އެޗްޕީއޭއިން ރޭ ނެރުނު ބަޔާނެއްގައި ވާގޮތުން ރާއްޖޭގައި ކޮވިޑް ކޭސްތައް ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު، ތިންވަނަ ހަފްތާގައި 185 އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ.
ކޮވިޑް-19އިގެ ކޭސްތައް ދަށްވެ، މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި ވަނީ ފިޔަވަޅުތައް އުވާލާފަ އެވެ. އޭގެ ފަސް މަސް ފަހުން އަނެއްކާވެސް ކޮވިޑް ކޭސްތައް މަތިވާން ފަށާފަވާއިރު، އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހޮސްޕިޓަލުގައި އެޑްމިޓުކުރާ ރޭޓު މާޗު މަހުގެ ތެރޭގައި ތިން އިންސައްތައިގައި އުޅުމަށްފަހު މިމަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ހުރީ 17 އިންސައްތަ މައްޗަށް ޖެހިފަ އެވެ. ކޮވިޑުގައި މަރުވި މީހުންގެ އަަދަދުވަނީ 300 އަށް އަރާފަ އެވެ.
އެޕްރީލުތެރޭ ހަ އިންސައްތައިގައި ހުރި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު މިހާރު ހުރީ 21 އިންސައްތާގަ އެވެ. ދުވާލަކަށް މާލޭ ސަރަހައްދުން ޕޮޒިޓިވްވާ ރޭޓު 23 ގައި ހުރުމަށްފަހު މިހާރު އެ ރޭޓު އުޅެނީ 35 އިންސައްތާގަ އެވެ. އަދި އަތޮޅުތެރެއިން މި ރޭޓު އުޅެނީ 11 އިންސައްތާގަ އެވެ. މުޅި ރާއްޖެއިން މި ރޭޓު އުޅެނީ 60 އިންސައްތާގަ އެވެ.
އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިމަހުގެ 12 އިން 18 އަށް ރާއްޖެއިން 405 ކޮވިޑް ކޭސް ވަނީ ފެނިފަ އެވެ. އެއީ މާލޭ ސަރަހައްދުން 231، އަތޮޅުތަކުން 79، އަދި ހަދަމުންދާ ރިސޯޓުތަކުން 95 ކޮވިޑް ކޭހެެވެ. ހޮސްޕިޓަލުގައި 17 މީހުން އެޑްމިޓުކޮށްގެން ފަރުވާދެމުންދާއިރު، މުޅި ޖުމްލަ ރާއްޖެއިން މިހާތަނަށް 180،384 ކޮވިޑް ކޭސް ވަނީ ފެނިފަ އެވެ.
މިދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެތެރޭގެ އަދި ރާއްޖޭން ބޭރަށް ދަތުރުތަކާއި އެއްވުންތަކާއި، ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ، ކޮވިޑާއި، އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތުވެސް އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވީ ކަންކަން ވެސް އެޗްޕީއޭ ރޭ ނެރުނު ބަޔާނުގައި ވަނީ އާއްމުކޮށްފަ އެވެ.