
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެއެވެ. އެ އަދަދު ނެތްނަމަ އޮންނަ ގޮތަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރުމެވެ.
މެންބަރުން ހަމަނުވެ އޮވެގެން ނޯޓިސް ދިން ޕާޓީތައް
- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)
- ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދެވި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)
- ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)
- ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީ
މެމްބަރުން ހަމަކުރަން ދިން މުއްދަތު މިމަހު 14 ވަނަ ދުވަހު ހަމަވިއިރު، ހަތަރު ޕާޓީންވެސް އެއަދަދަށް ފޯމު ހުށަހަޅާފައިވާތީ އީސީން މިވަގުތު ކުރަމުންދަނީ ހުށަހަޅާފަވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ. އޭގެތެރެއިން ސައްހަކަން ކަށަވަރުކޮށް އުވާލާ ލިސްޓުން ނަގާފައިވާކަން އެމްއާރްއެމްއަށް މިމަހުގެ 15 ވަނަ ދުވަހު އީސީން އަންގާފަވާއިރު، ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް އެމްޓީޑީއަށްވެސް އެ ޕާޓީ އުވާލާ ލިސްޓުން ނަގާފަވާކަން މިއަދު ވަނީ އަންގާފަ އެވެ.
އެމްޓީޑީއަށް މެމްބަރުން ހަމަކުރަން މުހުލަތުދީ ނޯޓިސް ފޮނުވިއިރު، އެޕާޓީގައި ތިބީ 2489 މެމްބަރުން ނެވެ. އެމްޓީޑީ ރަޖިސްޓްރީކޮށްފައިވަނީ، 2018ވަނަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ. މި ޕާޓީގެ ރައީސް އަދީބު މިވަގުތު ހުރީ އެމްއެމްޕީއާރްސީ މައްސަލާގައި ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ނަމަވެސް ބަލި ހާލަތުގެ ސަބަބުން ކަމަށް ބުނެ އޭނާ ޖަލު ހުކުމް ތަންފީޒުކުރަނީ ގޭބަންދުގައި ހުރެގެން ނެވެ.
އެމްއާރްއެމް
ނޯޓިސް ދިން އިރު އެމްއާރްއެމްގައި ތިބީ 2280 މެމްބަރުންނެވެ. މުއްދަތު ހަމަވުމުގެ ނިޔަލަށް އެޕާޓީން ހުށަހެޅި 1397 ފޯމާއިއެކު ޕާޓީގައި މިވަގުތު 3677 މެމްބަރުން އެބަތިއްބެވެ.
އެމްޓީޑީ
ނޯޓިސް ދިން އިރު އެމްޓީޑީގައި ތިބީ 2457 މެމްބަރުންނެވެ. މުއްދަތު ހަމަވުމުގެ ނިޔަަލަށް އެޕާޓީން ހުށަހެޅި 962 ފޯމާއިއެކު ޕާޓީގައި މިވަގުތު 3419 މެމްބަރުން އެބަތިއްބެވެ.
ޑީއާރްޕީ
ނޯޓިސް ދިން އިރު ޑީއާރްޕީގައި ތިބީ 2269 މެމްބަރުންނެވެ. މުއްދަތު ހަމަވުމުގެ ނިޔަލަށް އެޕާޓީން ހުށަހެޅި 788 ފޯމާއިއެކު ޕާޓީގައި މިވަގުތު 3057 މެމްބަރުން އެބަތިއްބެވެ.
އެމްއެލްއެސްޑީޕީ
ނޯޓިސް ދިން އިރު އެމްއެލްއެސްޑީޕީގައި ތިބީ 2691 މެމްބަރުންނެވެ.މުއްދަތު ހަމަވުމުގެ ނިޔަލަށް އެޕާޓީން ހުށަހެޅި 376 ފޯމާއިއެކު ޕާޓީގައި މިވަގުތު 3067 މެމްބަރުން އެބަތިއްބެވެ.