ads
އިސްލާމީ މަރުކަޒުގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާގިނަ ވަގުތު ކުދިންނަށް ނަސޭހަތް ދޭނަމަ އެކުދިން ފޫހިވާނެ: ހުތުބާ
މައިންބަފައިން ދަރިންނަށް ނަސޭހަތް ދޭއިރު، އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ނަސޭހަތް ދިނުމަކީ ވަރަށް މުހިއްމު ކަމަށާއި ހަރުކަށި އިބާރާތް ބޭނުން ކުރުމާއި، މާ ގިނައިރު ނަސޭހަތް ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އަލިއަޅުވާލާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ ދަރިންނަށް ލޯބި ދިނުމާއި، އޯގާތެރިވުމަކީ އެ ދަރިންގެ އަހުލާގަށާއި ސުލޫކަށް ވަރަށް ހެޔޮ އަސަރެއް ކުރާނެ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ކުޑަކުދިންނަކީ، ވިސްނުމާއި، އިޖާބަ ދިނުމާއި، ހަލަބޮލިކަމާއި، މިޒާޖުގައި ވެސް ތަފާތު ބައެއް ކަމަށާއި އެގޮތުން ބައެއް ކުދިންނަކީ ވަރަށް މަޑުމައިތިރި މިޒާޖުގެ ކުދިން ކަމަށާއި އަނެއް ބައި ކުދިންނަކީ ވަރަށް ސަކަ މިޒާޖުގެ ކުދިން ކަމަށެވެ. 

ދަރިންނަށް ނަސޭހަތް ދިނުމުގައި މާގިނަ ވަގުތު ހޭދަ ކުރުމަކީ އޭގެ ސަބަބުން ކުދިން ފޫހިވެ، ބައެއް ފަހަރު ނަފްސާނީ އަސަރުތަކެއް ކޮށްފާނެ ކަމެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނީ ދަރިންނަށް ނަސޭހަތް ދޭއިރު އެކުދިން ނިކަމެތިކޮށްލާ ފަދަ ބަސްތައް ބުނެ، އެހެން ކުދިންނާ އަޅާކިޔާނަމަ، ކުއްޖާއަށް އެކުއްޖާއަކީ އެއްވެސް އަގެއް ނެތް ގޯސް ކުއްޖެއް ކަމަށް ވިސްނޭ ކަމަށެވެ. 

އޭގެ އިތުރުން ހުތުބާގައި ބުނީ ބައެއް މީހުން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ، އެ ކުދިންގެ އުމުރާއި ބޭނުން ތަކަށް ނުބަލައި އެ ކުދިން ބޭނުން ވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދިނުން ކަމަށާއި އަދި ދަރިންގެ ހިތަށް ތަދުވެދާނެތީ މާ ބޮޑު ބެލެހެއްޓުމެއް ނެތި، އެކުދިން ބޭނުންހާ ކަމެއްކޮށް ބޭނުން ތަނަކަށް ގޮސް އުޅުމުގެ މިނިވަންކަން ދިނުން ކަމަށެވެ. 

ނަމަވެސް ދަރިން ދެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިޔަތަކުން އެ ދަރިން ތަރުބިޔަތު ކުރުންކަން ފާހަގަކޮށް ހުތުބާގައި ބުނީ ހަލާލު އާމްދަނީން އެ ދަރިންނަށް ރަނގަޅު ތައުލީމު ދީ، ފައިދާ ހުރި ކާނާ އާއި، ފޭރާން ހޯދައިދިމާއި ދަރިންގެ އުމުރާ ގުޅޭ ގޮތަށް ބޭނުންތައް ފުއްދައިދިނުމަކީ ދަރިން ދެކެ ލޯބިވުން ކަމަށެވެ.

އެގޮތުން ކުދީންގެ އުޅުމާއި، އަގްލާގާއި، ސުލޫކު ރަނގަޅު ކުރުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށެވެ. 

އޭގެ އިތުރުން ދަރިން ތަރުބިޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ، މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެން ކަމަށާއި އަދި މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ، އެންމެ ފުރަތަމަ މައިންބަފައިން އެކަންތައް ތަންފީޒުކޮށް ކުދިންނަށް މަނާ ކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެން ކަމަށެވެ. 

ހުތުބާގައި އިތުރަށް ބުނީ ބަވަނަވެފައިވާ މިފަދަ ޒަމާނެއްގައި އިންޓަނެޓަކީ ދެ މިޔަލީ ކަނޑިއެއް ފަދަ އެއްޗެއް ކަމަށާއި އެގޮތުން އިންޓަނެޓަށް ވަދެވޭ ގޮތަށް ލެޕްޓޮޕާއި، ފޯނާއި، އެ ނޫންވެސް ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދަރިންނަށް ދޭންޖެހޭ ހާލަތްތަކުގައި، މައިންބައިން ހާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ. 

އަދި ދަރިން އެ ފަދަ ވަސީލަތްތަކުގެ ބޭނުން ހިފަނީ ރަނގަޅު ގޮތުގައިތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމުން ޓީވީ ޗެނަލްތަކުން ދައްކާ ކުޑަކުދިންގެ ޕްރޮގްރާމުތަކަކީ އެ ކުދީންނާ އެކަށީގެންވާ، އަދި އަޚްލާޤީ މިންގަޑުތަކާއި އިސްލާމް ދީނާ ފުށުނާރާ ޕުރޮގްރާމްތަކެއްތޯ ބަލައި ކަށަވަރު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް