މަދުވެގެން 17 އަހަރުގެ ޖަލު އަދެބެއް އަންނާނެ ތިން ދައުވާއެއް ކޮށްފައިވާ ޔާފިސް، ރައީސް ނަޝީދަށް އިންޒާރުދިނީ އެ މަނިކުފާނު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ބުނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް" ހަދައިލާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ފުލުހުން އޭނާ ބަންދުކޮށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ވަނީ ރައީސް ނަޝީދު މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ނަޝީދަށް އިންޒާރުދިން މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ވާހަކަތައް ހުރިގޮތުން އެ މައްސަލަ ބައްލަވާ ގާޒީ، ދީބާނާޒް ފަހުމީ ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ސުވާލު ކުރައްވާފަ އެވެ. މިކަމަށް ޖަވާބު ދެމުން އޭނާ ބުނީ، 2013 ވަނަ އަހަރު އޭނާ ނަފުސާނީ ބައްޔެއް ކަމުގައިވާ "ސްކިޓްސްފްރީނިއާ" އަށް ފަރުވާ ހޯދި ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ނަފްސާނީ މައްސަލަތަކެއް އޭނާއަށް ދިމާވެގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އޭރު އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށް ދިފާއީ ވަކީލަކުވެސް ބޭނުންނުވާކަމަށް ބުނެފަ އެވެ.
އެދުވަހު އަޑުއެހުމުގައި ގާޒީ ވަނީ އެކަމުގެ ލިޔެކިއުންތައް ހޯދުމަށް އަންގާފަ އެވެ. އޭގެފަހުން މިއަދު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވީ ދިފާއީ ވަކީލަކާއިއެކު އެވެ. އޭނާގެ ވަކީލު މިއަދު ވަނީ، ޔާފިސްގެ ބުއްދީގެ އުނިކަމެއް ފާހަގަވާތީ ނަފްސާނީ ހާލަތުގެ އެސެސްމެންޓެއް ހެދުމުގެ އަމުރެއް ނެރެދޭން އެދިފަ އެވެ. އަދި ގާނޫނުލް އުގޫބާތުގައިވާ ގޮތުން މައާފު ލިބިދެނިވި ދިފާއު ޔާފިސްއަށް ހައްގުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ދެފަރާތުން މިމައުލޫގައި ދެއްކެވި ވާހަކަތަކަށް ބެލުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް މިއަދު ވަނީ ޔާފިސް ބަންދުގައި ބެހެއްޓޭ ވަރަށް ނަފްސާނީ ހާލަތު ތަންދޭތޯ ބެލުމާއިއެކު ނަފްސާނީ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހެދުމުގެ އަމުރު ނެރެދީފަ އެވެ.
ޔާފިސަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ޔާފިސް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް، 2020 ވަނަ އަހަރުން ފެށިގެން ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯމްތަކުގައި ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގައެވެ.
ކުރާ ދައުވާތައް
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން
- ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިންކަމަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުނެއެވެ.
މިހުރިހާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރ. މީދޫގައި ހުއްޓާ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ޔާފިސް ހައްޔަރުކުރީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ރައީސް ނަޝީދު ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް ރައީސް ނަޝީދު އަބުރާ ރާއްޖެ އައިސްފިނަ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ނެވެ.
ޔާފިސް އޭގެފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި ވެސް ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް އެދުވަހުވެސް ޔާފިސް އެއް މަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.
ޔާފިސް ވަނީ ރައީސް ނަޝީދު އަބުރާ ރާއްޖެ އައިސްފިނަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހާދާނަން" ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށްވެސް އޭނާ ވަނީ ފަހުން ރިޕްލައިކޮށް ހައެއް މެއި ގައި އެތަން ފެނުނުކަމަށާއި، ދެން ފަހަރަކުން އެއަށްވުރެ ހިތިވާނެ ކަމަށް ބުނެ ކޮމެންޓުކޮށްފައެވެ. އެކޮމެންޓުތަކުގައި ކަޅުދިދައަކާއި ކަނޑީގެ އިމޯޖީއެއް ވެސް ހިމަނާފައިވެެ އެވެ.