ފޮލޯޓިން މަސައްކަތް ހުއްޓުވާފަވަނީ އިންވަޔަރެމެންޓް މިިނިސްޓަރު އައިމިނަތު ޝައުނާކަމަށް ވިދާޅުވެ، އިއްޔެ ވަޓްސްއެޕް ގްރޫޕުގައި ވާހަކަދެއްކެވުމަށްފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަސައްކަތް ހަވާލުކުރެއްވި ކުންފުނީގެ ދަތުރު، އަނބޮއްފުޅާއި ދަނބޮއްފުޅުގެ ދަތުރުގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްގީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާ އެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން ރައީސް ނަޝީދު އިއްޔެ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރު މީޑިއާގައި ހާމަ ކުރި ނަމަވެސް، އެކަނޮމިކް ކައުންސިލް އިން މިނިސްޓަރު ޝައުނާ ވެސް ވޯޓު ދެއްވާ އެކަން ހުއްޓުވި ކަމަށެވެ. އަދި ސަރުކާރުން ޑަޗް ޑޮކްލޭންޑް އަށް އެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ދައްކާފައި ނުވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން އެ މަސައްކަތް ސަރުކާރުން ހުއްޓުވީ، މި ޕްރޮޖެކްޓް އަކީ އެމަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓް އެއް ކަމަށްވުމުން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، މިހާރު ގަސްތު ކުރަނީ ޑަޗް ޑޮކްލޭންޑް އަށް މިކަން ހިނގާ ގޮތް ސާފު ކޮށްދީ ރާއްޖޭގައި މި މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ލަފާ އެރުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގައި ފަސް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަޅެއްގައި 5،000 ގެދޮރު އެޅުމަށް ނިންމާފައިވެ އެވެ. އެތަނުގައި ފުރަތަމަ ހަދާ ގެތަކަށް ޒިޔާރަތްކޮށް، ދުނިޔޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސް ވެގެންދާނެ ކަމަށް ޑަޗް ޑޮކްލެންޑުން މީގެ ކުރިން ބުންޏެވެ.
ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. އެ ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހުންނާނެ އެވެ. ގެތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގަ އެވެ.