ads
ޑީކޯ ޗެމްބަރު، ހުވަދޫގައި ގާއިމުކުރުމަށް ގޮވާލާ މުޒާހަރާ ކުރަނީ--
ޑީކޯ ޗެމްބަރު އައްޑޫގައި ގާއިމުކުރާތީ ހުވަދޫ މަސްވެރިން މުޒާހަރާ ކުރަނީ
ފީނަން އުޅުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވާ ފަރާތްތަކަށް ފަރުވާދެވޭނެ ހާއްސަ ޗެމްބަރެއް އައްޑޫ ސިޓީގައި ގާއިމުކުރަން ނިންމާފައިވާތީ އެކަމާ ކަންބޮޑުވެ ހުވަދު އަތޮޅުގެ މަސްވެރިން މުޒާހަރާ ކުރަމުން އެބަދެ އެވެ.

އެކަމާ ކަންބޮޑުވެ ހުވަދޫ އަތޮޅުގެ އެކި ރަށްރަށުގެ މަސްވެރިން އަންނަނީ ޕޯސްޓަރުތައް ހިފައިގެން ތިބެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ގއ. ނިލަންދޫ އާއި ގދ. ތިނަދޫ އަދި ގއ. ގެމަނަފުށީގައި ފަދަ ރަށްރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ މި މުޒާހަރާގައި ބައިވެރިވަމުންނެވެ.

މުޒާހަރައިގެ ބައިވެރިން ބުނަމުން ދަނީ ރާއްޖޭގައި އެންމެ ގިނަ މަސްވެރިން ތިބީ ހުވަދޫގައި ކަމަށާއި އަދި މިހާތަނަށް ޑީކޯވެ ފަރުވާދޭން އެންމެ ގިނައިން ޖެހުނީ ވެސް ހުވަދޫގެ މަސްވެރިންނަށް ކަމަށެވެ.

އެހެންކަމުން، ޑީކޯ ޗެމްބަރެއް ހުވަދޫއަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށާއި މަސްވެރިންގެ އަޑު އަހައި، އައްޑޫގައި ޑީކޯ ޗެމްބަރު ގާއިމުކުރަން ނިންމި ނިންމުން ބަދަލުކޮށްދިނުމަށް ސަރުކާރަށް މަސްވެރިން ދަނީ ގޮވާލަމުންނެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަހަރު އެން ހޯދުމަށް ފީނާ މީހުންގެ ތެރެއިން ޑީކޯވާ މީހުން ހޭލުންތެރި ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި އަދި އައްޑޫގައި ޑީކޯ ޗެމްބަރެއް އަންނަ މަހު ހުޅުވިގެންދާނެ ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓުގައި ބަހައްޓާފައިވާ ޑީކޯ ޗެމްބަރުގެ ހިދްމަތް ހުއްޓާލުމާއި ގުޅިގެން އެކަމުގެ ޝަކުވާ ދެކުނުގެ މަސްވެރިން ވަނީ ރައިސް ސޯލިހަށް ކުރިން ވެސް ހުށަހެޅި އެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އައްޑޫގެ މަސްވެރިން ވަނީ އެމަނިކުފާނާއި ބައްދަލުކޮށް އެ ޝަކުވާ ހުށަހަޅާފައި ކަމުން އެމަނިކުފާނު ވަނީ އައްޑޫގައި ޑީކޯ ޗެމްބަރެެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ފުޅިއާއެކު ފުނަށް ފީނާ ނިމުމަށް ފަހު މައްޗަށް އަރަން ޖެހެނީ ވަކި ގޮތަކަށް ނަމަވެސް ޑީކޯ ވަނީ އަމަލުކުރަން އޮންނަ ގޮތަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކަކުން ލޭ ހޮޅި ބެދިގެންނެވެ. ޑީކޯވާ މީހަކަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ މީހާގެ ވާގި ނެތުން ނުވަތަ މަރުވުން ވެސް ގާތެވެ. 

ޑީކޯވާ މީހުން، ޗެމްބަރަށް ލައިގެން ފަރުވާ ދޭން ޖެހޭއިރު ޗެމްބަރަށް ގެންދެވެންދެން އެމީހުންނަށް އޮކްސިޖަންގެ އެހީގައި ފަރުވާ ދޭން ޖެހެ އެވެ. ނޫން ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް