވެ. 

ބިން ދޫކޮށްލުމުގައި "ބިމެއް ލިބެން އޮތުން" އެއީ ބެލޭ މިންގަނޑެއްކަމުގައި ވާނަމަ، އެއީ ދިރިއުޅެން ލިބިފައިވާ ބިމެެއްކަމަށް ނުބެލޭންވި ސަބަބެއް ސާފެއްނޫނެވެ. ވަކި ފަރާތްތަކަކަށް އިސްކަންދެވޭގޮތަށް ހެދޭ މި ޕްރޮގްރާމުން އިސްކަންދެވޭކަމަށް ތަފާސްހިސާބުން ދައްކަނީ ހުޅުމާލެ، ހެންވޭރު، މައްޗަންގޮޅި، ވިލިމާލެ އަދި މާފަންނު ދެކުނު ދާއިރާ އެެވެ. އެއީ އެ ދާއިރާތަކުގެ ޖުމުލަ ދަފްތަރު ރަޖިސްޓްރީ 768 އަށް އަރަ އެވެ. ގަލޮޅުން ދެކުނުން ސިނަމާލެ މީހުންގެ ދަރިން ކެޓެގަރީ އެކެއްގައި ހިމެނިދާނެކަމަށް ބެލެވެ އެވެ. އެނޫން އެއްވެސް "މާލޭގެ ރައްޔިތުންނަށް" ފުރުސަތު ލިބޭނީ މި ފަރާތްތަކަށް ގޯތި ލިބުމަށް ފަހުގައިކަމަށް ބެލުމުގެ ފުރުސަތު އުސޫލުން އެބައޮތެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު މައްސަލައެއްކަމުގައި ފެންނަނީ ބަންޑާރަ ގޯތި ދޫކުރުމަށް ހުށަހަޅަނީ މާކްސް ދިނުމެއް، ޕޮއިންޓް ދިނުމަކާއިނުލާކަމެކެވެ. ގޯތި ލިބޭނެ މީހުން ނިންމަނީ ގޯތި ކޮމިޓީއަކުންކަމަށް މައުލޫމާތު ލިބެ އެވެ. މި ގޯތި ކޮމިޓީގެ މީހުން ލިބޭނެ މީހެއް ނިންމަނީ ކޮންގޮތަކަށް ކަމެއް ސާފެއްނޫނެވެ. އެޕްލިކޭޝަން ލަނީ އޮންލައިންކޮށްކަމާ، 4 ގަނޑުގެ ދިގު އެޕްލިކޭޝަން ފޯމެއް ލާންޖެހޭއިރު، އެ އެޕްލިކޭޝަން ފޯމުގައި ބަޔާން ކުރާ މައުލޫމާތަކީ ޝަރުތާއި ގުޅުން ހުރި މައުލޫމާތުތަކަށް ނުވާހިނދު އެ މައުލޫމާތު ބޭނުން ކުރަނީ ކޮންކަމަކަށް، ކިހިނެތްކަމެއް ސާފެއްނުވެއެވެ. 

ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަންއާ ޓްރާންސްޕޭރަންސީގެ އަސާސްތަކުގެ މައްޗަށް ސިޔާސަތުތަށް ބައްޓަން ކުރުމުގެ ވައުދުގައި ސަރުކާރުން ހާމަނުކުރާ ސިޔާސަތެއް އޮތުމަކީ ހަމަޖެހޭކަމެއްނޫނެވެ. މިއާ ގުޅިގެން އުފެދޭ އަނެއް ސުވާލަކީ، ލިބޭ މީހުން ކަނޑަ އެޅުމަށް ފަހު، އެކަމުގެ ޝަކުވާ އޭސީސީއަށް ހުށަހަޅައިފިނަމަ، ނެތް މިންގަނޑަކަށް ގޯތި ދިންކަން ސަރުކާރުން ދިފާއުކޮށް ދޭނީ 'ކޮމިޓީގެ ނިންމުން' އެކަނި ބުނެލާފަބާވަ އެވެ. މިހެންކަމަށްވާ ނަމަ، މި އުސޫލަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވި މާލެ މީހުންނަށް ގޯތި ދިނުންކަމުގައި މިވަގުތު ވެސް ބެލެންނެތްކަމެވެ. އޭގެ ބަދަލުގައި މިއީ "'ވަކި ބަޔަކަށް" ގޯތި ދިނުމަށްޓަކައި ކުރެވޭ ކަމެއްކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް