ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސްކޮލަޝިޕް ފަންޑު ލިބޭ 3 ދަރިވަރުން ހޮވައިފި
ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިމެނޭ ބީއެމްއެލްގެ ސްކޮލަޝިޕް ފަންޑު ލިބުނު ތިން ދަރިވަރުންގެ ނަން ބޭންކުން އިއުލާންކޮށްފި އެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި އެ ބޭންކުން ތައާރަފްކުރި ފަންޑެކެވެ.

މި އަހަރު މި ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބުނު ތިން ދަރިވަރުންނަކީ އަހުމަދު ނިސާލް އާއި އާމިނަތު މައިސާ ނިޔާޒްގެ އިތުރުން އިސްމާއިލް ޒަކްވާން ޝިހާދު އެވެ. 

މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ މި ސްކޮލަޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ލީޑަޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން މި ސްކޮލަޝިޕަށް ހޮވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްވެސްމެ." ސީއީއޯ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މި ސްކޮލަޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި މަތީ ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް